ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ހެކިބަސް ދިން ހެކިންގެ އަދުލުވެރިކަމެއް ނުގެއްލޭ: ދައުލަތް
ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ހެކިބަސް ދިން ހެކިންގެ އަދުލުވެރިކަމެއް ނުގެއްލޭ: ދައުލަތް

ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ހެކިބަސް ދިން ދެ ހެކިންނަކީ އަދުލުވެރިކަން ގެއްލިފައި ތިބި ބައެއް ނޫން ކަމަށް ބުނެ، އެ މީހުންގެ ހެކިބަސް ދައުލަތުން ހައި ކޯޓުގައި މިއަދު ދިފާއުކޮށްފި އެވެ.

ދަށު ކޯޓުތަކުގެ ދެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި ކަމުގެ ކުށް ސާބިތުވެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ދެ ބޭފުޅުންގެ ފަރާތުން އެމައްސަލަ އިސްތިއުނާފް ކޮށް، އެ ބޭފުޅުންގެ ވަކީލުން ހައި ކޯޓުގައި ފާހަގަކުރާ މައިގަނޑު އެއް ކަމަކީ އެ ދެ ބޭފުޅުންނާ ދެކޮޅަށް ހެކިބަސް ދިން ދެ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ބުނެ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އެ މައްސަލާގައި ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދިން ދެ މީހުންނަކީ ދެ ފަނޑިޔާރުންކަން އެ މީހުންގެ ހެކިބަހުން އެނގޭ ކަމަށެވެ. އެ މީހުންގެ ހެކިބަހުގައި، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުފޫޒު އެ މީހުންގެ މައްޗަށް ފޯރުވުމުން އެ ގޮތަށް އަމަލު ކޮށްފައިވާ ކަން އެނގެން އޮތުމުން، އެ ހެކިންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ދިފާއީ ވަކީލުން ފާހަގަ ކޮށްފައިވެ އެވެ. އަދި އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ހެކިން ބުނާއިރު، އެ ކަން އެއްވެސް ފަރާތަކަށް ހުށަހަޅާފައި ނެތްކަން ވެސް ދިފާއީ ވަކީލުން ފާހަގަކުރި އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ދެ ހެކިންނަކީ ހެކިންގެ ކިބައިގައި ހުރުން ލާޒިމްވާ އަދުލުވެރި ކަމުގެ ސިފަ ގެއްލިފައިވާ ބައެއް ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނެތް ކަމަށެވެ. އަދި ވަކި ގޮތަކަށް އަމަލު ކުރަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެ ހެކިންނަށް ނުފޫޒު ފޯރުވުމުން އެ ގޮތަށް އެ ހެކިން އަމަލު ކޮށްފައި އޮތުމަކީ އެ މީހުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އެ ގޮތަށް ހެކިން އަމަލުކުރީ އެ މީހުންގެ މައްޗަށް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުފޫޒު ފޯރުވުމުގެ ސަބަބުން ކަމަށް ވާތީ ކަމަށެވެ.

ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެއްވެސް އިދާރާ އަކަށް ހެކިން ހުށަހަޅާފައި ނެތުމުން، އެކަން ދިފާއީ ވަކީލުން ފާހަގަ ކޮށްފައިވާތީ، އޭގެ ރައްދުގައި ދައުލަތުން ބުނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަކީ ވެސް ޝަރުއީ ދާއިރާގެ އެންމެ އިސް ފަރާތުގައި މަސައްކަތް ކުރައްވާ ދެ ބޭފުޅުން ކަމަށް ވާތީ އެ ދެ ބޭފުޅުންނާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފި ނަމަ އެ ހެކިންނަށް ދަތިތަކާ ދިމާވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ހެކިބަސް ދިން ދެ ހެކިންނަކީ އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތްތައް ކަމަށާއި އެހެންވެ އެ ދެ ހެކިންގެ ބަހަށް އެކަނި ބިނާކޮށް އެ މައްސަލަ ސާބިތު ނުކުރެވޭނެ ކަމަށް ބުނެ ހައި ކޯޓުގެ ކުރީގެ ނިންމުމެއް ދިފާއީ ވަކީލުން ފާހަގަ ކޮށްފައި ވެ އެވެ. އެ ނުކުތާއާ ގުޅިގެން ދައުލަތުން ބުނީ ދިފާއީ ވަކީލުން ހަވާލާދޭ ހައި ކޯޓުގެ ހުކުމަކީ މާރާމާރީގެ މައްސަލައަކާ ގުޅިގެން އެ ކޯޓުން ނިންމި މައްސަލައެއް ކަމަށާއި އެ މައްސަލަ އާއި މި މައްސަލަ ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

