ގޯޓޯ ފިޓްވިއިރު ކަންޑޭލާ އަށް އަނިޔާވެއްޖެ
ގޯޓޯ ފިޓްވިއިރު ކަންޑޭލާ އަށް އަނިޔާވެއްޖެ

ނިއު ރޭޑިއަންޓުގެ ސްޕެއިން ޑިފެންޑަރު ޖޯޖް ގޯޓޯގެ ފަޔަށް ލިބުނު އަނިޔާއިން ފިޓްވެފައިވާއިރު ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އަށް އަނިޔާވެ މަދުވެގެން ތިން ހަފުތާ އަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ބެލެވިއްޖެ އެވެ.

މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ނިއުއާ ގުޅި އެ ޓީމުގެ ކާމިޔާބީތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކަންޑޭލާގެ އުކުޅުވަޅަށް އަނިޔާވީ އެސްޓީއޯ މާލޭ ލީގުގައި ރޭ އީގަލްސް އަތުން 4-1 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގަ އެވެ. އޭނާ ވަގުތުން ވަނީ ބަދަލުކޮށްފަ އެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ސީދާ ތަފްސީލް އެނގޭނީ ޓެސްޓްތައް ހެދުމުން ކަމަށާއި އެކަމަކު ބެލެވެނީ އުކުޅުވަޅުން ތަންކޮޅެއް އިރައިގެން ދިޔައީ ކަމަށެވެ. އަދި އެފަދަ އަނިޔާތަކުން ރިކަވާވާން އާއްމުކޮށް ތިން ހަފުތާ އާއި ހަތަރު ހަފުތާގެ މުއްދަތެއް ނަގާނެ ކަމަށް އޭނާ ބުންޏެވެ.

އެހެންވެ ލަފާކުރެވެނީ ނިއުގެ މެދުތެރެއިން މުޅި ގޭމް ރާވައި ކުޅުވާ ކަންޑޭލާ އަށް މާލޭ ލީގުގައި ނިއު އަށް ބާކީ އޮތް ތިން މެޗުގައި ނުކުޅެވޭނެ ކަމަށެވެ. ނިއު އަށް ދެން އޮތީ ވެލެންސިއާ، ޓީސީ އަދި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ތާވަލުގެ އެއް ވަނައިގައި އޮތް ނިއު އަށް ލީގު ކާމިޔާބުކުރަން ދެން ބޭނުންވަނީ ތިން ޕޮއިންޓެވެ.

މިދިޔަ ހަފުތާގައި ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 އިން ނިއު މޮޅުވި މެޗުގައި އެ ޓީމުގެ އިސްމާއިލް ޝަފީއުގެ ޓެކުލެއް އަރައި ކުޑަހުޅަށް އަނިޔާވި ނިއުގެ ޑިފެންޑަރު ގޯޓޯ ފިޓްވެފައިވާ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.

"މިރޭ (ރޭ) އަހަރެމެން ތިބީ އޭނާ އަށް ވަގުތުކޮޅެއް ދޭން. އެކަމަކު ސަލާމަތަށް ބަލާފައި ނޭރުވީ. އޭނާ ދެން މެޗެއްގައި ކުޅޭނެ،" އޮސްކާ ބުންޏެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން ނިއު އަށް މި ސީޒަނުގައި ދެން ގެނައީ ސްޕެއިން ފޯވާޑް ގުއިލެމް މާޓީ މިސުޓާއި އަފްގާނިސްތާން ޑިފެންޑަރު ހާރޫން އަމީރީ އެވެ. މީގެ ތެރެއިން ގުއިލެމް ފޮނުވާލާފައިވާއިރު އަމީރީ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.