27 މެއި 2018 - 12:55

އިންޑިއާނާ (މެއި 27) - ހަނދުގައި ހަތަރު ވަނަ އަށް ހިނގި އެމެރިކާގެ އެސްޓްރޮނޯޓް އެލަން ބީން 86 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

ނާސާ އިން 1963 ވަނަ އަހަރު ނެގި އެލީޓް ގްރޫޕުގައި ހިމެނުނު ބީން ވަނީ އެމެރިކާގެ ނޭވީގައި ޓެސްޓް ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އޭނާ ދެ ފަހަރަށް ޖައްވަށް ދަތުރު ކުރި އެވެ. ފުރަތަމަ އޭނާ ޖައްވަށް ދިޔައީ 1969 ވަނަ އަހަރު އެޕޯލޯ 12 ހަނދަށް ކުރި ދަތުރުގަ އެވެ. އޭގެ ފަހުން 1973 ވަނަ އަހަރު ވަނީ އެމެރިކާގެ ޖައްވީ ސްޓޭޝަން ސްކައިލެބުގެ ކޮމާންޑަރެއްގެ ގޮތުގައި ޖައްވަށް ދަތުރުކޮށްފަ އެވެ.
ނާސާ އިން އޭނާ ރިޓަޔާ ކުރީ 1981 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވާން ފެށީ އާޓިސްޓެއްގެ ގޮތުގަ އެވެ.
މާޗް 15، 1932 ގައި ޓެކްސަސް އަށް އުފަންވި ބީން ވަނީ އެއޮރޮނޯޓިކަލް އިންޖިނިއަރިންގެ ދާއިރާ އިން ޓެކްސަސް ޔުނިވާސިޓީން 1955 ވަނަ އަހަރު ޑިގްރީ ނަގައިފަ އެވެ.
ބީންގެ ކުރިން ހަނދަން ދަތުރު ކުރީ ނީލް އާމްސްޓްރޯންގް އާއި ބަޒް އެލްޑްރިން އެވެ. އެއީ ޖުލައި، 1969 ގަ އެވެ. ޗާލްސް ކޮންރާޑް ވަނީ އެޕޯލޯ 12 ގައި މިޝަންގައި އޭގެ ހަތަރު މަސް ފަހުން ހަނދަށް ދަތުރުކޮށްފަ އެވެ. މި ހަތަރު މީހުންގެ ތެރޭން މިހާރު ދުނިޔޭގައި ހުރީ އެލްޑްރިން އެކަންޏެވެ. އޭނާގެ އުމުރަކީ 88 އަހަރެވެ.
މިހާތަނަށް 24 މީހުން ވަނީ ހަނދަށް ދަތުރުކޮށްފަ އެވެ. އޭގެ ތެރޭން ހަނދުގައި ފައި ބީއްސާލެވިފައި ވަނީ 12 މީހުންނަށެވެ.
ބީންގެ އާއިލާ އިން ބުނީ އޭނާ ބަލިވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށާއި އޭނާ މަރުވީ ހިއުސްޓަންގެ ހޮސްޕިޓަލުގައި ކަމަށެވެ.