ނުފޫޒު ފޯރުވި ކަމަށް ބުނާ ހެކިންގެ ބަސް އިތުރަށް ކަށަވަރު ކުރަން އިތުރު ހެކިން ހުށަހަޅާފައި ނެތް މައްސަލަ ދިފާއީ ވަކީލުން ފާހަގަ ކުރަމުންދާތީ އޭގެ ރައްދުގައި ދައުލަތުން ބުނީ ގާނޫނުލް އުގޫބާތު އޮތްގޮތުން ނުފޫޒު ފޯރުވުމުގެ މައްސަލައެއްގައި ދައުލަތުން ހަމައެކަނި ސާބިތު ކޮށްދޭން ޖެހޭނީ ނުފޫޒު ފޯރުވުމުގެ ގޮތުން ދައުލަތުގެ މުވައްޒަފަކާ މުއާމަލާތެއް ކުރިކަން އެކަނި ކަމަށެވެ. އަދި ސިއްރު ދެ ހެކިންގެ ބަހުން ވެސް އެކަން އެނގެން އެބައޮތް ކަމަށާއި އަދި އެހެންވެ، އިތުރު ހެކި ހުށަހަޅާފައި ނެތުމަކީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވާ ކަމުގެ ދަލީލެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން އިތުރަށް ބުނިގޮތުގައި އެ މައްސަލާގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުންތަކަށް ބަަލާއިރު، ސިއްރު ހެކިން ބުނާ ކަންކަން އެގޮތުގައި ހިނގާފައިވާ ކަން އެނގޭނެ އެވެ. ދިފާއުގައި ހެކި ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ދަށު ކޯޓުން ނުދޭ ކަމަށް ދިފާއީ ވަކީލުން ފާހަގަކުރި ނުކުތާއާ ގުޅިގެން ދައުލަތުން ބުނީ އެކަމަށް ދަށު ކޯޓުން ދިން މުއްދަތުގައި ދިފާއީ ވަކީލުން ހެކި ހުށަނޭޅީ ކަމަށެވެ.

ދައުލަތުން ދަށު ކޯޓަށް ހުށަހެޅި ލިޔުންތައް ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށް ނުދީ ހިފަހައްޓާފައިވާ ކަމަށް ދިފާއީ ވަކީލުން ބުނަމުންދާތީ، ދައުލަތުން ބުނީ ދިފާއީ ވަކީލުން ހޯދަން އެދުނު ލިޔުންތަކަކީ ތަހުގީގު މަރުހަލާގައި ވެސް ދޫކުރި ލިޔުންތައް ކަމަށެވެ. އަދި ލިޔުން ހޯދަން އެދެން ޖެހޭނީ ލިޔުމުން ކަމަށް ވާއިރު، އެގޮތަށް ދިފާއީ ވަކީލުން އެދިފައި ނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން، އެ މައްސަލާގައި ދައުވާ ފޯމްގައި ސޮއިކުރީ ޕްރޮސެކިއުޓާ ޖެނެރަލް އެކަމަށް ހުއްދަ ދެއްވި ފަރާތެއް ކަން އެ ފޯމުން އެނގެން ނެތް މައްސަލަ އާއި ކުށުގެ އަމަލު ހިންގި ވަގުތު ދައުވާގައި ނެތް މައްސަލަ ވެސް ދިފާއީ ވަކީލުން ފާހަގަކުރި އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް ވަކީލުންނާ ނުލައި ދަށު ކޯޓުން ކުރިއަށް ގެންގޮސްފައި އޮތުމުގެ އިތުރުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ނުލިބޭ ގޮތަށް ޝަރީއަތް ފަށާފައިވާ ކަމަށް ބުނެ އެ ކަންކަން ވެސް ދިފާއީ ވަކީލުން ފާހަގަ ކޮށްފައިވާތީ އެކަން ކަމަށް ވެސް ދައުލަތުން ރައްދު ދިނެވެ.

