28 މެއި 2018 - 10:52

މެޑްރިޑް (މެއި 28) - ރެއާލް މެޑްރިޑްގެ ވޭލްސް ފޯވާޑް ގަރެތު ބޭލް އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އިއުލާންކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ބައްދަލުކޮށް ކަންތައްތަކެއް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ހޮނިހިރު ދުވަހުގެރޭ ލިވަޕޫލް އަތުން 3-1 އިން މޮޅުވެ ރެއާލުން ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އުފުލާލި މެޗުގައި ބޭލް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ދެ ގޯލު ޖަހައިފަ އެވެ. އުމުރުން 28 އަހަރުގެ ބޭލް އަކީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ދެ ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިއާ އެވެ.
ފައިނަލަށް ފަހު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބޭލް ބުނީ މިއީ އޭނާ އަށް މުހިއްމު ވަގުތުތަކެއް ކަމަށާއި މުސްތަގުބަލާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
"ކޮންމެ ހަފްތާ އަކު އަހަރެން ކުޅެން ބޭނުން. އެކަމަކު މި ސީޒަނުގައި އެކި ސަބަބުތަކާ ހުރެ އެކަން ނުވެ ދިޔައީ. އަހަރެންގެ އޭޖެންޓާ މަޝްވަރާކުރާނަން. އެ އަށް ފަހު ރެއާލަށް އަހަރެން ބޭނުންވާ ގޮތް ހިއްސާކުރާނަން،" 2022 ވަނަ އަހަރާ ހަމައަށް ރެއާލާ އެކު ކޮންޓްރެކްޓް ހަދާފައިވާ ބޭލް ބުންޏެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރެއާލަށް ބޭލް ހުށަހަޅާނީ ސީޒަނެއްގައި ވަކި އަދަދެއްގެ މެޗުތަކެއްގައި އޭނާ އަށް ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު ހޯދުމުގެ ގޮތުންނެވެ. އެ ގޮތަށް ރެއާލުން އެއްބަސްނުވެއްޖެނަމަ ދެން ހުށަހަޅާނީ އޭނާ ވިއްކާލާނަމަ އެންމެ ބޮޑު އަގެއް ހުށަހަޅާ ކްލަބަކަށް ނުބަލާ އޭނާ އިހުތިޔާރުކުރާ ކްލަބަކަށް ދޫކޮށްލުމަށެވެ.
ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން މިދިޔަ ސީޒަނުގައި އެތުލެޓިކޯ މެޑްރިޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރީ 100 މިލިއަން ޕައުންޑް ހުށަހަޅައިފިނަމަ އޭނާ ބޭނުން ކްލަބަކަށްދެވޭ ގޮތަށެވެ. ރިޕޯޓްތައް ބުނާގޮތުން ބޭލް ވެސް ރެއާލަށް ހުށަހަޅަނީ މި ގޮތަށެވެ.
ރިޕޯޓްތައް ބުނާގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރެއާލުން ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު ބޭލްގެ ޓްރާންސްފާއާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.