ޓީމް ޕްރޮފައިލް: ސްވިޒަލެންޑް
ޓީމް ޕްރޮފައިލް: ސްވިޒަލެންޑް

މިއީ ސްވިޓްޒަލޭންޑް ވޯލްޑް ކަޕްގައި ވާދަކުރާ ނުވަ ވަނަ ފަހަރެވެ. އެ ގައުމު އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރެވެ. އަދި 1934، 1938 އަދި 1954ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވެ އަހަރުތަކެއް ހޭދަކުރުމަށް ފަހު، ސްވިޓްޒަލޭންޑް ދެން ފެނުނީ 1994ގެ ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން 2006 އާއި 2014ގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ.

ޓީމް ޕްރޮފައިލް: ސްވިޒަލެންޑް
ޓީމް ޕްރޮފައިލް: ސްވިޒަލެންޑް

ޔޫރަޕްގެ ކޮލިފައިންގެ ގުރޫޕް ބީގައި ސްވިޓްޒަލޭންޑަށް ލިބުނީ ދެވަނަ އެވެ. އެއް ވަނައިގައި އޮތް ޕޯޗުގަލް އާއި ސްވިޓްޒަލޭންޑް ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް، ލަނޑުގެ ތަފާތުން އެއްވަނަ ލިބުނީ ޕޯޗުގަލްއަށެވެ. އެެހެންކަމުން، ސްވިޓްޒަލޭންޑަށް ޖެހުނޖީ ޕްލޭއޮފް ކުޅޭށެވެ. ޕްލޭއޮފްގައި ނޯދަން އަޔަލޭންޑް އަތުން 1-0 އިން މޮޅުވެ ސްވިޓްޒަލޭންޑް ވޯލްޑް ކަޕުން ޖާގަ ހޯދި އެވެ.

ވްލަޑިމިއާ ޕެޓްކޮވިޗް ވަނީ މީގެ ކުރިން ސްވިޓްޒަލޭންޑްގެ މަޝްހޫރު ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޔަންގް ބޯއީސް އާއި ސިއޯން ހިމެނެ އެވެ. އޭގެ އިތުރުން އިޓަލީގެ ލާޒިއޯ އަށް ވެސް ކޯޗުކޮށްދިނެވެ. ލާޒިއޯއާ އެކު ހޭދަކުރި ދެ ސީޒަންގައި އޭނާ ވަނީ އިޓާލިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. ޕެޓްކޮވިޗް ސްވިިޓްޒަލޭންޑްގެ ޓީމާ ހަވާލުވީ 2014 ގަ އެވެ.

ޒެރްދާން ޝަކީރީ: ހުނަރުގެ ގޮތުން ބަލާއިރު، ޝަކީރީ އަކީ މި ވަގުތު ސްވިިޓްޒަލޭންޑްގެ ޓީމުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ އެެވެ. ޝަކީރީ ޔޫރަޕްގައި އެންމެ ފުރަތަމަ ވިދާލީ އެފްސީ ބާސެލްގަ އެވެ. އެ ޓީމުގައި އޭނާ ދެއްކި ކުޅުމާ އެކު، ބަޔާން މިއުނިކް އަށް ގެންދިޔަ އެވެ. އޭގެ ފަހުން އިންޓަ މިލާނަށް ކުޅުމަށް ފަހު، ޝަކީރީ މިހާރު ކުޅެނީ ސްޓޯކް ސިޓީއަށެވެ. ޝަކީރީ ،26، ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ.

ގްރަނިޓް ޝާކާ: އާސެނަލް އަށް ކުޅެމުން އަންނަ ޝާކާ އަކީ ސްވިޓްޒަލޭންޑް ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ޝާކާ ފުރަތަމަ ވިދާލީ ޖަރުމަން ލީގުގަ އެވެ. އެގޮތުން ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަށް ކުޅުމަށް ފަހު، އާސެނަލް އަށް ބަދަލުވީ 2016 ވަނަ އަހަރެވެ. ސްވިޓްޒަލޭންޑްގެ ޤައުމީ ޓީމަށް 2011 ގައި ކުޅެން ފަށައި މިހާތަނަށް 60 އަށް ވުރެ ގިނަ މެޗު ކުޅުނެވެ.

މި ގުރޫޕްގެ ފޭވަރިޓަކީ ބްރެޒިލް އެވެ. ބްރެޒިލްގެ ފަހަތުން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ކަމަށް ބެލެވެނީ ސްވިޓްޒަލޭންޑާއި ސާބިއާ އެވެ. އެހެންކަމުން، ގުރޫޕްގައި މި ދެ ޓީމު ބައްދަލުކުރާ މެޗަކީ ދެވަނަ ބުރުގެ ޖާގައެއް ހޯދަން މުހިންމު މެޗަކަށް ވާނެ އެވެ.