ޓީމް ޕްރޮފައިލް: ޕޯޗުގަލް
ޓީމް ޕްރޮފައިލް: ޕޯޗުގަލް

ޕޯޗުގަލް އެންމެ ފުރަތަމަ ވޯލްޑަ ކަޕެއްގައި ވާދަކުރީ 1966 ވަނަ އަހަރެވެ. ޕޯޗުގަލްގެ ލެޖެންޑް ޔުސޭބިއޯގެ މޮޅު ކުޅުމާ އެކު، އެ އަހަރުގެ މުބާރާތުގެ ތިން ވަނަ އެ ގައުމުން ހޯދި އެވެ. އެކަމަކު ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕްގައި އެ ގައުމަށް ލިބުނު އެންމެ ރަނގަޅު ނަތީޖާއަކީ 2006 ގެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރުމެވެ. ބްރެޒިލްގައި އެންމެ ފަހުން 2014 ގައި އޮތް ވޯލްޑް ކަޕުން ޕޯޗުގަލް ކެޓީ ގުރޫޕް ސްޓޭޖުންނެވެ. މި އަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، ޕޯޗުގަލްގެ ސަޕޯޓަރުން ރަނގަޅު ނަތީޖާއަކަށް އުންމީދުކުރެ އެވެ. އޭގެ އެއް ސަބަބަކީ 2016ގެ ޔޫރޯ ޕޯޗުގަލް އިން ކާމިޔާބުކުރުމެވެ. މިއީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ޓީމް ޕްރޮފައިލް: ޕޯޗުގަލް
ޓީމް ޕްރޮފައިލް: ޕޯޗުގަލް

ޕޯޗުގަލް މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެކަމަކު ޕޯޗުގަލްއާ މި ގުރޫޕްގައި އޮތް ސްވިޓްޒަލޭންޑް އިން ވަރަށް ގާތުން ވާދަކުރި އެވެ. ޕޯޗުގަލް މުބާރާތަށް ކޮލިފައިވީ ފަހު މެޗުގައި ސްވިޓްޒަލޭންޑް އަތުން 2-0 އިން މޮޅުވެގެނެވެ. މި ނަތީޖާއާ އެކު ޕޯޗުގަލް އާއި ސްވިޓްޒަލޭންޑް ޕޮއިންޓްގެ ގޮތުން އެއްވަރުވި އެވެ. އެކަމަކު ލަނޑުގެ ތަފާތުން ޕޯޗުގަލް ވަނީ އެއް ވަނަ ހޯދައިފަ އެވެ. ޕޯޗުގަލް ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން، ނުވަ މެޗުން މޮޅުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ.

ފެނާންޑޯ ސަންތޯސް އަކީ މިހާރު ވެސް އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ހާއްސަ ޖާގައެއް ހޯދާފައިވާ ކޯޗެކެވެ. ޕޯޗުގަލް އިން 2016ގެ ޔޫރޯ ކާމިޔާބުކުރީ ސަންތޯސްގެ އިރުޝާދުގެ ދަށުންނެވެ. މިއީ ޕޯޗުގަލް އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. ސަންތޯސް ޕޯޗުގަލްގެ ޓީމާ ހަވާލުވީ 2014ގެ ވޯލްޑް ކަޕްގައި އެ ޓީމުން ނެރުނު ދަށް ނަތީޖާތަކާ އެކު، ޕައުލޯ ބެންޓޯ މަގާމުން ވަކިކުރުމުންނެވެ. އޭގެ ކުރިން ސަންތޯސް ވަނީ ޕޯޗުގަލް އާއި ގްރީސްގެ ގިނަ ކްލަބުތަކަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޕޯޗުގަލްގެ އެންމެ މަޝްހޫރު ކްލަބުތައް ކަމަށްވާ ބެންފީކާ އާއި ޕޯޓޯ އަދި ސްޕޯޓިން ލިސްބަން ހިމެނެ އެވ. ގްރީސްގެ ގައުމީ ޓީމަށް ވެސް އޭނާ ކޯޗުކޮށްދިނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ: ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަކީ ޕޯޗުގަލްގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެ އެވެ. ގައުމީ ޓީމާ އެކު ކާމިޔާބަކަށް ރޮނާލްޑޯ ކުރި އުންމީދު 2016 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަމާ އެކު ހާސިލްވި ނަމަވެސް، ވޯލްޑް ކަޕްގެ ތަށި އުފުލާލަން ވެސް އޭނާ ވަރަށް ބޭނުންވެ އެވެ. ކްލަބު ފުޓްބޯޅައިގައި އަދި އަމިއްލަ ގޮތުން ރޮނާލްޑޯ އަށް މިހާރު ނުލިބޭ ކާމިޔާބެއް ނެތެވެ. އޭނާގެ ކެރިއަރުގައި މިހާރު މަދުވަނީ ހަމައެކަނި ވޯލްޑް ކަޕްގެ ތައްޓާއި މެޑެއްޔެވެ. މިއީ 33 އަހަރުގެ ކުޅުންތެރިޔާއަށް އެ އުންމީދު ފުރިހަމަކުރަން ލިބޭ ފަހު ފުރުސަތަށް ވެސް ވެދާނެ އެވެ. އެހެންކަމުން އޭނާގެ އެންމެ މޮޅު ކުޅުން ފެންނާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރާނެ އެވެ.

