27 މެއި 2018 - 11:13

އިސްލާމްއާބާދު (މެއި 27) - ޕާކިސްތާނުގެ އާއްމު އިންތިޚާބު ޖުލައި 25 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް ރިޔާސީ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.
އިންތިޚާބުގެ ތާރީޚް ކަނޑައެޅީ ރައީސް މަމްނޫން ހުސައިން އެވެ. އިންތިޚާބު އިއުލާން ކުރުމާ އެކު ނޭޝަނަލް އަދި ޕްރޮވިންސް އެސެމްބްލީ އަށް މެންބަރުން އިންތިޚާބު ކުރުމަށް ފުރުސަތު ލިބިގެންދާނެ އެވެ. ޕާކިސްތާން ސަރުކާރާއި ނޭޝަނަލް އެސެމްބްލީގެ މުއްދަތު މެއި 31 އަށް ހަމަވާނެ އެވެ. އޭގެ ފަހުން ގައުމު ހިންގާނީ ވަގުތީ ބޮޑު ވަޒީރެކެވެ. ވަގުތީ ސަރުކާރެއް އެކުލަވާލުމުގައި އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުމަކަށް އަންނަން ޖެހެ އެވެ.
ޕާކިސްތާނުގައި 2013 ގައި ބޭއްވި އިންތިޚާބުން އެންމެ ގިނަ ގޮނޑިއާ އެކު ކާމިޔާބު ހޯދީ ޕާކިސްތާން މުސްލިމް ލީގު ނަވާޒް (ޕީއެމްއެލް-އެން) އެވެ. އެ ޕާޓީގެ ފަރާތުން ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ނަވާޒް ޝަރީފުގެ ވެރިކަމުގެ މުއްދަތު ހަމަނުވަނީސް ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން މިދިޔަ ޖުލައި މަހު ވަނީ މަގާމު ގެއްލިފަ އެވެ. ސިޔާސީ ކަންކަމުގައި އުޅުއްވުން ނަވާޒް ޝަރީފަށް މިހާރު ވަނީ ކޯޓު އަމުރަކުން މަނާކޮށްފަ އެވެ.
ޕާކިސްތާނުގެ 70 އަހަރުގެ ތާރީޚުގައި ދެބައިކުޅަ އެއްބައި މުއްދަތުގައި ވެރިކަންކޮށްފައި ވަނީ އަސްކަރިއްޔާ އިންނެވެ.