27 މެއި 2018 - 16:03

ދަރިންގެ އަޅާލުން ނުލިބި އެކަނި ހޮސްޕިޓަލްގައި އޮންނަން ޖެހުނު، "ޕަކީޒާ" ފަދަ ފިލްމްތަކުގައި ސަޕޯޓިން ރޯލް ކުޅުނު ކުރީގެ ބަތަލާ ގީތާ ކަޕޫރަށް ފަރުވާ ދިނުމަށް ފަހު، އުމުރުން ދުވަސްވީ މީހުން ތިބޭ ތަނަކަށް ބަދަލުކޮށްފައި ވަނިކޮށް ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ.
ގޮރެގާއޮންގެ އެސްއާރްވީ ހޮސްޕިޓަލަށް ގީތާ، 67، ގެންދިޔައީ އެޕްރީލް، 21، 2017 ވަނަ ދުވަހު އޭނާގެ ދަރިފުޅު ރާޖާ އެވެ. ގީތާ ހޮސްޕިޓަލަށް ގެންދިޔައީ ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވެގެން، ވެއްޓުމުންނެވެ.
ހޮސްޕިޓަލުގައި ގީތާ އެޑްމިޓް ކުރަން ޖެހުމުން ޑިޕޮސިޓް ފައިސާ ދައްކަން ޖެހުނެވެ. ދަރިފުޅު ރާޖާ ފިލީ ފައިސާ ނަގަން އޭޓީއެމަށް ގޮސް އަންނާނެ ކަމަށް ބުނުމަށް ފަހުގަ އެވެ. އެކަމަކު ދިޔަ ގޮތަށް ހަބަރެއް ނުވެގެން އޭނާ އަށް ގުޅަން ހޮސްޕިޓަލުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ނަމަވެސް ގީތާގެ ހާލު ދެރަކަމުން ޑޮކްޓަރުން ވަނީ އޭނާ އަށް ފަރުވާ ދީފަ އެވެ. އަދި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ޖީވަން އާޝާ އޯލްޑް އޭޖް ހޯމަށް ގީތާ ބަދަލު ކުރި އެވެ. ގީތާގެ ހަރަދުތައް ބެލެހެއްޓީ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ އާއި އަޝޯކް ޕަންޑިތު އެވެ.
ގީތާގެ ހަށިގަނޑު މި ވަގުތު އޮތީ ކޫޕާ ހޮސްޕިޓަލްގެ މޯޗަރީގައި ބާއްވައިފަ އެވެ.
އޭނާގެ މަރުވިކަން އެންމެ ފުރަތަމަ އިއުލާން ކުރި އަޝޯކް ބުނި ގޮތުގައި ގީތާގެ ހަށިގަނޑު މޯޗަރީގައި ބާއްވާފައި އޮތީ އޭނާގެ ދަރިންގެ ހަބަރެއްވޭތޯ އެވެ. އަދި ޖަނާޒާ މާދަމާ ބާއްވަން ވަނީ ނިންމައިފަ އެވެ.
ކެރިއަރުގައި 100 އަށް ވުރެ ގިނަ ފިލްމް ކުޅެފައިވާ ގީތާގެ ފިރިހެން ދަރިފުޅު ރާޖާއަކީ ކޯރިއޮގްރާފަރެކެވެ. އޭނާގެ އަންހެން ދަރިފުޅު ޕޫޖާއަކީ އެއާހޮސްޓެސް އެކެވެ.