01 ޖޫން 2018 - 00:00

މެކްސިކޯ އަކީ އުތުރު އެމެރިކާ ސަރަހައްދުން ވޯލްޑް ކަޕްގައި އާންމުކޮށް ވާދަކުރާ ގައުމެކެވެ. މިއީ މެކްސިކޯ ވޯލްޑް ކަޕްގައި ކުޅޭ 16 ވަނަ ފަހަރެވެ. އެމެރިކާގައި 1994 ގައި އޮތް ވޯލްޑް ކަޕުން ފެށިގެން، މެކްސިކޯ ދަނީ ގަވައިދުން އެ މުބާރާތަށް ކޮލިފައިވަމުންނެވެ.

މެކްސިކޯ އަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1970 އަދި 1986 ގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމެވެ. އެ ދެ އަހަރު ވެސް ވޯލްޑް ކަޕް ބާއްވާފައިވަނީ މެކްސިކޯގަ އެވެ.
ފީފާ ކޮންފެޑަރޭޝަންސް ކަޕާއި އޮލިމްޕިކްސްގެ ރަން މެޑަލް ހޯދާފައިވާ މެކްސިކޯ އަކީ އުތުރު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ގައުމެވެ. އުތުރު އެމެރިކާގެ ސަރަހައްދީ މުބާރާތް ކަމަށްވާ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން މެކްސިކޯ އިން ވަނީ ހަތް ފަހަރު ހޯދައިފަ އެވެ.
އުތުރު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާ އަށް ނިސްބަތްވި ނަމަވެސް، މެކްސިކޯ އަކީ ދެކުނު އެމެރިކާގެ ސަރަހައްދީ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ އިން ވެސް ދައުވަތު ލިބޭ ގައުމެކެވެ. ކޮޕާ އެމެރިކާގައި ވާދަކޮށްގެން ވެސް މެކްސިކޯ ވަނީ ރަނގަޅު ނަތީޖާތަކެއް ނެރިފަ އެވެ.
މެކްސިކޯ ވޯލްޑް ކަޕަށް ކޮލިފައިވީ އުތުރު އެމެރިކާ ކޮލިފައިންގެ ފަސް ވަަނަ ބުރުގެ އެއްވަނަ ޓީމުގެ ގޮތުގަ އެެވެ. މެކްސިކޯ އެއްވަނަ ހޯދިއިރު، ދެވަނައިގައި އޮތް ކޮސްޓަ ރީކާ އޮތީ ފަސް ޕޮއިންޓް ފަހަތުގަ އެވެ. ފަސް ވަަނަ ބުރުގައި ޖުމްލަ 10 މެޗު ކުޅުނުއިރު، މެކްސިކޯ ވަނީ ހަ މެޗުން މޮޅުވެފަ އެވެ. ތިން މެޗު އެއްވަރުވިއިރު، ބަލިވީ ރަށުން ބޭރުގައި ހޮންޑޫރަސް އަތުން އެކަންޏެވެ.
ކޮލަމްބިއާ އަށް އުފަން ކޯޗު ހުއާން ކާލޮސް އޮސޯރިއޯ، މެކްސިކޯގެ ގައުމީ ޓީމާ ހަވާލުވީ 2015 ވަނަ އަހަރެވެ. އޭގެ ކުރިން އޭނާ ވަނީ އުތުރު އެމެރިކާ އަދި ދެކުނު އެމެރިކާގެ ގިނަ ކްލަބުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އަދި 2001 އިން 2005 އަށް މެންޗެސްޓާ ސިޓީގެ ކޯޗިން ސްޓާފުންގެ ތެރޭގައި ވެސް މަސައްކަތްކުރި އެވެ.
ކުޅުންތެރިއެއްގެ ގޮތުގައި އޮސޯރިއޯ ވަނީ ކޮލަމްބިއާ އާއި ބްރެޒިލްގެ ކްލަބުތަކަށް ކުޅެފަ އެވެ. އެކަމަކު އަނިޔާއެއްގެ ސަބަބުން އުމުރުން އެންމެ 26 އަހަރުގައި ކުޅުން ހުއްޓާލަން ޖެހުނީ އެވެ.
އޮސޯރިއޯގެ އިރުޝާދުގެ ދަށުން މެކްސިކޯ މިހާތަނަށް ކުޅުނު 45 މެޗުގެ ތެރެއިން 30 މެޗުން ވަނީ މޮޅުވެފަ އެވެ. ބަލިވެފައިވަނީ ހަތް މެޗުންނެވެ.
