28 މެއި 2018 - 08:07

އިއްޔެ އާ ގުޅޭ
"ކީއްވެ ނުބުނަންވީ؟" ލާނެތް ރާގެއްގައި އޭނަ ބުންޏެވެ. "އަހަންނަށް ބައިވަރު ނަންނަން ކިޔާ! މި ބުނަނީ އެންމެ އާންމު ނަން. ފަރުހާދު! ރައްޓެހިން ކިޔާނީ ފަރޫ! އަޒޫ ވެސް އެހެން ކިޔާ! މީޓުކުރަން އަންނަންވީ ތަން ބުނަން ގުޅާލާނަން އިރުކޮޅަކުން އިނގޭ. ތައްޔާރަށް ހުރޭ!"
ފޯނު ބޭއްވިއިރު އަޒްރާގެ ތުންފަތަށް ވެސް ވެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ. އެހާ އަޑު ރީތި މީހަކު ހުތުރުވާނެޔެކޭ އަޒްރާގެ ހިތެއް ނުބުނެއެވެ. އަނެއްކާ އަޒްރާ ގުޅިއެވެ. އެއް ވާހަކަ ބުނަން އަޒްރާ ހަނދާންނެތުނީއެވެ. ބައްދަލުކުރަން ކޮންމެކޮންމެ ތާކަށް އަޒްރާއަކަށް ނުދެވޭނެއެވެ. ގިނަ މީހުން އެއްވެއުޅޭ ކަހަލަ ތަނަކަށް ހިނގައްޖެ ނަމަ ކޮންމެވެސް މީހަކަށް އަޒްރާ ފާހަގަކުރެވޭނެއެވެ. ވަރަށް ގިނަ ޓީ×ޗަރުންނަކީ ޖިނާގެ އެކުވެރިންނެވެ. އެތައް އިރަކު ރަނގަބީލު ވުމަށް ފަހު އަޑު ކެނޑުނެވެ. ޙަޤީޤަތުގައި އަޒްރާ ގުޅީ ބައްތިފޯނަކަށެވެ. ފޯނު އޮތީ ޖުމްހޫރީ މައިދާނުގައި ހުރި ގަސްތަކެއްގެ ތެރޭގައެވެ. އެ އިން ހިސާބަކު ވެސް މީހަކު ނެތެވެ.
ގުރައިދުއަށް ޖިނާ ދިޔައީ މުދައްރިސަކަށް ވުރެ ބޮޑަށް ނަފުސާނީ ޢިލުމު ލިބިފައިވާ މީހެއްގެ ހައިސިއްޔަތުންނެވެ. ކުރިން ޖިނާ ބޭނުންވީ މާލޭގައި ހުންނާށެވެ. އެހެންނަމަވެސް، ގުރައިދުއަށް އައުމަށް ފަހު ޖިނާއަށް ވިސްނުނީ ޖިނާގެ ބޭނުން އެ ތަނަށް މާ މުހިންމު ކަމުގައެވެ. އެ ތަނުގައި ތިބި، އެހީއަށް ބޭނުންވެފައިވާ މީހުންނާ ވާހަކަދައްކަން ފެށުމުން އެ މީހުންނަށް ޓަކައި ޖިނާގެ ހިތުގައި ހަމްދަރުދީ އުފެދެން ފެށިއެވެ. ލިބޭ ހުސްވަގުތުގައި ގުރައިދޫ އިސްކޫލަށް ވެސް ޖިނާ ދެއެވެ. އިސްކޫލުގެ މުދައްރިސުންނާ ގާތް ގުޅުމެއް ބާއްވައެވެ. ބައެއް ފަހަރު ދަރިވަރުންނަށް އެހީތެރި ވެސް ވެއެވެ. ކިޔަވައިދިނުމަކީ ޖިނާއަށް އަބަދުވެސް ހިތްހަމަޖެހުން ލިބޭ ކަމެކެވެ.
ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ކިލާހެއް ނިންމައިލައިފައި ޖިނާ ނުކުތެވެ. އިސްކޫލު ހިންގުމާ ހަވާލުވެގެން ހުރި ރަމްލާ ހުރީ ޖިނާގެ އިންތިޒާރުގައެވެ. ހިލޭސާބަހަށް ޖިނާ ކޮށްދޭ މަސައްކަތަށް ޝުކުރު އަދާކުރުމަށް ޓަކައެވެ.
