01 ޖޫން 2018 - 00:00

ރަޝިއާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމެވެ. މިއީ ރަޝިއާގައި ފީފާ ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރަޝިއާ ވަނީ 10 ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. ކުރިން ސޯވިއެޓް ޔޫނިއެންގެ ގޮތުގައި އޮތް ރަޝިއާ އިން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅުނީ 1958 ވަނަ އަހަރެވެ. އެ ފަހަރު ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. ސޯވިއެޓް ޔޫނިއަންގެ ގޮތުގައި ރަޝިއާ އިން ވަނީ 1958 އިން ފެށިގެން 1990 އާ ހަމައަށް، 1974 އަދި 1978 ފިޔަވައި، އެހެން ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކޮށްފަ އެވެ.

ސޯވިއެޓް ޔޫނިއަންގެ ގޮތުގައި ރަޝިއާ ވޯލްޑް ކަޕްގައި ވާދަކުރިިއިރު، ތިން ފަހަރު ކުއާޓާ ފައިނަލަށް ދިޔަ އެވެ. އަދި 1966ގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި އެވެ. މިއީ ރަޝިއާ އަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. ސޯވިއެޓް ޔޫނިއަން ރޫޅި، ވަކި ދައުލަތެއްގެ ގޮތުގައި ރަޝިއާ އުފެދުނު ފަހުން އެ ގައުމު ވޯލްޑް ކަޕްގައި ފުރަތަމަ ވާދަކުރީ އެމެރިކާގައި 1994 ގައި އޮތް މުބާރާތުގަ އެވެ. އޭގެ ފަހުން 2002 އަދި 2014 ގެ ވޯލްޑް ކަޕްގައި ވެސް ކުޅުނެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ރަޝިއާ ވާދަކުރަނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. ކޮލިފައިންގައި ނުކުޅެ އެވެ.
ރަޝިއާ އަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު ސްޓަނިސްލާވް ޗެރްޗެސޯފް އެވެ. އުމުރުން 54 ވަނަ އަހަރުގެ ޗެރްޗެސޯފްގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ އޮސްޓްރިއާ، ޕޯލެންޑް އަދި ރަޝިއާގެ ރަނގަޅު ކްލަބުތަކެއްގައި މަސައްކަތްކޮށްފަ އެވެ. ރަޝިއާގެ ކޯޗުކަމާ 2016 ގައި ހަވާލުވުމުގެ ކުރިން، ޗެރްޗެސޯފް ހުރީ ޕޯލެންޑްގެ އެންމެ މަޝްހޫރު ކްލަބު ކަމަށްވާ ލެގިއާ ވޯސޯގެ ކޯޗަށެވެ. ޗެރްޗެސޯފް އަކީ މޮޅު ގޯލްކީޕަރެކެވެ. އަދި ސޯވިއެޓް ޔޫނިއަން އާއި ރަޝިއާގެ ގައުމީ ޓީމަށް ވެސް އޭނާ ކުޅުނެވެ. ޗެރްޗެސޯފް އަށް ރަޝިއާގެ ކޯޗުގެ މަގާމު ހަވާލުކުރުމާ އެކު، ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވި އެވެ. އޭގެ އެއް ސަބަބަކީ ޗެރްޗެސޯފް ކޯޗިން ކެރިއަރުގައި އެއްވެސް ކްލަބެއްގައި މާ ގިނަ ދުވަހު މަސައްކަތް ކުރެވިފައި ނެތުމެވެ. ރަޝިއާގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން، ޗެރްޗެސޯފް ކޯޗުކޮށްދިން ހުރިހާ ކްލަބެއްގައި ވެސް އޭނާ އުޅުނީ އެއް ސީޒަނަށެވެ. ނަމަވެސް، ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީ، ރަޝިއާގެ ކުޅުން ބަދަލުކޮށްލަން ޗެރްޗެސޯފް ކުރާ މަސައްކަތުގެ ސަބަބުން އޭނާ އަށް މިހާރު ތައުރީފް ވެސް ކުރެ އެވެ.
