29 މެއި 2018 - 07:57

އެޕަލް އިން އައިފޯނުގެ "ނިއާ ފީލްޑް ކޮމިއުނިކޭޝަން" ނުވަތަ "އެންއެފްސީ" ޗިޕް، ތާޑްޕާޓީ ޑިވެލޮޕަރުންނަށް ހުޅުވަލަން އެބަ އުޅެ އެވެ. ޑިވެލޮޕަރުންގެ އިތުރުން ހާޑްވެއާ އުފައްދާ މީހުންނަށް ވެސް ހުއްދަ ދޭނެ ކަމަށް ބެލެވެ އެވެ.
އައިފޯން އާއިލާ އަށް އެންއެފްސީ ޓެކްނޮލޮޖީ އެޕަލް އިން ތައާރުފުކުރީ 2014 ވަނަ އަހަރު އެވެ. އެއީ އައިފޯން 6 އަދި އައިފޯން 6 ޕްލަސްގައި ހިމަނައިގެންނެވެ. އެ އަށް ފަހު އާންމު ގޮތެއްގައި އެންއެފްސީ ބޭނުންކުރެވެނީ "އެޕަލް ޕޭ" ނެޓްވޯކްގައި ހިމެނޭ "ޕޮސް" މެޝިންތަކުން ފައިސާދެއްކުމަށެވެ.
އެޕަލްގެ ވިސްނުން މިހާރު ހުރީ އައިފޯން މެދުވެރިކޮށް އެންއެފްސީ ޓެކްނޮލޮޖީ ފުޅާކުރުމަށެވެ. އެ ގޮތުގައި، އައިފޯން "އެންއެފްސީ ސާކިޓްރީ" މެދުވެރިކޮށް ކޮޓަރީގެ ދޮރު ހުޅުވުން އަދި ޓްރާންސިޓް ކާޑެއް ގޮތުގައި ރޭލާއި ބަސް ފަދަ އެއްގަމު އުޅަދުފަހަރުގައި ބޭނުންކުރުމަށެވެ.
އެޕަލް އިން އަންނަނީ މި ޓެކްނޮލޮޖީ މިހާރު ވެސް ބޭނުންހިފަމުންނެވެ. އެޕަލްގެ އާ ހެޑްކްއާޓަރުގައި، އިދާރީ އޮފީހުގެ ބައިތަކަށް މުވައްޒަފުން ވަދެ ނިކުންނަނީ ދޮރުކަނީގައި ހުންނަ ރީޑާރުގައި އެ މީހަކު ގެންގުޅޭ އައިފޯނު ކާއްތާލާފަ އެވެ.
އެންއެފްސީ ޓެކްނޮލޮޖީ އައިފޯނުގައި ގާއިމުކުރާ މިންވަރު ހާމަކުރާނެ ކަމަށް ބެލެވެނީ ކުރި އަށް އޮތް، ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސްގަ އެވެ. އެ ކޮންފަރެންސްގައި އައިއޯއެސް 12 ގައި ހުރި އާ ފީޗާތަކާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވެސް ބުނެވެ އެވެ.