28 މެއި 2018 - 08:09

މި މަހުގެ 11 ގައި ރިލީޒް ކުރި އާލިއާ ބަޓްގެ ފިލްމް "ރާޒީ" ކުރިން ވެސް ލަފާ ކުރި ގޮތަށް ބްލޮކްބަސްޓާއެއްގެ ދަރަޖަ ހޯދައި، ފިލްމް 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދައިފި އެވެ.
މިއީ 100 ކްރޯޑް ކުލަބުން ޖާގަ ހޯދި، 25 އަހަރުގެ ބަތަލާގެ ތިން ވަނަ ފިލްމެވެ. ކުރިން އެ ކުލަބުން ޖާގަ ހޯދި އާލިއާގެ ފިލްމްތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒް ކުރި "ބަދްރީނާތު ކީ ދުލްހަނިޔާ" އާއި 2014 ގައި ރިލީޒް ކުރި "2 ސްޓޭޓްސް" ހިމެނެ އެވެ.
ފިލްމް ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ރާޒީ" ކަހަލަ ކުޑަ ބަޖެޓްތަކުން އުފެއްދުންގެ ފިލްމްތަކުގެ ވިޔަފާރި އާދަޔާހިލާފަށް ރަނގަޅުވެ، އެ ފިލްމްތައް 100 ކްރޯޑް ކުލަބުން ޖާގަ ހޯދުމަކީ ފާހަގަ ނުކޮށް ދޫކޮށްލަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.
މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ ޖާސޫސީ ތުރިލާ "ރާޒީ" 100 ކްރޯޑް ކުލަބަށް ވަނީ އާދީއްތަ ދުވަހު އެވެ. އެއީ ފިލްމް ރިލީޒް ކުރިތާ 16 ދުވަހުގެ ތެރޭގަ އެވެ. މި ފިލްމް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 149.10 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ.
އާލިއާގެ މޮޅު އެކްޓިން ފެނިގެންދާ "ރާޒީ" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ހަރިންދްރަ ސިއްކާ ލިޔެފައިވާ "ކޯލިން ސެހެމަތު" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މީގައި ކިޔައި ދެނީ ޖާސޫސު ކުރަން، ޕާކިސްތާންގެ ސިފައިންގެ އޮފިސަރަކާ ކައިވެނި ކުރާ އިންޑިއާ އަންހެނެއްގެ ވާހަކަ އެވެ. އާލިއާއާ އެކު "ރާޒީ" ގެ ބަތަލުގެ ރޯލް ކުޅުނީ ވިކީ ކޯޝަލް އެވެ.
މި އަހަރު މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ދެން 100 ކްރޯޑް ކުލަބަށް ވަން ފިލްމްތަކުގެ ތެރޭގައި ހިމެނެނީ ދީޕިކާ ޕަދްކޯނާއި ރަންވީރް ސިންގް އަދި ޝާހިދު ކަޕޫރްގެ "ޕަދްމާވަތު" އާއި ކަރްތިކް އާރިޔަންގެ "ސޯނޫ ކީ ޓިޓޫ ކީ ސްވީޓީ" އާއި އަޖޭ ދޭވްގަންގެ "ރެއިޑް" ގެ އިތުރުން ޓައިގާ ޝްރޮފްގެ "ބާގީ 2" އެވެ.