ޓީމް ޕްރޮފައިލް: އިންގްލެންޑް
ޓީމް ޕްރޮފައިލް: އިންގްލެންޑް

ފުޓްބޯޅައިގައި ނުފޫޒު ގަދަ އިންގްލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1950 ވަނަ އަހަރެވެ. އޭގެ ފަހުން 1970 އާ ހަމައަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި އިންގްލެންޑް ވާދަކުރި އެވެ. އިންގްލެންޑަށް މިހާތަނަށް ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1966 ގައި އަމިއްލަ ގައުމުގައި އޮތް މުބާރާތް ކާމިޔާބުކުރުމެވެ. އަލްފްރެޑް ރަމްސީގެ އިރުޝާދުގެ ދަށުން އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބުުކުރީ ބޮބީ ޗާލްޓަން އަދި ޖެފް ހާސްޓް ފަދަ ކުޅުންތެރިންނާ އެކު އެވެ. އެކަަމަކު 1966ގެ ފަހުން އިންގްލެންޑަށް އާންމުން އުންމީދުކުރި ވަރުގެ ކާމިޔާބީއެއް ވޯލްޑް ކަޕްގައި ނުލިބެ އެވެ. އޭގެ ފަހުން އިންގްލެންޑަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ 1990 ގެ މުބާރާތުގެ ހަތަރު ވަނަ ލިބުމެވެ. ބްރެޒިލްގައި 2014 ގައި އޮތް މުބާރާތުގައި އިންގްލެންޑް ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އެކަަމަކު ޒުވާން ސްކޮޑަކާ އެކު، އިންގްލެންޑުން މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނަނީ ފޮނި އުންމީދުތަކާ އެކު އެވެ.

ޓީމް ޕްރޮފައިލް: އިންގްލެންޑް
ޓީމް ޕްރޮފައިލް: އިންގްލެންޑް

މި ފަހަރުގެ ވޯލްޑް ކަޕަށް އިންގްލެންޑް ކޮލިފައިވީ ފަސޭހަކަމާ އެކު އެވެ. ކޮލިފައިންގެ ގުުރޫޕް އެފްގައި އިންގްލެންޑް ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވި އެވެ. ދެ މެޗު އެއްވަރުވިއިރު، އިންގްލެންޑް ކޮލިފައިން ނިންމާލީ މެޗަކުން ބަލިނުވެ އެވެ. ޖުމްލަ 26 ޕޮއިންޓް ހޯދިއިރު، އެންމެ ގާތުން ވާދަކުރި ސްލޮވާކިއާ އޮތީ އަށް ޕޮއިންޓް ފަހަތުގަ އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ގެެރެތު ސައުތުގޭޓް ފާހަގަވެގެން ދިޔައީ މޮޅު ޑިފެންޑަރެއްގެ ގޮތުގަ އެެވެ. އޭނާގެ ކެރިއަރުގައި ވަނީ ކްރިސްޓަލް ޕެލެސް އާއި އެސްޓަން ވިލާ އަދި މިޑްލްސްބަރާ އަށް ކުޅެފަ އެވެ. އިންގްލެންޑްގެ ގައުމީ ޓީމާ އެކު ސައުތުގޭޓް ނުކުތީ 1998 ގެ ވޯލްޑް ކަޕަށެވެ. އޭގެ އިތުރުން 1996 އަދި 2000ގެ ޔޫރޯގައި ވެސް ކުޅުނެވެ. އުމުރުން 35 އަހަރުގައި، 2006 ވަނަ އަހަރު، ކުޅުމުގެ ކެރިއަރު ހުއްޓާލައި، މިޑްލްސްބަރާގެ ކޯޗުކަމާ ހަވާލުވި އެވެ. އޭގެ ފަހުން އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގައި ތިން އަހަރު ހޭދަކުރި އެވެ. ސައުތުގޭޓަށް އިންގްލެންޑްގެ ސީނިއަ ޓީމުގެ ކޯޯޗުކަން ހަވާލުކުރީ 2016 ގަ އެވެ. ސޭމް އެލަޑައިސް މަގާމުން ވަކިކޮށް، ސައުތުގޭޓަށް އެންމެ ފުރަތަމަ އެ ޒިންމާ ހަވާލުކުރީ ވަގުތީ ގޮތުންނެވެ. އެކަމަކު ނޮވެމްބަރު 2016 ގައި ސައުތުގޭޓަށް ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިންގްލެންޑްގެ ކޯޗުކަން ހަވާލުކޮށްފަ އެވެ.

