އަންހެން ދަރިއަކަށް "ބްލޫ" ކިޔާތީ ނަން ބަދަލު ކުރަން ކޯޓުން އަމުރުކޮށްފި
އަންހެން ދަރިއަކަށް "ބްލޫ" ކިޔާތީ ނަން ބަދަލު ކުރަން ކޯޓުން އަމުރުކޮށްފި

އިޓަލީގެ ދެމަފިރިއެއްގެ އަންހެން ދަރިއަކަށް "ބްލޫ" ކިޔާފައިވާތީ އެ ނަމަކީ ޖިންސު ވަކިކުރަން ނޭނގޭ ކަހަލަ ނަމެއް ކަމަށް ބުނެ އެ ނަން ބަދަލު ކުރުމަށާއި ނަން ބަދަލު ނުކުރާ ނަމަ ދަރިފުޅަށް ކިޔާނެ ނަމެއް އިޓަލީގެ މިލާން ކޯޓުން ނިންމާނެ ކަމަށް ބުނެފި އެވެ.

މި ވާހަކަ އިޓަލީގެ ނޫހެއް ކަމަށްވާ އިލް ޖޯނޯ އަށް ކިޔައިދެމުން، 18 މަހުގެ ބްލޫގެ ބައްޕަ ލޫކާ ބުނީ އެ މީހުންނަށް ކޯޓަށް ހާޒިރުވާން ޗިޓް ލިބުމުން ބޮޑު ހައިރާން ކަމެއް ލިބުނު ކަމަށެވެ.

އޭނާ ބުނި ގޮތުގައި ދަރިފުޅުގެ ނަން ބަދަލު ކުރަން ކޯޓުން އަމުރު ކުރީ، އެ ނަން ދަރިފުޅުގެ އުފަން ދުވަހުގެ ސެޓްފިކެޓްގައި ވެސް ރަޖިސްޓްރީކޮށް، ހަމަ އެ ނަމުގައި ޕާސްޕޯޓް ވެސް ހަދައިފައި ވަނިކޮށް ކަމަށެވެ.

"މި ހަފުތާ ތެރޭގައި އަހަރެމެން ކޯޓަށް ހާޒިރުވާން ފޮނުވި ޗިޓްގައި ބުނެފައި ވަނީ ދަރިފުޅަށް ކިޔާނެ ރީތި އަންނެން ނަމަކާ އެކު ކޯޓަށް ހާޒިރު ވާން. އަދި ކޯޓަށް ގަބޫލު ކުރެވޭ ކަހަލަ ނަމަކާ އެކު ނާންނަ ކަމަށްވާ ނަމަ، ދަރިފުޅަށް ކިޔާނެ ނަމެއް ކޯޓުން ނިންމާނެ ކަމަށް،" ލޫކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަލަތު ދަރިފުޅަށް ބްލޫ ކިޔަން ނިންމީ އަންހެނުން ވިޓޯރިއާ އަށް ވެސް އެ ނަން ރީތިވެގެންނެވެ. އަދި ބްލޫއަކީ ވަރަށް ރީތި ކުލައެއް ރަމްޒުކޮށް ދޭ ނަމެއް ކަމަށާއި އެ ނަން މިހާރު ވެސް ކިޔާ ކުދިން އެބަތިބި ކަމަށް ބުންޏެވެ.

އެގޮތުން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ހަ އަހަރުގެ އަންހެން ދަރިފުޅަށް ވެސް ކިޔަނީ ބްލޫ އައިވީ ކާޓާކަން ލޫކާ ފާހަގަކުރި އެވެ.

އިޓާލިއަން އިންސްޓިޓިއުޓް އޮފް ސްޓެޓިކްސް (އައިއެސްޓީއޭޓީ) ގެ ރެކޯޑްތައް ދައްކާ ގޮތުން ބްލޫ ކިޔާ ހަ އަންހެން ކުދިން އިޓަލީގައި މިހާރު ވެސް އެބަ އުޅެ އެވެ.

"އެހެންވެ އަހަރެމެންގެ ދަރިފުޅަށް ދޮޅު އަހަރުވީ ފަހުން ނަން ބަދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ،" ލޫކާ ބުންޏެވެ. "މިކަމާ ދެކޮޅަށް އަހަރެމެން މަސައްކަތް ކުރާނަން. ބޭނުމެއް ނޫން ދަރިފުޅުގެ ނަން ބަދަލު ކުރާކަށް."

މީގެ ކުރިން އެހެން ބައެއް ގައުމުތަކުގައި ވެސް ކުދިންނަށް ކިޔާ ނަމުގައި މައްސަލަތައް ޖެހިފައިވެ އެވެ. އެގޮތުން 2015 ގައި ފްރާންސްގެ ދެމަފިރިއަކަށް ލިބުނު ދަރިއަކަށް ނަޓެއްލާ ކިޔުމުން އެ ގައުމުގެ ކޯޓަކުން ވަނީ ދަރިފުޅުގެ ނަން އެލާ އަށް ބަދަލުކޮށްފަ އެވެ. ކޯޓުން އެގޮތަށް ނިންމީ ނަޓެއްލާ ކިޔައިފި ނަމަ ދަރިފުޅަށް ބުލީއާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެފަ އެވެ.

އަދި ހަމަ ފްރާންސްގައި އަންހެން ކުއްޖަކަށް ލިއަމް ކިޔުމުން އެއީ ފިރިހެން ނަމެއް ކަމަށް ބުނެ އެ ކުއްޖާގެ މައިންބައިން ކޯޓަށް ގެންގޮސްފައިވެ އެވެ.