ހަވިއޭ ހެނާންޑޭޒް: މެކްސިކޯގެ ތަޖުރިބާކާރު ފޯވަޑް ހަވިއޭ ހެނާންޑޭޒް އަކީ އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ. މެކްސިކޯގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހީ އިންގްލެންޑްގެ ވެސްޓް ހޭމް އަށް މިހާރު ކުޅެމުން އަންނަ ހެނާންޑޭޒް އެވެ. އެގޮތުން މިހާތަނަށް 49 ލަނޑު ޖަހާފައިވެ އެވެ. އަކީ 2010 އަދި 2014ގެ ވޯލްޑް ކަޕްގައި މެކްސިކޯގެ މުހިންމު ކުޅުންތެރިއެކެވެ.
މެކްސިކޯގެ ގުއަޑްލަހާރާގައި ކެރިއަރު ފެށި ހެނާންޑޭޒް މެންޗެސްޓާ ޔުނައިޓެޑަށް 2010 ގައި ބަދަލުވި އެވެ. އަދި ލޯނެއްގެ ގޮތުގައި 2014 /2015 ގައި ރެއާލް މެޑްރިޑަށް ކުޅުނެވެ. ޖަރުމަންގެ ބަޔާ ލޭވަކޫސަން އަށް ކުޅުމަށް ފަހު، ވެސްޓް ހޭމް އަށް އޭނާ ބަދަލުވީ 2017 ވަނަ އަހަރެެވެ.
ރައުލް ޖިމިނެޒް
ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އަންނަ ރައުލް އަކީ މެކްސިކޯގެ ކްލަބް އެމެރިކާ އިން ކެރިއަރު ފެށި ކުޅުންތެރިއެކެވެ. ސްޕެއިންގެ އެެތުލެޓިކޯ މެޑްރިޑަށް 2014 ގައި ބަދަލުވެ، އެ ކްލަބުގައި އެއް ސީޒަން އޭނާ ހޭދަކުރި އެވެ. އަދި ޖެހިގެން އައި އަހަރު ޕޯޗުގަލްގެ ބެންފީކާ އަށް އޭނާ ބަަދަލުވި އެވެ. ރައުލް މެކްސިކޯގެ ގައުމީ ޓީމަށް ކުޅެން ފެށީ 2013 ގަ އެވެ. މިހާތަނަށް 60 އަށް ވުރެ ގިނަ މެޗު ކުޅެ، އޭނާ ވަނީ 13 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ 2014ގެ ވޯލްޑް ކަޕްގައި ވެސް މެކްސިކޯ އަށް ކުޅެފަ އެވެ.
އަންދްރެސް ގުއަރްޑާޑޯ
އުމުުރުން 31 އަހަރުގެ ގުއަރްޑާޑޯ އަކީ މެކްސިކޯގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް 2005 އިން ފެށިގެން ކުޅެމުން އަންނަ، ގުއަރްޑާޑޯ ވަނީ ތިން ވޯލްޑް ކަޕާއި، ކޮޕާ އެމެރިކާ އާއި ގޯލްޑް ކަޕް އަދި ކޮންފެޑަރޭޝަންސް ކަޕްގައި ވެސް މެކްސިކޯ ތަމްސީލްކޮށްފަ އެެވެ. މެކްސިކޯގެ އެޓްލަސް އިން ކެރިއަރު ފެށި ގުއަރްޑާޑޯ ވަނީ ސްޕެއިންގެ ޑިޕޯޓިވޯ ލަކޮރޫންޔާ އާއި ވެެލެންސިއާ އާއި ޖަރުމަންގެ ބަޔާ ލޭވަކޫސަން އާއި ނެދަލޭންޑްސްގެ ޕީއެސްވީ އަށް ކުޅެފަ އެވެ. ގުއަރްޑާޑޯ މިހާރު ކުޅެމުން އަންނަނީ ސްޕެއިންގެ ރެއާލް ބެޓިސްއަށެވެ. އާންމު ގޮތެއްގައި މިޑްފީލްޑަށް ކުޅުނު ނަމަވެސް، ކުއަޑްރާޑޯ އަކީ ވިންގަށް ނުވަތަ ފުލްބެކަށް ކުޅުމުގެ ހުނަރު ވެސް ހުރި ކުޅުންތެރިއެކެވެ.
މެކްސިކޯ ހިމެނޭ ގުރޫޕް އެފްގެ ފޭވަރިިޓަކީ ހަމަ ޔަގީނުން ވެސް ޖަރުމަނެވެ. މެކްސިކޯއާ އެކު ގުރޫޕްގެ ދެވަނަ މަގާމަށް ވާދަކުރަން ދެން ތިބީ ދެކުނު ކޮރެއާ އާއި ސްވިޑަން އެވެ. މިއީ ވެސް ރަނގަޅު ފެންވަރެއްގެ ދެ ޓީމެވެ. އެހެންކަމުން ދެވަނަ މަގާމަށް މި ގުރޫޕްގައި ވާދަވެރިކަން ބޮޑުވާނެ އެވެ. މެކްސިކޯ ވަނީ އެންމެ ފަހުން ކުޅުނު ހަ ވޯލްޑް ކަޕްގައި ވެސް ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.