ގާނޫނާ ޚިލާފަށް ޕްރައިމަރީ ބާއްވަން ފުރުސަތެއް ނުދޭނަން: އީސީ
ގާނޫނާ ޚިލާފަށް ޕްރައިމަރީ ބާއްވަން ފުރުސަތެއް ނުދޭނަން: އީސީ

ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް، އެއްވެސް ސިޔާސީ ޕާޓީއަކުން ރިޔާސީ ޕްރައިމަރީ ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން، އެއްވެސް ބަޔަކު ގާނޫނާ ޚިލާފު އަމަލެއް ހިންގިޔަ ނުދިނުމަކީ އެ ކޮމިޝަނުގެ ޒިންމާއެއް ކަަމަށެވެ. ޕާޓީތަކުގެ ޕްރައިމަރީ ބޭއްވުމާ ގުޅޭ ގޮތުން ޕާޓީތަކަށް އެންގުތަކެއް އެންގީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަންސުން އަންގާފައިވާ އެންގުމާ ޚިލާފަށް ޕްރައިމަރީ ބާއްވާކަށް ފުރުސަތެއް ނެތް،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ އިމުން ބޭރުގައި ޕާޓީތަކުން ހަރަކާތްތެރިވާނަމަ، މަގު ދެއްކުމުގައި އެ ކޮމިޝަން ދެމިއޮންނާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މި މަހުގެ 30 ގައި ބާއްވާއިރު، ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރުތު ހަމަނުވާ ކަމަށް ޕްރައިމަރީ ބޭއްވުމުގެ ކުރިން އިލެކްޝަންސުން ވަނީ ކަނޑައަޅައި އެކަން އަންގައިފަ އެވެ. އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ހުކުމެއް އިއްވާފައި އޮއްވައި އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށާއި އެމަނިކުފާނަށް ފުރުސަތުދީފި ނަމަ ޕްރައިމަރީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސުން ވަނީ ބުނެފަ އެވެ.

އެކަމަކު، އިލެކްޝަންސްގެ މި ނިންމުން އިދިކޮޅު ޕާޓީތަކުން ބަލައެއް ނުގަނެ އެވެ.

ޕާޓީތަކުން ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީންނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އޮތް ގޮތުން ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ ހަވާލު ކުރެވިފައި އޮންނާނީ ގާނޫނުން ހަވާލުކުރާ ޒިންމާތައް އެކަންޏެވެ. ޕާޓީތަކުގެ ޕްރައިމަރީ ބާއްވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމަކީ އެއްވެސް ގާނޫނަކުން އިލެކްޝަންސް ކޮމިޝަނާ ހަވާލު ކޮށްފައިވާ ޒިންމާއެއް ނޫން ކަމަށް ވެސް ޕާޓީތަކުން ވަނީ ބުނެފަ އެވެ.