28 މެއި 2018 - 08:14

ދަބަހާއި ޖީބު އޮންނަނީ އެކި ކަންކަމަށް ބޭނުންވާ އެކި އާލާތްތަކުން ފުރިފައެވެ. ކޯލްތަކަށް ފޯނާއި ވަގުތު ބަލަން ގަޑި އާއި ކަސްރަތާއި ދުޅަހެޔޮކަމަށް ގެންގުޅޭ ސްމާޓްގަޑި އާއި ޑޭޓާ ޓްރާންސްފަކުރަން ގެންގުޅޭ ޕެން ޑްރައިވްއަކީ މީގެ ތެރޭން މަދު އެއްޗެކެވެ.
މި ހުރިހާ ބޭނުމެއް ކުޑަކުޑަ އަނގޮޓިއަކުން ފުއްދިދާނެ ކަމަށް ގަބޫލުކުރަންހެއްޔެވެ؟ ޒެންޒޯ އެސް ރިންގަކީ 12 ފީޗާއެއް އެކުލެވިގެންވާ ގަޑިއެކެވެ.
މަގުމަތިން ދަނިކޮށް މުހިއްމު ކޯލެއް އަތުވެއްޖެ ނަމަ ދަބަސް ހާވައިގެން ފޯނު ނެގުމުގެ ބަދަލުގައި މި އަނގޮޓިން ފޯނަށް ޖަވާބުދެވެއެވެ. ކުޑަ ސްޕީކަރަކާއި މައިކެއް މީގައި ހިމެނެއެވެ. ފޯނާއި އަނގޮޓި ގުޅުވައިދެނީ ބްލޫޓޫތުންނެވެ.
ޒެންޒޯ އަނގޮޓި ފަރުމާކޮށްފައިވަނީ 4 ޖީބީގެ ޖާގަ އާއި ބާރުގަދަ މައިކްރޯކޮމްޕިޔުޓަރަކާއި 94 އަށް ވުރެ ގިނަ މައިކްރޯ ކޮމްޕޯނަންޓާއި ހަތަރު ސެންސަރު ހިމަނައިގެންނެވެ. ނަތީޖާއެއްގެ ގޮތުން، މި އަނގޮޓިއަކީ މުހިއްމު ފައިލްތައް ރައްކާކުރާ ކޮށާރެކެވެ. ގޫގްލް އާއި ސިރީގެ އެހީތެރިކަން ހޯދައިދޭ އެކުވެރިޔެކެވެ.
ހަރަކާތާއި އިޝާރާތުން މަސައްކަތްކުރުމުގެ އިތުރުން މި އަނގޮޓިއަކީ ނުރައްކާތެރި ދަނޑިވަޅުތަކުގައި އާއިލާ އާއި ރަހްމަތްތެރިން ސަމާލުކުރުވާ މިތުރެކެވެ. މި ހުރިހާ ކަމެއްގެ އިތުރުން، މި އަނގޮޓީގައި ރާސްތާ އާއި ފިޔަވަޅު ގުނައިދޭ އެކްސެލެރޮމީޓަރެއް ވެސް ހިމަނާފައިވެ އެވެ.