27 މެއި 2018 - 11:33

ކިއޭވް (މޭ 27) – ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލާ އެކު، ރެއާލް މެޑްރިޑުގައި ހޭދަކުރަމުން އައި ދުވަސްތަކެއް ނިމުން އައީ ކަމަށް އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އިޝާރާތްކޮށްފި އެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2009 ވަނަ އަހަރު މެޑްރިޑާ ގުޅުނު ފޯވާޑް އެ ޓީމު ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތަކުގެ އަޑުތައް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭ ގަދަވި އެެވެ. އެކަމަކު ފަހު ވަގުތު މަޑުކުރީ އެވެ.
"އަހަރެން މި އުފާވެރި ހިނދުކޮޅުން ހިތްހަމަޖެހުން ހޯދާނަން. އެއަށް ފަހު ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެން ސަޕޯޓަރުންނަށް ޖަވާބެއް ދޭނަން،" ލިވަޕޫލް އަތުން 3-1 އިން މޮޅުވި މެޗަށް ފަހު ރޮނާލްޑޯ ބުންޏެވެ. "ރެއާލް މެޑްރިޑުގައި ހުރުމަކީ ވަރަށް އުފާވެރި ކަމެއް. ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެން ވާހަކަދައްކާނަން."
މެޑްރިޑް ދޫކޮށްލާ ނަމަ ބެލެވޭ ގޮތުގައި އޭނާ ގުޅޭނީ ފްރާންސުގެ ޕީއެސްޖީއާ އެވެ. ފަހަރުގައި ޕީއެސްޖީން ނޭމާ އާއި ރޮނާލްޑޯ ބަދަލުކުރުމުގެ އެއްބަސްވުމެއް ވެސް މެޑްރިޑާ އެކު ހަދައިފާނެ އެވެ. އުމުރުން 33 އަހަރުގެ ރޮނާލްޑޯގެ ފޯމް މަޑުމަޑުން ދަށްވަމުން އަންނަ ކަމުގެ އަލާމަތްތައް އަންނަނީ ފެންނަމުންނެވެ. އެކަމަކު އޭނާ އަވަސް މުސްތަގުބަލެއްގައި ޔޫރަޕް ދޫކޮށްލަފާނެ ކަމަށް ނުބެލެވެ އެވެ.
ރޭގެ ކާމިޔާބީއާ އެކު ރޮނާލްޑޯ ވެފައިވަނީ ޔޫރަޕިއަން ކަޕް 1992 ވަނަ އަހަރު ޗެމްޕިއަންސް ލީގަށް ބަދަލުވީ ފަހުން ފަސް ފަހަރު ތަށި ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އޭނާ މެޑްރިޑާ އެކު ހަތަރު ފަހަރު ތަށި ހޯދިއިރު މެންޗެސްޓާ ޔުނައިޓެޑާ އެކު 2008 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި އެވެ.
"އަހަރެމެން ތާރީހު މި ލިޔުނީ. އެއީ އެންމެ މުހިއްމު ކަމަކީ. ކުޅުންތެރިއެއްގެ ކުރިމަގު މުހިއްމެއް ނޫން،" ރޮނާލްޑޯ ބުންޏެވެ.