"ޖިނާ މި ރަށަށް ވަޑައިގެންދެއްވިކަން އެއީ އަޅުގަނޑުމެންނަށް ލިބުނު ހާދަ ބޮޑު ނަސީބެކޭ އިނގޭތޯ!" އިހުތިރާމާ އެކުގައި ރަމްލާ ބުންޏެވެ. "ޔަގީނުން ވެސް ދަރިވަރުންނަށް ތީގެ ފައިދާކުރާނެ. ފަށްފަށުން ޝުކުރު."
"މަރުޙަބާ!" ޖިނާ ބުންޏެވެ. "ދަރިވަރުންގެ ފަރާތުން އަޅުގަނޑަށް ވެސް އެއްޗެހިތަކެއް އެބަ ދަސްވޭ!"
ވާހަކަދައްކަން އިރުކޮޅަކު ހުރެލައިފައި ރަމްލާޔާ ވަކިވުމަށް ފަހު ޖިނާ މިސްރާބުޖެހީ ޖިނާ ހުންނަ މަރުކަޒާ ދިމާއަށެވެ. ބޮޑުމަގަށް ނުކުތް ވަގުތު ފޯނު ރަނގަބީލުވާން ފެށިއެވެ. ޖިނާ ބަލައިލިއިރު ފޯނުގެ ބެޓެރި ދައްކަނީ ބާރަ ޕަސަންޓެވެ. އެ ހިސާބަށް ދިޔުމުން ޖިނާގެ ފޯނު ވަރަށް އަވަހަށް ނިވެއެވެ. އެހެންވިޔަސް ޖިނާ ފޯނު ނެގިއެވެ.
"ކީކޭ!" ޖިނާ ބުންޏެވެ. "ބެޓެރި ދަނީ އިނގޭ!"
ގުޅީ ނިޝާއެވެ. ނިޝާއަކީ ޖިނާގެ އަންހެނުން އަޒްރާގެ ތިމާގެ ކުއްޖެކެވެ. ޒޫނާގެ ގާތް އެކުވެރިއެއް ވެސް މެއެވެ. ޒޫނާއަށް އެންމެ ފުރަތަމަ ޖިނާ ފެނުނު ދަތުރުގައި ނިޝާ ވެސް ބައިވެރިވިއެވެ. އަދި ޖިނާގެ ސިފައިގައި ފެނުނު ޖިންނިއާއި ޒޫނާއާ ދެމެދު ހިނގި ހުރިހައިކަމެއް އެނގޭ ހަމައެކަނި މީހަކީ ވެސް ނިޝާއެވެ. ޒޫނާއަށް ދިމާވި ހުރިހައި ކަމެއްގައިމެ ނިޝާގެ ޚިޔާލު ހޯދިއެވެ.
"ޖިނާ ގުޅާފަ އޮތީމަ!" ނިޝާ ބުންޏެވެ.
ނިޝާއާއި ޒޫނާއާ ދެމެދުގައި އޮންނަނީ ކިހާ ގާތް ގުޅުމެއް ކަމެއް ޖިނާއަކަށް ނޭނގެއެވެ. ހަމައެކަނި އެނގެނީ އެއީ ދެ އެކުވެރިންކަމެވެ. އެހެންވެ، މޮޔައިން ބައިތިއްބާ ތަނެއްގެ ތެރެއިން ޒޫނާ ފެނުމުން ޖިނާ ބޭނުންވީ ނިޝާގެ ފަރާތުން މަޢުލޫމާތު ހޯދާށެވެ. އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ޖިނާއަށް ވިސްނުނީ ނިޝާއަށް ގުޅި ފަހުންނެވެ. ފަހަކަށް އައިސް އަޒްރާ އަބަދުވެސް ޖިނާއަށް ޝައްކު ކުރާތީއެވެ. ޒޫނާގެ މަޢުލޫމާތު ހޯދަން ނިޝާއަށް ގުޅިކަން އެނގިއްޖެއްޔާ އެއް ހާސް ސުވާލުގެ ޖަވާބު ޖިނާއަށް ދޭން ޖެހޭނެއެވެ. އެހެންވެ ފޯނު ކަނޑައިލީއެވެ.