ޕެޕޭ: ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ޕެޕޭ އަކީ ޕޯޗުގަލްގެ ޓީމުގެ ޑިފެންސް ލައިންގެ މައި ތަނބެވެ. އުމުރުން 35 އަހަރު ވެފައިވާ ޕެޕޭ އުފަންވީ ބްރެޒިލްއަށެވެ. އެކަމަކު އުމުރުން 18 އަހަރުގައި ޕޯޗުގަލްގެ ކްލަބު ފުޓްބޯޅަ އަށް ބަދަލުވި ގޮތަށް، އޭނާ ވަނީ އެ ގައުމުގެ ރައްޔިތަކަށް ވެފަ އެވެ. ފިޒިކަލް ގޭމެއް ކުޅޭ ޕެޕޭ ބޮޑަށް ވިދާލީ ޕޯޓޯގަ އެވެ. އެއަށް ފަހު، 2007 ގައި ރެއާލް މެޑްރިޑަށް ބަދަލުވެ، އެ ކްލަބުގައި ކާމިޔާބު 10 އަހަރު ހޭދަކުރި އެވެ. ޕެޕޭ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2007 ގަ އެވެ. ޕޯޗުގަލް އިން 2016 ގެ ޔޫރޯ ކާމިޔާބުކުރިއިރު، އޭގައި އޭނާ މުހިންމު ރޯލެއް އަދާކުރި އެވެ. ޕޯޗުގަލްގެ ޓީމަށް ދެ ވޯލްޑް ކަޕާއި، ތިން ޔޫރޯ މުބާރާތުގައި ޕެޕޭ ކުޅެފައިވެ އެވެ.

ބެނާޑޯ ސިލްވާ: ޕޯޗުގަލް އަކީ އަބަދުވެސް މޮޅެތި ޕްލޭމޭކަރުން އުފައްދާ ގައުމެކެވެ. މީގެ ކުރިން ޕޯޗުގަލްގެ ޓީމުން ވިދާލި ރުއި ކޮސްޓާ އާއި ޑެކޯ އަކީ ދުނިޔޭގެ ފެންވަރުގެ ޕްލޭމޭކަރުންނެވެ. މިހާރު އެ ކުޅުންތެރިންގެ ފިޔަވަޅު މަތީގައި، ޕޯޗުގަލް ޓީމުގެ ކްރިއޭޓިވް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައި ވަނީ މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އެވެ. މިއީ ސިލްވާ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޔޫރޯ 2016ގައި ޕޯޗުގަލްގެ ޓީމުން އޭނާ އަށް ފުރުސަތު ނުލިބުނީ އަނިޔާގެ ސަބަބުންނެވެ. އެހެންކަމުން މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ފެންވަރު ދައްކާލަން އޭނާ އަށް ލިބޭ ފުރަތަމަ ފުުރުސަތެވެ.

ގުރޫޕް ބީގައި ފޭވަރިޓުންނަކީ ސްޕެއިން އާއި ޕޯޗުގަލް އެވެ. މި ގުރޫޕްގައި ދެން އޮތީ މޮރޮކޯ އާއި އީރާނެެވެ. އެހެންކަމުން ޕޯޗުގަލް އަށް މި ގުރޫޕުން ދެވަނަ ބުރުގެ ފުރުސަތެއް ލިބޭނެ ކަމަށް ތަޖުރިބާކާރުން ގަބޫލްކުރެ އެވެ. އެކަމަކު މޮރޮކޯ އާއި އީރާނަކީ ބަލިކުރަން ފަސޭހަ ޓީމުތަކެއް ނޫނެވެ. އެހެންކަމުން ޕޯޗުގަލް އަށް މި ގުރޫޕުން ސަލާމަތްވުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.