އީގޯ އަކިންފިއޭފް: ރަޝިއާގެ ގައުމީ ޓީމުގެ ކެޕްޓަން އީގޯ އަކިންފިއޭފް އަކީ މި ވަގުތު ރަޝިއާ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަށް 2003 އިން ފެށިގެން ކުޅެމުން އަންނަ އަކިންފިއޭފް ރަޝިއާގެ ގައުމީ ޓީމަށް ފުރަތަމަ އެރީ 2004 ގަ އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. ރަޝިއާގެ ގައުމީ ޓީމާ އެކު ޔޫރޯގެ ތިން މުބާރާތް، އަދި 2014 ގެ ވޯލްޑް ކަޕްގައި އޭނާ ކުޅުނެވެ.
އެލަން ޒަގޮއޭފް: އެލަން ޒަގޮއޭފް ރަޝިއާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރެވެ. ރަޝިއާ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ސީޒަންގައި ވެސް އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި ޒަގޮއޭފް ،27، ރަޝިއާގެ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ އުމުރުން 18 އަހަރުގަ އެވެ.
ޒަގޮއޭފް ބޮޑަށް ވިދާލީ 2012 ވަނަ އަހަރުގެ ޔޫރޯގަ އެވެ. އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ޒަގޮއޭފް ހިމެނުނުއިރު، ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އޭނާ އަށް ސަމާލުކަން ދިނެވެ. ޒަގޮއޭފް ވަނީ 2014 ގެ ވޯލްޑް ކަޕްގައި ރަޝިއާގެ ޓީމަށް ކުޅެފަ އެވެ.
އެލެކްސަންޑާ ކޮކޮރިން: އެލެކްސަންޑާ ކޮކޮރިން އަކީ ރަޝިއާގެ ފޯވަޑް ލައިންގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިޔެކެވެ. ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓަސްބާގަށް ކުޅޭ ކޮކޮރިން ރަޝިއާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2011 ގަ އެވެ. ކޮކޮރިން ވަނީ 2014ގެ ވޯލްޑް ކަޕާއި 2016ގެ ޔޫރޯގައި ރަޝިއާގެ ޓީމަށް ކުޅެފަ އެވެ.
އެލެކްސީ މިރަންޗުކް: ލޮކޮމޯޓިވް މޮސްކޯ އަށް ކުޅޭ އެލެކްސީ މިރަންޗުކް އަކީ މި ވަގުތު ރަޝިއާގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. އުމުރުން 22 އަހަރުގެ މިރަންޗުކް ރަޝިއާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2015 ގަ އެވެ. ރަޝިއާ ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިރަންޗުކް އަށް މި އަހަރުގެ ވޯލްޑް ކަޕަކީ ގައުމީ ޓީމާ އެކު އިންޓަނޭޝަނަލް މުބާރާތެއްގައި ކުރާ ފުރަތަމަ ތަޖުރިބާ އެވެ. އެހެންކަމުން މި ފަހަރުގެ ވޯލްޑް ކަޕްގައި މިރަންޗުކާއާ މެދު ރަޝިއާގެ ސަޕޯޓަރުން ފޮނި އުންމީދުތަކެއް ކުރެ އެވެ.
މުބާރާތް ބާއްވާ ގައުމަށް ވި ނަމަވެސް، ގުރޫޕް އޭގައި ރަޝިއާ އަށް ދެވަނަ ބުރުގެ ޖާގައެއް ހޯދަން ފަސޭހައެއް ނުވާނެ އެވެ. މި ގުރޫޕްގެ ފޭވަރިޓުންނަކީ އުރުގުއޭ އެވެ. އަދި މިސްރު ފަހަތަށް ޖައްސާލުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު އަމިއްލަ ގައުމުގައި ކުޅުމުގެ އެޑްވާންޓޭޖް ރަޝިއާ އަށް ރަނގަޅަށް ނެގިއްޖެ ނަމަ، ދެވަނަ ބުރަށް ދެވިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ގަބޫލްކުރެ އެވެ.