28 މެއި 2018 - 01:16

ލިވަޕޫލް (މޭ 28) – ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރޭ ކޮނޑަށް އަނިޔާވި ނަމަވެސް ކުރިއަށް އޮތް ވޯލްޑް ކަޕުގައި ކުޅެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ލިވަޕޫލުގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ބުނެފި އެވެ.
އޭނާ އަށް އަނިޔާވީ ރޭ ރެއާލް މެޑްރިޑް އަތުން 3-1 އިން ބަލިވި މެޗުގައި މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސްއާ އެކު ބޯޅައަށް މަސައްކަތްކުރަނިކޮށް ވެއްޓި އެވެ.
އަނިޔާގެ ތަފްސީލް އަދިވެސް ނުލިބެ އެވެ. އެކަމަކު ރޭގެ މެޗަށް ފަހު ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ ފެންނަ ފެނުމަށް އަނިޔާ ސީރިއަސް ކަމަށާއި އޭނާ އަށް ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމަށެވެ.
މިރޭ ކުރި ޓްވީޓެއްގައި ސަލާ ބުނީ ފާއިތުވެގެން ދިޔައީ ވަރަށް އުނދަގޫ ރެޔެއް ކަމަށާއި އެކަމަކު އޭނާ އަކީ ދޫދޭނެ މީހެއް ނޫން ކަމަށެވެ. އަދި ފުރުސަތުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، އެންމެން ފަހުރުވެރިކޮށްދޭން ވޯލްޑް ކަޕަށް ދެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ބުނެފައިވެ އެވެ.
"އަހަންނަށް މި ވަގުތު ބޭނުންވާ ހިތްވަރު ތި އެންމެން ލޯތްބާއި އެހީން ލިބޭނެ،" ސަލާ ބުނެފައިވެ އެވެ.
މި ސީޒަނުގައި ލިވަޕޫލަށް 44 ގޯލް ޖަހައިދީފައިވާ ފޯވާޑަކީ 1990 ވަނަ އަހަރުގެ ފަހުން މިސްރު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އެވެ. އެހެންވެ އޭނާ ވޯލްޑް ކަޕުން ފެންނަން ގިނަ އަދަދެއްގެ ބަޔަކު ބޭނުންވެ އެވެ.
ބެލެވޭ ގޮތުގައި ވޯލްޑް ކަޕް ފެށެން ވާއިރަށް ސަލާ ފިޓްވާނެ އެވެ. މާނައަކީ ގްރޫޕް ސްޓޭޖުގެ ވަކި ހިސާބަކުން އޭނާ އަށް ސީދާ ކުޅެން ނުކުތުމުގެ ފުރުސަތު ލިބުނެވެ. މިސްރު ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.