ޓީމް ޕްރޮފައިލް: މޮރޮކޯ
ޓީމް ޕްރޮފައިލް: މޮރޮކޯ

މޮރޮކޯ އަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން، ވޯލްޑް ކަޕްގައި ތާރީހީ ނަތީޖާތަކެއް ނެރެފައިވާ އެއް ގައުމެވެ. އެގޮތުން އެއީ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި އެއްވަނަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމެވެ. ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމަކީ ވެސް މޮރޮކޯ އެވެ. މިކަން މޮރޮކޯ އިން ހާސިލްކުރީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެ އަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މޮރޮކޯ ވަނީ ޕޯޗުގަލް އާއި އިންގްލެންޑް އަދި ޕޯލެންޑާ ވާދަކޮށް ގުރޫޕްގެ އެއްވަަނަ ހޯދައިފަ އެވެ. މޮރޮކޯގެ ފުރަތަމަ ކުޅުނީ 1970 ގެ ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން 1986، 1994 އަދި 1998ގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ. އެކަމަކު މިއީ 20 އަހަރަށް ފަހު ވޯލްޑް ކަޕްގައި މޮރޮކޯ ވާދަކުރާ ފުރަތަމަ ފަހަރެވެ.

މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާ ކޮލިފައިން ބުރުގެ ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މޮރޮކޯ މި ގުރޫޕްގެ އެއްވަނަ ހޯޯދީ ވަރުގަދަ އައިވަރީ ކޯސްްޓް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ތިން މެޗު އެއްވަރުކޮށް ލިބުނު 12 ޕޮއިންޓާ އެކު މޮރޮކޯ ކޮލިފައިވި އިރު، ދެވަނައިގައި އޮތް އައިވަރީ ކޯސްޓަށް ލިބުނީ އަށް ޕޮއިންޓެވެ. މޮރޮކޯ ގުރޫޕްގެ އެއްވަނަ ހޯދީ ކޮލިފައިންގެ ފަހު މެޗުގައި އައިވަރީ ކޯސްޓް އަތުން 2-0 އިން މޮޅުވެގެންނެވެ.

މޮރޮކޯގެ ކޯޗަކީ އެފްރިކާ ފުޓްބޯޅައިގައި ރަނގަޅު ތަޖުރިބާތަކެއް ކޮށްފައިވާ ކޯޗު ހަވޭ ރެނާޑެވެ. ފްރާންސަށް އުފަން ރެނާޑް ވަނީ މީގެ ކުރިން ޒެމްބިއާ އާއި އައިވަރީ ކޯސްޓަށް ކޯޗުކޮށްދީފަ އެވެ. ރެނާޑް އިރުޝާދުގެ ދަށުން 2012 ވަނަ އަހަރު ޒެމްބިއާ އެފްރިކަން ކަޕް ކާމިޔާބުކުރިއިރު، 2015 ގައި އައިވަރީ ކޯސްޓް އިން އެ މުބާރާތުގެ ތަށި ހޯދީ ވެސް ރެނާޑްގެ އިރުޝާދުގެ ދަށުންނެވެ.

މޮރޮކޯގެ ޓީމާ ހަވާލުވުމުގެ ކުރިން ރެނާޑް ހުރީ ފްރާންސްގެ ލިލްގެ ކޯޗަށެވެ. މޮރޮކޯގެ ކޯޗުކަމާ 2016 ގައި ރެނާޑް ހަވަލުވެ، އެންމެ ބޮޑު ޒިންމާއަކަށް ވީ މި އަހަރުގެ ވޯލްޑް ކަޕަށް މޮރޮކޯ ކޮލިފައިކޮށްދިނުމެވެ. އޭނާ ވަނީ އެކަން ހާސިލްކޮށްފަ އެވެ. މި ކާމިޔާބީއާ ގުޅިގެން، މޮރޮކޯ އިން ވަނީ އޭނާގެ ކޮންޓްރެކްޓް 2022 ވަނަ އަހަރަށް އިތުރުކޮށްފަ އެވެ.

މަހުދީ ބެނާޝިއާ: މޮރޮކޯގެ ކެޕްޓަން ބެނާޝިއާ އަކީ އެ ޓީމުގެ ޑިފެންސްގެ މުހިންމު ތަނބެވެ. ޔުވެންޓަސް އަށް ކުޅެމުން އަންނަ އުމުރުން 31 އަހަރުގެ ބެނާޝިއާ އަކީ މޮރޮކޯގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އޭނާގެ ކެރިއަރު ފެށީ ފްރާންސްގެ މާސޭ އިންނެވެ. އެ ކްލަބުގައި ތިން އަހަރު ހޭދަކުރުމަށް ފަހު އިޓަލީގެ އުދިނޭޒީ އަށް ބަދަލުވި އެވެ. އޭގެ ފަހުން އޭނާ ވަނީ ރޯމާ އާއި ބަޔާން މިއުނިކަށް ވެސް ކުޅެފަ އެވެ. ބެނާޝިއާ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރެވެ. މޮރޮކޯއާ އެކު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތިން މުބާރާތެއްގައި ބެނާޝިއާ ވަނީ ކުޅެފަ އެެވެ.

ޔޫނަސް ބެލަންޑާ: ޔޫނަސް ބެލަންޑާ އަކީ ހުނަރުވެރި އެޓޭކިން މިޑްފީލްޑަރެކެވެ. އޭނާ ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަަނަ އަހަރެވެ. ފްރާންސްގެ މޮންޕެލިއޭ އިން ކެރިއަރު ފެށި ޔޫނަސް ޑައިނަމޯ ކިއޭވް އާއި ޝާލްކާ އަދި ނީސްް އަށް ކުޅުނެވެ. މިހާރު ކުޅެމުން އަންނަނީ ތުރުކީގެ ގަލަޓަސަރާއީއަށެެވެ. އުމުރުން 28 އަހަރުގެ ޔޫނަސް އަކީ މޮރޮކޯގެ އެޓޭކްގައި މުހިންމު ކުޅުންތެރިއެކެވެ.

މި ގުރޫޕްގައި ފޭވަރިޓަކީ ސްޕެއިން އާއި ޕޯޗުގަލް އެވެ. މޮރޮކޯ އާއި އީރާނަށް ދެވަނަ ބުރުގެ ޖާގައެއް ލިބިދާނެ ކަމަށް ތަޖުރިބާކާރުން ލަފައެއް ނުކުރެ އެވެ. އެކަމަކު މީގެ ކުރިން ވެސް އެފްރިކާގެ ގައުމުތަކުން "ސަޕްރައިޒިން" ނަތީޖާތަކެއް ވަނީ ނެރިފައިވެ އެވެ. އެހެންކަމުން މޮރޮކޯގެ ފަރާތުން ވެސް "ސަޕްރައިޒް" އެއް ފެނުމުގެ ފުުރުސަތު އެބަ އޮތެވެ.