ރޯގާ ޖެހިގެން ދުވާލަކު 300 މީހުން ފަރުވާ ހޯދާ: އައިޖީއެމްއެޗް
ރޯގާ ޖެހިގެން ދުވާލަކު 300 މީހުން ފަރުވާ ހޯދާ: އައިޖީއެމްއެޗް

މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެރޯގާ އާ ގުޅިގެން ދުވާލަކު 300 އެއްހާ މީހުން، ފަހަކަށް އައިސް ޑޮކްޓަރަށް ދައްކާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ހަލުވިކަމާ އެކު މި ދުވަސްވަރު ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޯގާ ޖެހިގެން ދައްކާ މީހުންގެ އަދަދު މި ދުވަސްވަރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.

"ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު މަދެއް ވެސް ނުވޭ. އަދި އިތުރެއް ވެސް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ފްލޫ ކްލިނިކް ހުޅުވައިގެން ފަރުވާދޭ އޭޑީކޭ ހޮސްޕިޓަލުން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރޯގާ ޖެހިގެން މިދިޔަ ބުދަ ދުވަހު ވަނީ 168 މީހަކު ފަރުވާ ހޯދައިފަ އެވެ. އޭގެ ކުރީ ދުވަހު ފަރުވާ ހޯދީ 142 މީހެކެވެ.

އަތޮޅު ތެރޭގައި ރޯގާ ފެތުރޭ މިންވަރު ބެލުމަށް އެޗްޕީއޭ އަށް ގުޅުމުން ބުނީ މައުލޫމާތު ހިއްސާ ކުރެވޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އެކަނި ކަމަށެވެ.

ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، މާބަނޑުމީހުންނާއި ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.

އިންފުލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ވަރުދެރަވުމުގެ އިތުރުން ބޮލާއި ގައިގައި ރިހުމާއި ހޮޑުލެވި ބޭރަށް ހިންގުމާއި ކެއްސުމާއި ކަރުގައި ރިއްސުން ހިމެނެ އެވެ.

- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހި އަޅާއިރު ރުމާ/ޓިޝޫ އިން އަނގަމަތި ނިވާކުރުން.

- އާއްމު ސާފުތާހިރު ކަމަށް އިސްކަން ދިނުން.

- ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.

- ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ވީހާ ވެސް ގިނައިން ދިޔާތަކެތި ބޭނުން ކުރުން.

- ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން.

- މަދިރިން ރައްކާތެރިވުން.