ސިލްސިލާ "ޔޭ ހޭ މުހައްބަތޭން" ނިންމައިލަން އެދުމުން އެކްތާ ކަޕޫރް ރައްދު ދީފި
ސިލްސިލާ "ޔޭ ހޭ މުހައްބަތޭން" ނިންމައިލަން އެދުމުން އެކްތާ ކަޕޫރް ރައްދު ދީފި

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ޓީވީ ސިލްސިލާ "ޔޭ ހޭ މުހައްބޮތޭން" މިހާރު ވަރަށް ފޫހި ކަމަށާއި އެ ސިލްސިލާ ދެން ނިންމައިލަންވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ ކޮމެންޓްތަކަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރް ރައްދު ދީފި އެވެ.

އެ ސިލްސިލާ ބަލާ މީހުން ވަނީ އެކްތާ އާއި ސްޓާ ޕްލަސް ޓެގްކޮށް، ޝޯ ދެން ނިންމައިލަންވެއްޖެ ކަމަށް ބުނެފަ އެވެ.

އެއަށް ރައްދު ދެމުން ޓީވީ ސިލްސިލާތަކުގެ ރާނީ ބުނީ "ޔޭ ހޭ މޮހައްބަތޭން" މިހާރު ބަލަން ބޭނުން ނުވާ ބަޔަކު ތިބި ނަމަ، ޝޯ ނުބެލީމައި ނިމުނީމާ ކަމަށާއި ހުއްޓާލަން ގޮވާލައި ޓެގް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އަހަރެން އަހަރެންގެ އޯޑިއަންސް ދެކެ ލޯބިވަން. އަދި އެ މީހުންގެ ހިޔާލުތަކަށް އިހުތިރާމް ވެސް ކުރަން. އެކަމަކު ކޮންމެ ވާހަކައަކީ [ސިލްސިލާއަކީ] ބެލުންތެރިންް އެދޭހާ ގޮތަށް ކުރިއަށް ދާނެ އެއްޗެއް ނޫން. އަހަރެމެން މަސައްކަތް ކުރަނީ ކްރިއޭޓިވް ޓީމަކާއި ސިލްސިލާތައް ގެނެސްދޭ ޗެނެލްތަކާ އެކު ހަދާފައި އޮންނަ އެއްބަސްވުމެއްގެ ދަށުން،" އެކްތާ ބުންޏެވެ. "ޝޯ ކަމުނުދާ ކަމަށްވަންޏާ ނުބަލަންވީ. ހުއްޓާލަން ގޮވާލައި ޓެގް ކުރުމުގެ މާނައެއް ނެތް. މިއީ އެތައް ބައެއްގެ މަސައްކަތް."

ކާމިޔާބު އެތައް ޓީވީ ސިލްސިލާއެއް ގެނެސް ދީފައިވާ އަދި މިހާރު ވެސް ގެނެސް ދެމުން އަންނަ އެކްތާގެ "ޔޭ ހޭ މުހައްބަތޭން" އަކީ 2013 ގެ ޑިސެމްބަރުން ފެށިގެން ދައްކަމުން އަންނަ އެއްޗެކެވެ. މި ސިލްސިލާގެ 1،485 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ވަނީ ދައްކައިފަ އެވެ.

"ޔޭ ހޭ މުހައްބަތޭން" ގެ ލީޑް ކާސްޓުންނަކީ ކަރަން ޕަޓޭލް އާއި ދިވްޔަންކާ ތުރިޕަތީ އާއި އޭނާގެ ފިރިމީހާ ވިވެކް ދަހިޔާ އަދި އަނީތާ ހަސަންދާނީ އެވެ.