"އާނ!" ކުއްލިއަކަށް ހަނދާންވި ކަމަށް ހެދިފައި ޖިނާ ބުންޏެވެ. "އެއީ އޮޅިގެން."
"ނަސީބެކޭ ގުޅިކަން،" ނިޝާ ބުންޏެވެ. "ވާހަކައެއް ދައްކާލަން ވެސް ވެފަ އޮތީ. އަޒޫ މިހާރު ކިހިނެއްތަ އެ އުޅެނީ؟"
ޖިނާ ހީކުރީ ނިޝާ އެ ދައްކަނީ އަޒްރާގެ ޝައްކުބަލީގެ ވާހަކަ ކަމަށެވެ.
"ކީކޭ ބުނާނީ ދޯ؟" ޖިނާ ބުންޏެވެ. "ހަމަ ކުއްލިއަކަށް ޖެހުނު ބަލިގަނޑެއް އެއީ."
"މި ދައްކަނީ އަދި ތި ވާހަކައެއް ވެސް ނޫނޭ،" ނިޝާ އޮޅުންފިލުވައިދިނެވެ. "ރޭ ވެއްޖެއްޔާ އޭނަ މިހާރު ބޭރުގަ އުޅެނީ. ގުޅާލާއިރަށް ބުނާނެ ބޭރުގައޭ މި އުޅެނީ. އެޔެއް ވެސް ނޫން މައްސަލައަކީ. މައްސަލައަކީ އޭނަ އެކަނިމާއެކަނި މާލެތެރޭގަ އެނބުރޭތީ. ދަރުބާރުގެ ކައިރިން ވެސް ފެނިއްޖެ! ބޮޑުދިދަ ކައިރިން ވެސް ފެނިއްޖެ! ރޭގަ ފެނިއްޖެ ވިލިނގިލި ފެރީން ފައިބަނިކޮށް ވެސް. ހަމަ އެކަނިމާއެކަނި."
އޭރު ޖިނާއަށް ހުރެވުނީ ބޮޑުމަގުގައެވެ. ޖިނާ ވިސްނައިލިއެވެ.
"ވެދާނެ އަހަރެން ބޭރުގަ އުޅޭތީ އޭނައަށް ވެސް އެހެން އުޅެވިދާނެކަން އަންގާލަނީކަމަށް،" ޖިނާއަށް ވިސްނުނު އެއް ގޮތަކީ އެއީއެވެ. "ނޫނީ ފޫހިވާތީ ކޮންމެވެސް ދިމާއަކަށް ނައްޓާލަނީ! އަހަރެން ތިން ފަހަރު ގުޅައިފިއްޔާ އެންމެ ފަހަރަކު އޭނަ ފޯނު ނަގަނީ. މާ ގިނަ ވާހަކައެއް ވެސް ނުދައްކާ! ރުންކުރުވެފަ ހުންނަނީ. އެކަމަކު ނިޝާއަށް ވެސް އެނގޭނެ އަހަރެންގެ ގޮތް. ގޮތަކަށް އުޅެން ބޭނުން ނަމަ މިހާރަކު ނޫން ދޯ އަހަރެން އެހެން އުޅޭނީ."
"ނިޝާ ވެސް އުޅެފިން ވިސްނައިދެވޭތޯ،" ނިޝާ ބުންޏެވެ. "އެއްޗެއް ބުނާއިރަށް ބުނާނެ އަހަރެން ކީއްވެހޭ ޅިޔަނާ އެއްކޮޅަށް ހުންނަނީ. އަޅާނުލާ! އަދި ވިސްނޭނެ. އަހަރެން އުޅުނީމޭ އެހެން ވާހަކައެއް އަހާލަން ވެސް. ޒޫނާ ވެސް ވީ ތި ތާނގަ ދޯ؟"
ނުބުނެ ހުއްޓައި ޖިނާ ބޭނުން ކަންތައް ވިއެވެ. ނިޝާ އަމިއްލައަށް އެ ވާހަކަ ނެގިއެވެ.
"އާނ!" ޖިނާ ދިނީ ކުރު ޖަވާބެކެވެ. "ދުށިން."
"އޭނަ ކިހިނެއްތަ މިހާރު؟" ނިޝާ ސުވާލުކުރިއެވެ.
