ޓީމް ޕްރޮފައިލް: ބްރެޒިލް
ޓީމް ޕްރޮފައިލް: ބްރެޒިލް

ބްރެޒިލް އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމެވެ. މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކުރުމުގެ ހަމައެކަނި ޝަރަފު އޮތީ ވެސް ބްރެޒިލް އަށެވެ.މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައި ވަނީ ވެސް އެ ގައުމެވެ. އެގޮތުން 1958، 1962، 1970 ،1994 އަދި 2002ގެ ތަށި އުފުލައިލި އެވެ.

ޓީމް ޕްރޮފައިލް: ބްރެޒިލް
ޓީމް ޕްރޮފައިލް: ބްރެޒިލް

ބްރެޒިލް އަކީ ފުޓްބޯޅަ އަށް މަރުދޭ ގައުމެކެވެ. ފުޓްބޯޅަ އަކީ ބްރެޒިލްގެ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ، ގައުމީ ކުޅިވަރެވެ. އަބަދުވެސް ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން އެ ގައުމުން އުފެދެ އެވެ.

ނަމަވެސް 2002 ވަނަ އަހަރަށް ފަހު ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ބްރެޒިލަށް އުންމީދުކުރި ފެންވަރުގެ ކާމިޔާބެއް ނުލިބެ އެވެ. އަމިއްލަ ގައުމުގައި 2014 ގައި އޮތް މުބާރާތަށް ފޮނި އުންމީދަކާ އެކު ނިކުތް ނަމަވެސް، ސެމީ ފައިނަލްގައި ޖަރުމަން އަތުން ބަލިވީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ބްރެޒިލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް ކުރިމަތިލާން ޖެހުނު އެންމެ ލަދުވެތި ނަތީޖާ އެވެ.

ބްރެޒިލް އަކީ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމެވެ. ކޮލިފައިންގެ ވަކި ހިސާބަކުން ބްރެޒިލުން ވަނީ ނަތީޖާ ރަނގަޅުކޮށް، ޖެހިޖެހިގެން ނުވަ މެޗު ކާމިޔާބުކޮށްފަ އެވެ. ކޮލިފައިންގައި ބްރެޒިލް ކުޅުނު 18 މެޗުގެ ތެރެއިން 12 މެޗުން މޮޅުވި އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. ކޮލިފައިންގައި ބްރެޒިލް 41 ލަނޑު ޖެހިއިރު، ބައިކޮޅަށް ވަނީ 11 ލަނޑެވެ.

ބްރެޒިލްގެ ކޯޗުކަމާ ޓީޓޭ ހަވާލުވީ 2016 ވަނަ އަހަރެވެ. އޭނާ އެ މަގާމާ ހަވާލުވިއިރު، އެ ޓީމު އޮތީ ކޮލިފައިން ތާވަލްގެ ހަ ވަނައިގަ އެވެ. އެކަމަކު ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލަށް ބޮޑެތި ކުރިއެރުންތައް ހޯދައިދިނެވެ. ޖެހިޖެހިގެން ނުވަ މެޗުން މޮޅުވެ، ބްރެޒިލް ވަނީ އެންމެ ފުރަތަމަ ޓީމުގެ ގޮތުގައި ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. ކޯޗިން ކެރިއަރުގައި ޓީޓޭ މީގެ ކުރިން ބްރެޒިލް އާއި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކޯޗުކޮށްދިނެވެ. ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ޓީޓޭ ހުރީ ބްރެޒިލްގެ ކޮރިންތިއަންސްގެ ކޯޗަކަށެވެ.

ނޭމާ: ބްރެޒިލްގެ ތަރި އަކީ ނޭމާ އެވެ. މި ވަގުތު ބްރެޒިލް އުންމީދުތައް ގުޅިފައިވަނީ އޭނާއާ އެވެ. އެކަން 2014 ގެ ބްރެޒިލްގައި އޮތް ވޯލްޑް ކަޕުން ވެސް ފެނުނެވެ. ކުއާޓާ ފައިނަލްގައި ލިބުނު އަނިޔާއަކާ ގުޅިގެން ނޭމާ އަށް ސެމީ ފައިނަލްގައި ނުކުޅެވުނެވެ. ބްރެޒިލްގެ ގިނަ ސަޕޯޓަރުން ގަބޫލްކުރާ ގޮތުގައި އެ މެޗުގައި ނޭމާ ކުޅުނު ނަމަ، ނަތީޖާ ތަފާތުވާނެ އެވެ. ބްރެޒިލްގެ ސަންތޯސް އިން ކެރިއަރު ފެށި ނޭމާ އަށް ވަނީ ވޯލްޑް ކަޕް ގާތްވެފައިވަނިކޮށް އަނިޔާވެފަ އެވެ. އެކަމަކު އޭނާ ވޯލްޑް ކަޕަށް މުޅިން ފިޓުވާނެ ކަމުގެ ޔަޤީންކަމާ އެކު، ބްރެޒިލް އިން ވަނީ އޭނާ ސްކޮޑްގައި ހިމަނައިފަ އެވެ.

ފިލިޕް ކުޓީނިއޯ: ބާސެލޯނާ އަށް ކުޅެމުން އަންނަ ކުޓީނިއޯ އަކީ ބްރެޒިލް މިޑްފީލްޑްގައި ހުރި ކްރިއޭޓިވް ކުޅުންތެރިއެކެވެ. ބްރެޒިލްގެ ގައުމީ ޓީމަށް 2011 އިން ފެށިގެން ކުޅެމުން އަންނަ ކުޓީނިއޯގެ ފެންވަރު ފެނިގެން ދިޔައީ ލިވަޕޫލުންނެވެ. އެ މޮޅު ކުޅުމަށް ފަހު ބާސެލޯނާ އިން އޭނާ ގަތީ އެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ކުޓީނިއޯ ވަނީ މިހާތަނަށް 30 އަށް ވުރެ ގިނަ މެޗު ކުޅެ، ނުވަ ލަނޑު ޖަހައިފަ އެވެ.

ތިއާގޯ ސިލްވާ: ބްރެޒިލްގެ ޑިފެންސް ލައިންގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ ތިއާގޯ ސިލްވާ އެވެ. އުމުރުން 33 އަހަރުގެ ސިލްވާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 60 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ސިލްވާ އަކީ 2010 އަދި 2014ގެ ވޯލްޑް ކަޕްގައި ބްރެޒިލް ތަމްސީލްކުރި ކުޅުންތެރިއެކެވެ. މީގެ ތެރެއިން 2014 ގެ ވޯލްޑް ކަޕްގައި އޭނާ އަކީ ބްރެޒިލްގެ ކެޕްޓަނެވެ.

ގުރޫޕް އީގެ ފޭވަރިޓަކީ ބްރެޒިލް އެވެ. މި ގުރޫޕްގައި ބްރެޒިލްއާ އެކު އޮތީ ސްވިޓްޒަލޭންޑާއި ސާބިއާ އަދި ކޮސްޓަ ރީކާ އެވެ. އެހެންކަމުން މިއީ ބްރެޒިލް އަށް ނިސްބަތުން ފަސޭހަ ގުރޫޕަކަށް ވެދާނެ އެވެ.