01 ޖޫން 2018 - 00:00

ޕޯލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1938 ވަނަ އަހަރެވެ. ފްރާންސްގައި އެ އަހަރު އޮތް މުބާރާތުގެ ފުރަަތަމަ ބުރުން ޕޯލެންޑް ކެޓީ އެވެ. އެއަށް ފަހު ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިވީ 1974 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ތިން ވަނަ ޕޯލެންޑް ހޯދި އެވެ. އަދި 1978 ގައ އާޖެންޓީނާ އޮތް މުބާރާތުގައި ވެސް ވާދަކުރި އެވެ. އެކަމަކު އެ އަހަރުގެ މުބާރާތުން ޕޯލެންޑް ވަނީ ދެވަނަ ބުރުން ކަޓައިފަ އެވެ. އޭގެ ފަހުން އޮތް ދެ ވޯލްޑް ކަޕްގައި ވެސް ޕޯލެންޑް ވާދަކުރި އެވެ. ސްޕެއިންގައި 1982 ވަނަ އަހަރު އޮތް މުބާރާތުގެ ތިން ވަނަ ހޯދިއިރު މެކްސިކޯގައި 1986 ގައި އޮތް މުބާރާތުން ޕޯލެންޑް ކެޓީ ގަދަ 16ގެ ބުރުންނެވެ. މެކްސިކޯ ވޯލްޑް ކަޕަށް ފަހު ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިނުވެ، ތިން މުބާރާތެއް ދިޔަ އެވެ. ދެން ވާދަކުރީ 2002 ވަނަ އަހަރެވެ. އެ މުބާރާތާއި 2006 ގެ ވޯލްޑް ކަޕުން ވެސް ޕޯލެންޑް ކެޓީ ފުރަތަމަ ބުރުންނެވެ.

ޕޯލެންޑް މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިން ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ޕޯލެންޑް ބަލިވީ އެންމެ މެޗަކުންނެވެ. ޖުމްލަ 10 މެޗުގެ ތެރެއިން، އަށް މެޗުން މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުކޮށްފަ އެވެ. ޕޯލެންޑްއާ އެންމެ ގާތުން ވާދަކުރި ޑެންމާކްގެ މައްޗަށް އެ ގައުމުން ވަނީ ފަސް ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ.
ޕޯލެންޑް ކޯޗު އެޑަމް ނަވަލްކާ ވަނީ ޕޯލެންޑް ގައުމީ ޓީމަށް 1977 އިން 1980 އާ ހަމައަށް ކުޅެފަ އެވެ. އޭނާ އަކީ ޕޯލެންޑްގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ވިސްލާ ކްރާކޯވްގައި 1975 އިން 1985 އަށް މުހިންމު ކުޅުންތެރިއެކެވެ. ކޯޗިން ކެރިއަރު 1996 ގައި ފެށުމަށް ފަހު، ނަވަލްކާ ވަނީ ވިސްލާ ކްރޯކޯވް އަށް ތިން ފަހަރެއްގެ މަތިން ކޯޗުކޮށްދީފަ އެވެ. އަދި 2007 އިން 2008 ވަނަ އަހަރަށް ޕޯލެންޑްގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރި އެވެ. ޕޯލެންޑް ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވީ 2013 ވަނަ އަހަރެވެ. ނަވަލްކާގެ އިރުޝާދުގެ ދަށުން ޕޯލެންޑް ވަނީ 2016ގެ ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ ޔޫރޯގައި ޕޯލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
އަރްކަޑުއިޒް މިލިޗް: ނަޕޯލީގެ ފޯވާޑް އަރްކަޑުއިޒް މިލިޗް އަކީ ޕޯލެންޑްގެ ފޯވަޑް ލައިންގައި ލެވަންޑޮވްސްކީއާ އެކު މުހިންމު ރޯލު އަދާކުރާ ކުޅުންތެރިޔާ އެވެ. ނަޕޯލީ އަށް 2016 ގައި ބަދަލުވުމުގެ ކުރިން، މިލިޗް ވަނީ ނެދަލޭންޑްސްގެ އަޔަކްސް އާއި ޖަރުމަންގެ އޮގްސްބާގް އަދި ބަޔާ ލޭވަކޫސަން އަށް ކުޅެފަ އެވެ.
ޕޯލެންޑްގެ ޖޫނިއާ ޓީމުތަކަށް ކުޅުމަށް ފަހު، ޕޯލެންޑްގެ ގައުމީ ޓީމަށް މިލިޗް ކުޅެން ފެށީ 2012 ވަނަ އަހަރެވެ. ޕޯލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް 30 އަށް ވުރެ ގިނަ މެޗު ކުޅެ، މިލިޗް ވަނީ 12 ލަނޑު ޖަހައިފަ އެވެ.
ގްރެގޯރްޒް ކްރިޗޯވިއަކް: ތަޖުރިބާކާރު މިޑްފީލްޑަރު ކްރިޗޯވިއަކް އަކީ ޕޯލެންޑްގެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. ޕޯލެންޑްގެ ޓީމަށް 2008 އިން ފެށިގެން ކުޅެމުން އަންނަ ކްރިޗޯވިއަކް ވަނީ ފްރާންސްގެ ބޯޑޯ، ޕީއެސްޖީ އަދި ސްޕެއިންގެ ސެވިއްޔާ އަށް ކުޅެފަ އެވެ. ކްރިޗޯވިއަކް މިހާރު ކުޅެމުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ބްރޮމްއަށެވެ. ކްރިޗޯވިއަކް ވަނީ ޕޯލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް 40 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. އަދި ގައުމީ ޓީމާ އެކު 2016 ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރި އެވެ.
ޕޯލެންޑް ހިމެނޭ ގުރޫޕްގައި ދެން އޮތީ ކޮލަމްބިއާ އާއި ސެނެގާލް އަދި ޖަޕާނެވެ. ކޮލިފައިންގެ ނަތީޖާތަކަށް ބަލާއިރު، ޕޯލެންޑް އަކީ މި ގުރޫޕްގެ އެއް ފޭވަރިޓެވެ. އެކަމަކު ދެން އޮތް ތިން ޓީމަކީ ވެސް ރަނގަޅު ފެންވަރުގެ ތިން ޓީމެވެ. އެހެންކަމުން މި ގުރޫޕުން ދެވަނަ ބުރަށް ކޮލިފައިވުމަކީ ޕޯލެންޑަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. މި ގުރޫޕް ބެލެވެނީ މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ވާދަވެރި އެއް ގުރޫޕްގެ ގޮތުގަ އެވެ.