"އޭނައަށް އެ ދިމާވި ކަމަކުން ވަރަށް ބޮޑު ޝޮކެއް ލިބިފަ ހުރީ،" ޖިނާ ޖަވާބުދިނެވެ. "ތީ ޒޫނާގެ ފްރެންޑެއްނު. އޭނަގެ ޕާސްޓް އެނގޭތަ؟ އަސްލު ކޮބައިތަ އޭނަގެ މައްސަލައަކީ؟"
އެ ސުވާލުގެ ޖަވާބު ދޭން ނިޝާ ބޭނުމެވެ. ނުދޭން ވެސް ބޭނުމެވެ. ޖިނާއަކީ ޅިޔަނަކަށް ވީތީއެވެ. އަނެއްކޮޅުން ނިޝާގެ ހަމަހިމޭންކަން ޖިނާގެ ހިތުގައި ހައިރާންކަމެއް އުފެއްދިއެވެ.
"ނިޝާ!" ޖިނާ ގޮވައިލިއެވެ.
"ތި ސުވާލު އަހަންނާ ނުކުރޭ!" ނިޝާ އެދުނެވެ.
"އެޔޯ؟" ހައިރާންވެފައި ޖިނާ ބުންޏެވެ. "މި ތާނގެ އެއްވެސް މީހަކަށް މާ ބޮޑު ޑީޓެއިލެއް ނޭނގެޔޭ! މާޒީ އެނގުނީމަ ތަންކޮޅެއް ފަސޭހަ ޑީލްކުރަން. ކޮބައިތަ މައްސަލައަކީ؟"
"ތީ މައްސަލައަކީ! އަސްލު.." ދެ ލޯ މަރައިފައި ނިޝާ ބުންޏެވެ.
ފޯނުގެ ބެޓެރީގެ ބާރު ހުސްވެގެން ޖިނާގެ ފޯނު ނިވުނީ އެންމެ ނާޒުކު ދަނޑިވަޅުގައެވެ. ނިޝާ އެހެން ބުނި ސަބަބެއް ޖިނާއަކަށް ނުވިސްނުނެވެ. ޒޫނާ މޮޔަވުމުގެ ސަބަބަކަށް ޖިނާ ވާންޖެހެނީ ކީއްވެގެން ހެއްޔެވެ؟ ޖިނާއަށް އެންމެ ފުރަތަމަ ޒޫނާ ފެނުނީ ދަތުރެއްގެ ތެރެއިންނެވެ. ޖިނާ އަބަދުވެސް ދުށީ ޒޫނާއަކީ އެކުވެރިއެއް ކަމުގައެވެ. ދަތުރު ނިމުނުއިރު ވެސް ކަން އޮތީ އެ ގޮތަށެވެ. މާލެއައި ފަހުން އެ ގުޅުން އެއްވެސް ވަރަކަށް ކުރިޔަކަށް ނުދެއެވެ. ދެން ޒޫނާއާ ދިމާވީ ޒޫނާގެ ދަރިފުޅު ޖެނީގެ ޓީޗަރެއްގެ ހައިސިއްޔަތުން ޒޫނާގެ ގެއަށް އައި ރެޔެވެ. އެ ރޭ ޒޫނާ އަނބުރައިގަތީއެވެ. ކީއްވެގެންކަމެއް ޖިނާއަކަށް ނޭނގެއެވެ. ވީއިރު މައްސަލައަކީ ޖިނާ ކަމުގައި ނިޝާ ބުނީ ކީއްވެގެން ހެއްޔެވެ؟
މެންދުރުގެ ވަގުތެވެ. ފަޅުރަށުގެ ވަލުތެރޭގައި އޮތް އެނބޫ ވެލެއްގެ މެދުގައި ޖެނީ އިށީނދެގެން އިނެވެ. އިރުގެ އަވިން ޖެނީއަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. އެހެން އިނދެގެން ވެޔޮގަނޑުގެ ފަތްތައް އުފުރައި، ކުރިތައް ބިންދައިހެދިއެވެ. ރުޅިގަދަވެގެން ގޮސް ރޯންވީކަމެއް ނުވަތަ ހަޅޭއްލަވައިގަންނަންވީ ކަމެއް ޖެނީއަކަށް ނޭނގެއެވެ. ޖެނީއަށް ބަލަހައްޓައިގެން ބައްޕަ ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. ވެގެންއުޅޭ ގޮތް ބައްޕައަށް ނޭނގެނީކީ ނޫނެވެ. އެކަމަކު، އެނގޭ ކަންތައް ނޭނގޭކަމަށް ހެދުމަކީ އޭނަގެ އާދައެކެވެ. ބަނޑިބަނޑިލައްވަމުން އައި ނަންނުގަތި ޖެނީ ގާތުގައި ހުއްޓުނެވެ.
