27 މެއި 2018 - 13:27

އިސްލާމްއާބާދު (މެއި 27) - މި ފަހަރުގެ އިންތިޚާބުގައި ޕާކިސްތާނުގެ ކޮރަޕްޓް ވެރިން ދުރުކުރާނެ ކަމަށް ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުގެ އާއްމު އިންތިޚާބު އޮންނާނީ ޖުލައި 25 ގައި ކަމަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އިމްރާން ޚާން ގެންދަވަނީ ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމަށް ދެކެވަޑައިގަންނަވާ ދިގު ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. އޭނާގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަކީ މި ފަހަރުގެ އިންތިޚާބުގައި ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) އަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނެ ޕާޓީ އެވެ.
ޕީޓީއައިގެ ލީޑަރުން ވިދާޅުވަމުން ގެންދަވަނީ މި ފަހަރުގެ އިންތިޚާބުގައި ޕީއެމްއެލް-އެންގެ މައްޗަށް ކާމިޔާބު ހޯދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
"ޕާކިސްތާން އަލުން އާ ފަތިހަކަށް އިރު އަރާތަން ފެންނާނެ. އެއީ ކޮރަޕްޓް ވެރިން ދުރުކުރުން،" ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޕާކިސްތާން ސަރުކާރާއި ނޭޝަނަލް އެސެމްބްލީގެ މުއްދަތު މެއި 31 އަށް ހަމަވާނެ އެވެ. އޭގެ ފަހުން ގައުމު ހިންގާނީ ވަގުތީ ބޮޑު ވަޒީރެކެވެ. ވަގުތީ ސަރުކާރެއް އެކުލަވާލުމުގައި އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުމަކަށް އަންނަން ޖެހެ އެވެ.
ޕީޓީއައި އިން ބުނީ ކޮރަޕްޝަނާ އެ ޕާޓީ ހުރިހާ ގޮތަކުން ވެސް ދެކޮޅު ކަމަށެވެ.
ޕާކިސްތާނުގައި 2013 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދި ޕީއެމްއެލް-އެންގެ ފަރާތުން ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ނަވާޒް ޝަރީފުގެ ވެރިކަމުގެ މުއްދަތު ހަމަނުވަނީސް ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން މިދިޔަ ޖުލައި މަހު ވަނީ މަގާމު ގެއްލިފަ އެވެ. ޕާޓީގެ ލީޑަރުކަން ކުރުމާއި ސިޔާސީ ކަންކަމުގައި އުޅުއްވުން ނަވާޒް ޝަރީފަށް މިހާރު ވަނީ ކޯޓު އަމުރަކުން މަނާކޮށްފަ އެވެ.
ނަވާޒް ޝަރީފް މަގާމުން ދުރުކުރި ނަމަވެސް ޕީއެމްއެލް-އެން އިން ބުނީ އެ ޕާޓީން ވަނީ ޕާކިސްތާނުގެ އިންފްރާސްޓްރަކްޗާ އަށް ބޮޑު އިންވެސްޓެއް ކޮށްފައި ކަމަށާއި ބޭރުން ވެސް އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ގެނެސްފައިވާ ކަމަށެވެ. އެހެންވެ މި ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމުގެ އުއްމީދު ބޮޑު ކަމަށް ޕީއެމްއެލް-އެން ބުނެ އެވެ.