ޓީމް ޕްރޮފައިލް: އީރާން
ޓީމް ޕްރޮފައިލް: އީރާން

އީރާނަކީ އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ޓީމެކެވެ. އެގޮތުން އޭޝިއަން ކަޕް ތިން ފަހަރު ކާމިޔާބުކުރި އެވެ. އެއީ 1968، 1972 އަދި 1976 އެވެ.

ޓީމް ޕްރޮފައިލް: އީރާން
ޓީމް ޕްރޮފައިލް: އީރާން

ވޯލްޑް ކަޕަށް އީރާން އެންމެ ފުރަތަމަ ކޮލިފައިވީ 1978 ވަނަ އަހަރެވެ. އޭގެ ފަހުން ޖުމްލަ ފަސް ފަހަރު އީރާން ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. އެކަމަކު މިހާތަނަށް އެއްވެސް މުބާރާތެއްގެ ގުރޫޕް ސްޓޭޖް ފަހަނަައަޅައި ދެވޭ ގޮތެއްނުވެ އެވެ. ވޯލްޑް ކަޕްގައި ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.

އީރާން ވޯލްޑް ކަޕަށް ކޮލިފައިވީ ތިން ވަނަ ބުރުގެ ގުރޫޕް އޭގެ އެއްވަނަ މަގާމް ހޯދައިގެންނެވެ. ރަނގަޅު ޓީމުތަކެއް ހިމެނޭ ގުރޫޕް އޭގެ އެއް ވަނަ އީރާން އިން ހޯދީ 22 ޕޮއިންޓާ އެކު އެވެ. އީރާން ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވިއިރު، ހަަތަރު މެޗު އެއްވަރުވި އެވެ. އެއްވެސް މެޗަކުން ބައްޔެއްނުވެ އެވެ. މި ގުރޫޕްގެ ދެވަނަ ލިބުނީ ދެކުނު ކޮރެއާއަށެވެ. އީރާން ވަނީ ކުޅުނު 10 މެޗުގައި 10 ލަނޑު ޖަހައިފަ އެވެ. ބައިކޮޅަށް ވަނީ ދެ ލަނޑެވެ.

އީރާންގެ ކޯޗު ކާލޮސް ކުއެރޯޒް އަކީ ޔޫރަޕްގެ އެންމެ މަތީ ލެވެލްގެ ތަޖުރިބާ ހޯދާފައިވާ ކޯޗެކެވެ. ޕޯޗުގަލްގެ ކުއެރޯޒް ވަނީ ގިނަ އަހަރުތަކެއް ވަންދެން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެެވެ. ކުއެރޯޒް އަކީ ފާގަސަން އެންމެ އިތުބާރު ކުރާ އެއް ކޯޗެވެ. އޭގެ ފަހުން ކުއެރޯޒް ވަނީ ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެެވެ. އީރާންގެ ގައުމީ ޓީީމުގެ ކޯޗުކަމާ އޭނާ ހަވާލުވީ 2011 ވަނަ އަހަރެވެ. މިހާރު އޭނާ އަކީ އީރާންގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި މެދުނުކެނޑި އެންމެ ދިގު މުއްދަތެއްގައި ހުރި ކޯޗެވެ. ކުއެރޯޒްގެ އިރުޝާދުގެ ދަށުން އީރާން ވަނީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.

ރެޒާ ގޫޗަނެޖާދް: ރެޒާ އަކީ އީރާންގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އީރާންގެ ފޯވަޑްލައިންގައި މުހިންމު ކުޅުންތެރިއެއް ކަމަށްވާ ރެޒާ ،30، ގައުމީ ޓީމަށް ކުޅެން ފެށީ 2012 ވަނަ އަހަރެވެ. ރެޒާ ވަނީ 2014ގެ ވޯލްޑް ކަޕާއި 2015 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި އީރާނަށް ކުޅެފަ އެވެ. ރެޒާ މިހާރު ކުޅެމުން އަންނަނީ ނެދަލޭންޑްސްގެ ހޭރެންވީން އަށެވެ.

ސަރްދާރު އަަޒްމޫން: ޒުވާން ފޯވަޑް ސަރްދާރު އަޒްމޫނަކީ ގޯލާ ރައްޓެހި ފޯވަޑެކެވެ. މިހާރު ރަޝިއާގެ ރުބިން ކަޒާނަށް ކުޅެމުން އަންނަ އަޒްމޫން ގައުމީ ޓީމުގައި ހިމެނެން ފެށީ 2014 ވަނަ އަހަރެވެ. އަދި 2015 ގެ އޭޝިއަން ކަޕްގައި އީރާންގެ ޓީމުން އޭނާ ފެނުނެވެ. އަޒްމޫން ވަނީ އީރާންގެ ޓީމަށް ކުޅުނު ފުރަތަަމަ 30 މެޗުގައި 23 ލަނޑު ޖަހައިފަ އެވެ.

ސްޕެއިން އާއި ޕޯޗުގަލް ހިމެނޭ ގުރޫޕެއްގައި، އީރާނަށް ދެވަނަ ބުރަށް ދެވިދާނެ ކަމަށް ބުނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ފެންވަރުގެ ގޮތުން ބަލާއިރު ސްޕެއިން އާއި ޕޯޗުގަލް އަކީ މާ ވަރުގަދަ ދެ ޓީމެވެ. އެހެންކަމުން ދެވަނަ ބުރުގެ ޖާގައެއް އީރާނަށް މި ފަހަރު ވެސް ލިބޭނެ ކަމަކަށް ގިނަ ތަޖުރިބާކާރުން ގަބޫލެއް ނުކުރެ އެވެ.