ޓީމް ޕްރޮފައިލް: ޓިއުނީޝިއާ
ޓީމް ޕްރޮފައިލް: ޓިއުނީޝިއާ

އެފްރިކާ ބައްރަށް ނިސްބަތްވާ ޓިއުނީޝިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅުނީ 1978 ވަނަ އަހަރެވެ. އާޖެންޓީނާގައި އެ އަހަރު އޮތް ވޯލްޑް ކަޕްގައި ޓިއުނީޝިއާ ލައްވާލީ ވަރުގަދަ ގުރޫޕަކަށެވެ. އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޓިއުނީޝިއާ ވަނީ މެކްސިކޯ އަތުން މޮޅުވެފަ އެވެ. މިއީ ވޯލްޑް ކަޕެއްގައި އެފްރިކާގެ ގައުމަކަށް ލިބުނު ފުރަތަމަ މޮޅެވެ. ދެވަނަ މެޗުގައިި ޕޯލެންޑް އަތުން ޓިއުނީޝިއާ ބަލިވި ނަމަވެސް، ގުރޫޕްގެ ފަހު މެޗުގައި ޓިއުނީޝިއާ ވަނީ ވަރުގަދަ ހުޅަނގު ޖަރުމަން އަތުން ޕޮއިންޓެއް ހޯދައިފަ އެވެ. އެކަމަކު ޓިއުނީޝިއާ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭ ގޮތެއްނުވި އެވެ. ވޯލްޑް ކަޕްގެ ފުރަތަމަ ތަޖުރިބާ އަށް ފަހު، ޓިއުނީޝިއާ ދެން ކޮލިފައިވީ 20 އަހަރަށް ފަހު، 1998 ގައި ފްރާންސްގައި އޮތް މުބާރާތަށެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ޓިއުނީޝިއާ ކެޓީ އެންމެ ޕޮއިންޓަކާ އެކު އެވެ. ޓިއުނީޝިއާ ވަނީ 2002 އާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަަށް ވެސް ކޮލިފައިވެފަ އެވެ. އެ ދެ ފަހަރު ވެސް ޓިއުނީޝިއާ ގްރޫޕް ސްޓޭޖް ނިންމާލީ އެންމެ ޕޮއިންޓަކާ އެކުގަ އެވެ.

ޓިއުނީޝިިއާ ވޯލްޑް ކަޕުން ޖާގަ ހޯދީ ކޮލިފައިންގެ ގުރޫޕް އޭގެ އެއްވަނަ ހޯދައިގެންނެވެ. ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރީ ކޮލިފައިންގެ ފަހު މެޗުގައިި ލީބިއާއާ އެއްވަރުކޮށް، ލިބުނު ޕޮއިންޓާ އެކު އެވެ. ޓިއުނީޝިއާ ގުރޫޕްގެ އެއްވަނަ ހޯދީ ދެވަނައިގައި ކޮންގޯގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ލިބިގެންނެވެ.

ޓިއުނީޝިއާ ކޮލިފައިންގެ ތިން ވަނަ ބުރުގައި ކުޅުނު ހަ މެޗުން ބައްޔެއްނުވެ އެވެ. ހަތަރު މެޗުން ޓިއުނީޝިއާ މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.

ތަޖުރިބާކާރު ކޯޗު ނަބީލް މާލޫލް، ޓިއުނީޝިއާގެ ކޯޗުކަމާ ހަވާލުވީ 2017 ވަނަ އަހަރެވެ. އެކަމަކު އޭގެ ކުރިން ވެސް އޭނާ ވަނީ ޓިއުނީޝިއާގެ ކޯޗުކަން ކޮށްފަ އެވެ. އަދި ޓިއުނީޝިއާގެ އޮލިމްޕިކް ޓީމާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް ހުއްޓެވެ. ނަބީލް ވަނީ ކުވޭތުގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. އަދި ޓިއުނީޝިއާ އާއި ގަތަރުގެ ކްލަބުތަކަށް ވެސް ކޯޗުކޮށްދިނެވެ. ނަބީލް އަކީ ޓިއުނީޝިއާގައި ފާހަގަކޮށްލުނު ކުޅުންތެރިއެއް ވެސް މެ އެވެ. އޭނާ ވަނީ ޓިއުނީޝިއާގެ ގައުމީ ޓީމަށް 74 މެޗު ކުޅެ، 11 ލަނޑު ޖަހައިފަ އެވެ.

ވަހްބީ ކަޒްރީ: ޓިއުނީޝިއާ ޓީމުގެ މިޑްފީލްޑްގައި ވަހްބީ ކަޒްރީ އަކީ މުހިންމު ކުޅުންތެރިއެކެވެ. މިހާރު ފްރާންސްގެ ރެން އަށް ކުޅެމުން އަންނަ ކަރްޒީ ވަނީ ކުރިން ބޯޯޑޯ އާއި ބަސްޓިއާ އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ސަންޑަލޭންޑަށް ކުޅެފަ އެވެ. ފްރާންސަށް އުފަން އަދި އެ ގައުމުގެ 20 އަހަރުން ދަށުގެ ޔޫތު ޓީމަށް ކުޅުނަސް ޓިއުނީޝިއާ ދަރިކޮޅުގެ ކުޅުންތެރިއަކަށް ވުމުން، އޭނާ އަށް ޓިއުނީޝިއާގެ ގައުމީ ޓީމުން ވެސް ފުރުސަތު ލިބުނެވެ. ޓިއުނީޝިއާގެ ގައުމީ ޓީމަށް މިހާތަނަށް 31 މެޗު ކުޅެ 11 ލަނޑު ޖަހާފައިވެ އެވެ.

އައިމަން މަތުލޫތީ: ޓިއުނީޝިއާގެ ކެޕްޓަން އައިމަން މަތުލޫތީ އަކީ އެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ޓިއުނީޝިއާގެ ގައުމީ ޓީމަށް 2007 އިން ފެށިގެން ކުޅެމުން އަންނަ މަތުލޫތީ އަކީ މި ވަގުތު ޓިއުނީޝިއާގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މަތުލޫތީގެ ކެރިއަރުގެ ބޮޑު ބައި އޭނާ ހޭދަކުރީ ޓިއުނީޝިއާގެ އެޓައޮއިލް ޑު ސަހެލްގަ އެވެ. ޔޫރަޕާއި އޭޝިއާގެ ކްލަބުތަކުން އޭނާ އަށް ފުރުސަތު ލިބުނު ނަމަވެސް، އޭނާ ބޭނުންވީ އެ ކްލަބުގައި މަޑުކުރާށެވެ.

ޓިއުނީޝިއާ ހިމެނޭ ގުރޫޕްގެ ފޭވަރިޓުންނަކީ އިންގްލެންޑާއި ބެލްޖިއަމް އެވެ. ދެވަަނަ ބުރުގެ ޖާގައެއް ހޯދަން ވާދަކުރާނެ ކަމަށް ވެސް ގިނަ ތަޖުރިބާކާރުން ލަފާކުރާ ދެ ޓީމަކީ އިންގްލެންޑާއި ބެލްޖިއަމް އެވެ. އެކަމަކު ޓިއުނީޝިއާ އަކީ ފަސޭހަކޮށްލެވޭނެ ޓީމެއް ނޫނެވެ. އެފްރިކާ އިން ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުން މީގެ ކުރިން ވެސް ވަނީ ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެ، ޔޫރަޕްގެ ޓީމުތަކުގެ މައްޗަށް ކުރި ހޯދައިފަ އެވެ.