"ވެޔޮގަނޑު ކުށްވެރިވީ؟" ނަންނުގައްޗެއްގެ ސިފައިގައި އޮތް ބައްޕަގެ ސުވާލު ޖެނީއަށް އިހުސާސް ކުރެވުނެވެ.
އިންސާނެއް ނޫން ސިފައެއްގައި އައުމުން ބައްޕައާއި ޖެނީއާ ދެމެދު މުޢާމަލާތު ކުރެވެނީ ބަހުރުވަޔަކުން ނޫނެވެ. އިހުސާސުންނެވެ.
"ވަރަށް ރުޅިއާދޭ!" ޖެނީ ބުންޏެވެ. "ހިތަށްއަރާ އޭނަ.."
"ކޮންކަމަކާތަ ރުޅިއަންނަނީ؟" ބައްޕަ އެހިއެވެ. "ކޮން އޭނައެއް؟"
"ނޭނގިގެންތަ ތި އަހަނީ؟" ކުރިޔަށް ވުރެ ރުޅިއައިސްފައި ޖެނީ އެހިއެވެ. "އޭނަ ހުއްޓުވާ!"
"އަޖައިބެއް ނުވާނެ،" ބައްޕަ ތަންކޮޅެއް ބާރަށް ބުންޏެވެ. "ކާކުހޭ؟"
"މަޒްލާން!" ބައްޕައަށް ވުރެ ބާރަށް ޖެނީ ހަޅޭއްލަވައިގަތެވެ. "ބައްޕަގެ ރަންދަރި!"
ޖެނީގެ ބައްޕައަކީ ޖިންނިއެއްކަމަށް ވިޔަސް، ކަންކަން ހިނގަނީ އެ ބައްޕަ ބޭނުންވާ ގޮތަކަށް ނޫނެވެ. ހުރިހައި ކަމަކަށް ބައްޕަގެ ބާރެއް ނުވެސް ފޯރުވެއެވެ. އެއީ އަމިއްލަ ޢާއިލާ ކަމުގައި ވިޔަސް ވެހެވެ.
"ދަރިފުޅަށް އެނގޭނެ އެއީ ކޮއްކޮގެ ވައްތަރުކަން." ބައްޕަ އެހެން ބުނީ ވިސްނައިދޭ ރާގެއްގައެވެ.
"ކޮއްކޮގެ ވައްތަރެއް ނޫން. ބައްޕަ ބޭނުންވި ގޮތް އެއީ،" ނަންނުގަތީގެ ލޮލާ ހަތަރުކަޅި ހަމަކޮށްފައި ޖެނީ ބުންޏެވެ. "ފޫހިވޭ ކޮއްކޮ ކިޔަން ވެސް. އޭނަ ބޭނުމެއް ނުވޭ މަންމަ ރަނގަޅުވާކަށް. ސައުވީސް ގަޑިއިރު މަންމައަށް ފާރަލައިގެން އެ ހުންނަނީ. ބައްޕަ އޭނަ ހުއްޓުވާ!"
ބައްޕަ ޖަވާބެއް ނުދިނެވެ. ވަށްވެލައިގެން އޮތީއެވެ.
އިރާކޮޅުގެ ވަގުތެވެ. ނިޝާ އިނީ ދެ ފިކުރެއްގައެވެ. އޭރު ވެސް ފޯނު ރަނގަބީލު ވަމުންދިޔައެވެ. އެއީ ޖިނާ ކުރި ތިންވަނަ ކޯލެވެ. ޖިނާ އަހާނީ ކޮން ސުވާލެއްކަން ނިޝާއަށް ރަނގަޅަށް އެނގެއެވެ. ފޯނު ނަގައިފި ނަމަ ނިޝާ ޖެހޭނީ ޒޫނާއަށް ދިމާވި ހާދިސާ ތަފުސީލުކޮށް ކިޔައިދޭށެވެ.
ނުނިމޭ