ޓީމް ޕްރޮފައިލް: ސެނެގާލް
ޓީމް ޕްރޮފައިލް: ސެނެގާލް

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސެނެގާލް މިހާތަނަށް ވޯލްޑް ކަޕްގައި ވާދަކުރީ އެންމެ ފަހަރަކު އެވެ. ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ގައި އޮތް ވޯލްޑް ކަޕްގައި ސެނެގާލް އިން ނެރުނީ ހައިރާންކުރުވި ނަތީޖާއެކެވެ. އެގޮތުން އޭރުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް ފުރަތަމަ މެޗުން ކުރި ހޯދި އެވެ. މިއީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ. އެ މުބާރާތުގައި ސެނެގާލް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. އެކަމަކު ކުއާޓާ ފައިނަލްގައި ތުރުކީ އަތުން ބަލިވެ، ކެޓީ އެވެ. މިއީ 2002ގެ ފަހުން ސެނެގާލް ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. އަހަރުތަކަށް ފަހު، ސެނެގާލްގައި މިހާރު މަޝްހޫރު އެތައް ކުޅުންތެރިންނެއް ވަނީ އުފެދިފަ އެވެ.

ޓީމް ޕްރޮފައިލް: ސެނެގާލް
ޓީމް ޕްރޮފައިލް: ސެނެގާލް

އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ޑީ އިން ސެނެގާލް ކޮލިފައިވީ ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ބުރުކިނަ ފާސޯ އާއި ކޭޕް ވާޑަ އަދި ދެކުނު އެފްރިކާ ހިމެނުނު ގުރޫޕްގެ އެއް ވަނަ ސެނެގާލް އިން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކުރިއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ޖުމްލަ 10 ލަނޑު ޖެހިއިރު، ބައިކޮޅަށް ވަދެފައިވަނީ އެންމެ ތިން ލަނޑެވެ.

ކޯޗު: ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ އަކީ އެ ގައުމުގައި މަގްބޫލު ކޯޗެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވެސް އޭނާ މަޝްހޫރުވި އެވެ. އެގޮތުން 2002ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި، ސެނެގާލް ތާރީހުގެ ތެރެއަށް ވެއްދި ކެޕްޓަނަކީ ސީސޭ އެވެ. ޑިފެންސިވް މިޑްފީލްޑް އަދި ޑިފެންސަށް ކުޅުނު ސީސޭ ވަނީ ސެނެގާލްގެ ގައުމީ ޓީމަށް 35 މެޗު ކުޅެފަ އެވެ. ފްރާންސާއި އިނގިރޭސިވިލާތުގެ ކްލަބުތަކަށް އޭނާ ކުޅުނެވެ. ކޯޗިން ދާއިރާ އަށް ސީސޭ ނުކުތީ 2012 ވަނަ އަހަރެވެ. ކޯޗިންގައި ސީސޭގެ އެންމެ ފުރަތަމަ ތަޖުރިބާ އަކީ ސެނެގާލްގެ 23 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗުކަމެވެ. އެއަށް ފަހު 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން އޭނާ ކުރި އެވެ. ގައުމީ ޓީމާ އޭނާ ހަވާލުވީ 2015 ވަނަ އަހަރެވެ.

ސަދިއޯ މާނޭ: ސެނެގާލްގެ ޓީމުން މިހާރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ލިވަޕޫލަށް ކުޅެމުން އަންނަ ފޯވަޑް ސަދިއޯ މާނޭ އެވެ. ސެނެގާލްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުމަށް ފަހު، ސީނިއާ ޓީމަށް މާނޭ ކުޅެން ފެށީ 2012 ގަ އެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 48 މެޗުގައި އޭނާ ވަނީ 14 ލަނޑު ޖަހައިފަ އެވެ. މާނޭ ކެރިއަރު ފެށީ ފްރާންސްގެ މެޓްޒް އިންނެވެ. އެ ކްލަބުގައި އެއް ސީޒަން ހޭދަކުރުމަށް ފަހު، އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގަށް ބަދަލުވި އެވެ. އެ ޓީމުގައި ދެ އަހަރު ހޭދަކުރުމަށް ފަހު، މާނޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ފެށީ ސައުތުހެމްޓަން އަށެވެ. އެ ޓީމުގައި ހޭދަކުރި ދެ ސީޒަންގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން ހޯދައިފަ އެވެ. މާނޭ ލިވަޕޫލަށް 2016 ގައި ބަދަލުވީ 34 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ.

އިދްރީސާ ގުއޭޔޭ: ސެނެގާލްގެ ގައުމީ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ގުއޭޔޭ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ފާހަގަކޮށްލެވޭ މިޑްފީލްޑަރެކެވެ. މަސައްކަތުގެ ރޭޓު ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވިފައިވާ ގުއޭޔާ ކެރިއަރު ފެށީ ފްރާންސް އިންނެވެ. ފްރާންސްގެ ލިލް އަށް 2010 އިން 2015 އަށް ކުޅުމަށް ފަހު ބަދަލުވީ އެސްޓަން ވިލާ އަށެވެ.

ކަލީދޫ ކުލިބާލީ: ނަޕޯލީ އަށް ކުޅޭ ޑިފެންޑަރު ކަލީދޫ ކުލިބާލީ އަކީ ޔޫރަޕްގައި މިހާރު ފާހަގަކުރެވޭ ޑިފެންޑަރެކެވެ. ޔޫރަޕްގެ ގިނަ ކްލަބުތަކުން އޭނާ އަށް ވަނީ ޝައުގުވެރިވެފަ އެވެ. ކުލިބާލީ ކެރިއަރު ފެށީ ފްރާންސްގެ މެޓްޒް އިންނެވެ. އަދި އެއަށް ފަހު އޭނާ ވަނީ ބެލްޖިއަމްގެ ގެންކަށް ބަދަލުވެފަ އެވެ. ނަޕޯލީ އަށް ކުޅެން ފެށީ 2014 ވަނަ އަހަރެވެ. މިހާތަނަށް އޭނާ ވަނީ އެ ކްލަބަށް 100 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. ފްރާންސަށް އުފަން ކުލިބާލީ ވަނީ ފްރާންސްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. އެކަމަކު ސީނިއަ ލެވެލްގައި އޭނާ ކުޅެން ނިންމީ ސެނެގާލްއަށެވެ. އެގޮތުން ސެނެގާލަށް ކުޅެން ފެށީ 2015 ގަ އެވެ.

ގުރޫޕް އެޗްގައި ވޯލްޑް ކަޕްގެ ފޭވަރިޓެއް ނެތް ނަމަވެސް، މި ގުރޫޕްގައި ތިބި ޓީމުތަކަށް ބަލާއިރު މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ވާދަވެރި އެއް ގުރޫޕަށް ވެދާނެ އެވެ. ސެނެގާލް އަކީ ވެސް މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ގައުމެކެވެ. މީގެ އިތުރުން ޕޯލެންޑާއި ކޮލަމްބިއާ އަކީ ވެސް މި ގުރޫޕުން ދެވަނަ ބުރަށް ވާދަކުރާނެ ކަމަށް ބެލެވޭ ދެ ގައުމެވެ. ޖަޕާނަކީ ވެސް ސަޕްރައިޒިން ނަތީޖާއެއް ނެރެވޭ ފެންވަރުގެ ޓީމެކެވެ. އެހެންކަމުން މި ގުރޫޕުން ސެނެގާލް އަށް ދެވަނަ ބުރުން ޖާގަ ހޯދަން ފަސޭހައެއް ނުވާނެ އެވެ.