ސަލާ އަށް ވޯލްޑް ކަޕް ގެއްލިދާނެ!
ސަލާ އަށް ވޯލްޑް ކަޕް ގެއްލިދާނެ!

ކިއޭވް (މޭ 27) – ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހުގެ ކޮނޑަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް އެ ޓީމު ކޯޗު ޔާގެން ކްލޮޕް ބުނެފައިވާއިރު އޭނާ އަށް ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ސަލާ އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރޭ ރެއާލް މެޑްރިޑް އަތުން 3-1 އިން ލިވަޕޫލް ބަލިވި މެޗުގެ ކުރީކޮޅެވެ.

"އެއީ ސީރިއަސް އަނިޔާއެއް. އަނިޔާވީ ކޮނޑު ކަށިގަނޑަށް ނުވަތަ ކޮނޑު ހުޅަށް. ފެންނަ ފެނުމަށް ރަނގަޅެއް ނޫން. އެއީ ބުނަން އޮތް ވާހަކައަކީ،" ކްލޮޕް ބުންޏެވެ.

ސަލާ އަތުން ބޯޅަ ހޯދުމަށްޓަކައި އޭނާގެ އަތުގައި މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޮސް އަތް އެޅުވި އެޅުވީނުން ބިމާ ހަމަކޮށްލިއިރު، ބިންމައްޗަށް ވެއްޓެމުން ދިޔަ އިރު އަތް ދޫނުކުރެ އެވެ. އެހެންވެ ސަލާ ބިންމަތީގައި ޖެހުނުއިރު އަތް ދަމައިގަތުމުގެ ފުރުސަތު ނުލިބި ކޮނޑު ބިންމަތީގައި ޖެހުނު ވަގުތު އަތް ނުއަތަށް އެނބުރުނެވެ. ފުރަތަމަ ފަރުވާ އަށް ފަހު އެރި ނަމަވެސް، ފަހުން ތަދަށް ކެތްނުވެ އޭނާ ރޮމުން ރޮމުން ފޭބީ އެވެ.

މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ސަލާ އަށް ލިބުނު ހާނިއްކައިގައި ރާމޯސްގެ ގަސްދެއް އޮތް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ރުޅިވެރިކަން ފާޅުކުރި އެވެ. އަދި ހާއްސަކޮށް ސަލާގެ މަސައްކަތުން މިސްރު ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފައިވަނިކޮށް އެ މުބާރާތުގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ގެއްލިދާނެތީ އެވެ. ވޯލްޑް ކަޕުގައި މިސްރު ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ގަ އެވެ.

ކްލޮޕް ބުނީ ރާމޯސް ކުރީ ތަންކޮޅެއް ގޯސް ޗެލެންޖެއް ކަމަށާއި އެއީ ރެސްލިން ހެން ވެސް ހީވި ކަމަށެވެ. އަދި ވެއްޓި ޖެހުނީ ސަލާގެ ކޮނޑު ކަމަށްވުމުން އޭނާގެ ނަސީބު ވެސް ދެރައީ ކަމަށް ކްލޮޕް ބުންޏެވެ.

"އަހަރެމެން ހުރިހާ މޮޅެއް ބޭނުންވި އެކަމަކު އެއްވެސް އެއްޗެއް ނުލިބުނު. އަހަރެމެންނަށް މުހިއްމު ކުޅުންތެރިއަކު ގެއްލުނީ އަދި ބެލެވޭ ގޮތުގައި މިސްރަށް ވޯލްޑް ކަޕުން ވެސް މުހިއްމު ކުޅުންތެރިއަކު ގެއްލުނީ،" ކްލޮޕް ބުންޏެވެ.

ސަލާ ބޭލުމާ ހަމަޔަށް ލިވަޕޫލުން އައީ ވަރަށް ރަނގަޅަށް ކުޅެމުންނެވެ. އެކަމަކު އޭނާ ދިއުމާ އެކު މެޑްރިޑަށް ކޮންޓްރޯލް ލިބުނެވެ. އެކަމަކު މެޗުން ލިވަޕޫލް ބަލިވުމުގެ ޒިންމާ ގިނަ ބަޔަކު އަޅުވަނީ ގޯލްކީޕަރު ޖަރުމަނުގެ ލޮރިސް ކާރިއަސްގެ ބޮލުގަ އެވެ. މެޑްރިޑުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލް ވަނީ އޭނާ ހެދި ގޯސްތަކެއްގެ ސަބަބުންނެވެ.