ދައުލަތުން ބުނިގޮތުގައި ދައުވާ ފޯމްގައި ސޮއިކުރާ މީހަކީ ޕްރޮސެކިއުޓާ ޖެނެރަލް ހުއްދަ ދީފައިވާ މީހެއް ކަން ދައުވާ ފޯމުގައި ކޮންމެހެން ލިޔެފައި އޮންނާކަށް ނުޖެހޭނެ އެވެ. އަދި އެ މައްސަލާގައި ދައުވާ ފޯމުގައި ސޮއިކުރީ ޕީޖީ ހުއްދަ ދެއްވާފައިވާ ފަރާތެއް ކަން ކޯޓުތަކަށް ޕީޖީ ފޮނުއްވާފައިވާ ސާކިއުލާއިން ވެސް އެނގޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ކުށްކުރި ސީދާ ވަގުތެއް ދައުވާގައި ބަޔާން ކޮށްފައި ނެތް މައްސަލައާ ގުޅިގެން ދައުލަތުން ބުނިގޮތުގައި އެ މައުލޫމާތު ދައުވާގައި ނެތީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުފޫޒު ފޯރުވާފައިވަނީ އެކި ފަހަރު މަތިން އެކި ދުވަސްވަރު ކަމަށް ވާތީ އެވެ. އެކަމަކު 2016 އިން ފެށިގެން ނުފޫޒު ފޯރުވަމުން އައިސްފައިވާ ކަން ދައުވާގައި އޮންނާނެ ކަމަށާއި އެ މިންވަރަށް ދައުވާގައި އެކަން ބަޔާން ކުރުމުން ފުދޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ވަކީލުންނާ ނުލައި އަޑުއެހުމެއް ކުރިއަށް ގެންދިޔަ ކަމަށް ދިފާއި ވަކީލުން ފާހަގަކުރި ނުކުތާއާ ގުޅިގެން ދައުލަތުން ބުނިގޮތުގައި އެ އަޑުއެހުން ދިފާއީ ވަކީލުންނާ ނުލައި ކުރިއަށް ގެންދިޔައީ އެ އަޑުއެހުމަށް އެއްވެސް ވަކީލަކު ހާޒިރު ނުވުމުންނާއި ވަކީލުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދިނުމުންނެވެ. އަދި އެ އަޑުއެހުން އޮންނާނެ ކަން ކުރިން އޮތީ އިއުލާން ކޮށްފައި ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ނުލިބެނީސް، ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފެށި ކަމަށް ބުނާ ބުނުމަށް ރައްދުދީ ދައުލަތުން ބުނިގޮތުގައި ގާނޫނުގައި އޮތީ ލިޔުންތައް ދޫކުރެވޭތާ 30 ދުވަސް ތެރޭގައި ޝަރީއަތް ފަށައިގެން ނުވާނެ ކަމަށް ކަމަށެވެ. އެ މައްސަލައިގެ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަތީ އެ މުއްދަތު ދިން ފަހުން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި، އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވަނީ ކުރިން ކުރިން ހުށަހަޅާފައި ނެތް އާ ދެ ނުކުތާއެއް ފާހަގަ ކުރަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު ފަނޑިޔާރުންގެ ބެންޗުން ވަނީ އާ ނުކުތާއެއް ފާހަގަ ކުރަން ފުރުސަތު ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ބައި ވަކިން ކުރިއަށް ގެންދިޔަ އަޑުއެހުމަށް އެ ދެ ބޭފުޅުން ވެސް ހާޒިރު ކޮށްފައި ތިއްބެވެ. އެކަމަކު މިހާތަނަށް އެ ދެ ބޭފުޅުން ވެސް އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ.

އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު ބައްލަވާ އެ މައްސަލާގައި ދެން އޮންނާނީ އެންމެ ފަހު އަޑުއެހުމެވެ. އެ އަޑުއެހުމަށް ދެ ފަރާތުން ވެސް ތައްޔާރުވުމަށް ފަނޑިޔާރުންގެ ބެންޗުން އެންގެވި އެވެ.

އެ މައްސަލަ 30 ދުވަސް ތެރޭގައި ހައި ކޯޓުން ނިންމަން ޖެހޭނެ އެވެ. އެ މައްސަލައިގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ފަނޑިޔާރުކަމުން އޮޓަމެޓިކުން ވަކިވާނެ އެވެ.