ހެރީ ކޭން: އިންގްލެންޑްގެ ފޯވަޑް ލައިންގައި މި ވަގުތު އެންމެ ފޯމުގައި ހުރި ކުޅުންތެރިޔަކީ ކޭން އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑްގެ ކެޕްޓަންކަން ވެސް ކުރާނީ އުމުރުން 24 އަހަރުގެ މި ކުޅުންތެރިޔާ އެވެ. އޭނާ މި އަހަރުގެ ސީޒަން ޓޮޓެންހަމްގައި އޭނާ ނިންމާލީ ގިނަ ލަނޑުތަކަކާ އެކު މޮޅު ކުޅުމެއްގަ އެވެ. އިންގްލެންޑްގެ ޖޫނިއަ ޓީމުތަކަށް ކުޅުމަށް ފަހު، ސީނިއަ ޓީމުން ކޭން ޖާގަ ހޯދީ 2015 ވަނަ އަހަރެވެ. އަދި އިންގްލެންޑާ އެކު 2016ގެ ޔޫރޯގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 23 މެޗުގައި ކޭން ވަނީ 12 ލަނޑު ޖަހައިފަ އެވެ. ފަހުގެ ތާރީހެއްގައި އިންގްލެންޑް ކުޅުނު މުބާރާތްތަކުގައި ވޭން ރުނީ ފޯވަޑް ލައިން ލީޑުކުރި ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޒިންމާ ކޮނޑުއަޅާނީ ކޭން އެވެ.

ގެރީ ކޭހިލް: ތަޖުރިބާކާރު ޑިފެންޑަރު ކޭހިލް އަކީ އިންގްލެންޑަށް މުހިންމު ކުޅުންތެރިއެކެވެ. އުމުރުން 32 އަހަރުގެ ކޭހިލް އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. ގައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް 50 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. ކޭހިލް ވަނީ އިންގްލެންޑާ އެކު 2014ގެ ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. އެސްޓަން ވިލާ އިން ކެރިއަރު ފެށި ކޭހިލް ޕްރިމިއާ ލީގުގައި ބޮޑަށް ވިދާލީ ބޯލްޓަން ވޮންޑަރާސް އަށް ކުޅެނިކޮށެވެ. ބޯލްޓަންގައި ދެއްކި މޮޅު ކުުޅުމާ އެކު، 2012 ގައި ޗެލްސީން އޭނާ ގެންދިޔަ އެވެ. ޗެލްސީގައި ކޭހިލް ވެފައިވަނީ މުހިންުމު ކުޅުންތެރިއަކަށެވެ. އެ ކްލަބާ އެކު އޭނާ ވަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

ރަހީމް ސްޓާލިން: މިދިޔަ ސީޒަންގައި ސްޓާލިން ހުރީ ރަނގަޅު ފޯމެއްގަ އެވެ. ލިވަޕޫލުން ކެރިއަރު ފެށުމަށް ފަހު މިހާރު މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ސްޓާލިން އަކީ ހަލުވި ވިންގެކެވެ. މިދިޔަ ސީޒަންގައި ސިޓީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. ސްޓާލިން އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2012 ވަނަ އަހަރެވެ. އޭނާ ވަނީ 2014ގެ ވޯލްޑް ކަޕާއި 2016ގެ ޔޫރޯގައި އިންގްލެންޑަށް ކުޅެފަ އެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު 30 އަށް ވުރެ ގިނަ އެވެ.

އިންގްލެންޑަކީ ގުރޫޕް ޖީގެ ފޭވަރިޓެކެވެ. މި ގުރޫޕްގައި އިންގްލެންޑާ އެކު ދެން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ކަމަށް ބެލެވެނީ ބެލްޖިއަމް އެވެ. ގުރޫޕްގައި ދެން އޮތީ ޕެނަމާ އާއި ޓިއުނީޝިއާ އެވެ. އެކަމަކު މިއީ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ދެ ޓީމެއް ނޫނެވެ.