ސްމާޓް ގަޑި، ބެޓެރީ އަށް ލުއިވާ ގޮތަށް
ސްމާޓް ގަޑި، ބެޓެރީ އަށް ލުއިވާ ގޮތަށް

ސްމާޓްގަޑިއަކީ ވަރަށް ގިނަ ފީޗާތައް އެކުލެވޭ ގަޑިއެކެވެ. ފިޔަވަޅު ގުނުމުން ފަށައިގެން މޫސުން އަންގައިދޭ ގަޑި ވެސް ހުރެއެވެ. މީގެ ގަޑީގެ އެންމެ ބޮޑު ބަލިފަޔަކީ ބެޓެރީ ބާރު މާ އަވަހަށް ހުސްވުމެވެ. ވެއާ އޯއެސްގެ އެންމެ ފަހުގެ ސްމާޓްގަޑިން މިކަމަށް ހައްލު ހޯދައިފި އެވެ.

ޓިކްވޮޗް ޕްރޯ އުފައްދާފައި ވަނީ މި ގަޑީގެ މޫނުމަތީގައި އިތުރު ފަށަލައެއް ހިމަނައިގެންނެވެ. މި ފަށަލައަކީ ގަޑީގެ ބޭނުން ނުކުރާއިރު ފެންނަން އޮންނަ ސްކްރީނެވެ. އެކަމަކު ގަޑިއާ މުއާމަލާތު ކުރާއިރު އޮންނާނީ އެ ކަހަލަ ގަޑީގައި މިހާރު ބޭނުންކުރާ ފާޑުގެ އޯލެޑް ސްކްރީނެކެވެ. އެ ނޫން ވަގުތުތަކުގައި ގަޑީގެ މޫނުމަތިން ފެންނާނީ ކަޅާއި ހުދުގެ ދެ ފުށް ފެންނަ ސްކްރީނެކެވެ. މި ސްކްރީނުން ފެންނާނީ ވަގުތާއި ފިޔަވަޅުގެ އަދަދާއި ހިތުގެ ވިންދާއި މިފަދަ މައުލޫމާތެވެ. ޓިކްވޮޗްގެ މޮޅު ކަމަކީ މިގޮތަށް ސްކްރީން ބަދަލުކުރުމުން ބެޓެރީއަށް ކުރާ ބާރު ކުޑަވުމެވެ.

ހުރިހާ ފީޗާތަކަކާއެކު ޓިކްވޮޗްގެ ބެޓެރީގެ ބާރު ހިފަހައްޓަނީ ދެ ދުވަހެވެ. މިއީ ގިނަ ސްމާޓްގަޑިތަކުގެ ހާލެވެ. އެކަމަކު، ހުރިހާ ސްމާޓް ސިފަތަކެއް ފޯނުން ހުއްޓުވީމާ، މަސްދުވަހު މަސައްކަތް ކުރުމުގެ ބާރު ބެޓެރިއަށް ލިބިފައިވެއެވެ.

އެހެނިހެން ސްމާޓްގަޑިތަކެކޭ އެއްގޮތަށް ޓިކްވޮޗް ޕްރޯ އަކީ ވެސް ކަސްރަތުގެ ބޭނުމަށް ފުދޭ ގަޑިއެކެވެ. ފިޔަވަޅު ގުނުމާއި ހިތުގެ ވިންދު ބެލުމާއި މިފަދަ ސިއްހަތާ ގުޅުންހުރި އެތައް ކަމެއް މިގަޑިން ފުއްދައިދެއެވެ.