27 މެއި 2018 - 03:10

ކިއޭވް، ޔޫކްރޭން (މޭ 27) – ގަރެތު ބޭލްގެ ދެ ލަނޑާ އެކު އިންގްލެންޑުގެ ލިވަޕޫލް އަތުން 3-1 އިން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދައި، ޒަމާނީ ފޯމެޓުގައި އެ ޝަރަފް ހޯދި ފުރަތަމަ ޓީމަށް ސްޕެއިނުގެ ރެއާލް މެޑްރިޑް ވެއްޖެ އެވެ.

ޔޫކްރޭނުގެ ކިއޭވްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ލިވަޕޫލަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ސަލާހަށް އަނިޔާވުމާއި ގޯލްކީޕަރު ލޮރިސް ކާރިއަސް ބޮޑެތި ގޯސްތަކެއް ހެދުމެވެ.

މި ސީޒަނުގައި 44 ގޯލް ޖަހާފައިވާ ސަލާގެ ކޮނޑަށް އަނިޔާވީ އޭނާ އަތުން ބޯޅަ ހޯދުމަށްޓަކައި މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް މަސައްކަތްކުރަނިކޮށް ވެއްޓި ބިންމަތީގައި ޖެހުނު ވަގުތު ނުއަތަށް އެނބުރިގެންނެވެ. ސަލާ ވެއްޓުނީ ރާމޯސް އޭނާގެ އަތުގައި އަތްއަޅުވައިގެން ދަމައިގަތުމުން ކަމަށްވެފައި އަދި ވެއްޓެމުން ދިޔައިރު ވެސް އަތްދޫކޮށްނުލާތީ އެކަމުގައި ރާމޯސްގެ ގަސްދެއް އޮވެދާނެ ކަމަށް ބުނެ ސަޕޯޓަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. ސަލާ އެންމެ ފުރަތަމަ ފަރުވާ އަށް ފަހު ކުޅެން އެރި ނަމަވެސް ތަދަށް ކެތްނުވެ 31 ވަނަ މިނެޓުގައި ފައިބަން ޖެހުނެވެ. އޭނާ ދަނޑުން ފޭބީ ރޮމުންނެވެ.
ސަލާ ވަކިވާން ޖެހުމާ ހަމަޔަށް ލިވަޕޫލުން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހި މެޑްރިޑަށް ހަމަނޭވާ ނުލެވޭ ވަރަށް އެޓޭކުގައި ފިއްތަމުންނެވެ. އެ ވަގުތު ރޮބާޓޯ ފިރްމީނިއޯ އަށް އޭރިއާ ތެރެއިން ރަނގަޅު ބޯޅައެއް ލިބި ބޭކާރު ވެސް ވި އެވެ. ސަލާ ދިއުމާ އެކު ލިވަޕޫލުގެ ކުޅުންގަނޑު ގެއްލުނެވެ. އެ ޓީމުގެ ހައި ޕްރެސިން ގޭމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. ހާފު ނިމުނުއިރު މެޑްރިޑް އޮތީ މެޗުގެ ތެރެއަށް ރަނގަޅަށް ވަދެފަ އެވެ.
މެޗުގެ ހަގީގީ މަންޒަރުތައް ފެންނަން ފެށީ ދެ ވަނަ ހާފުގަ އެވެ. މެޑްރިޑުގެ އިސްކޯ އަށް އޭރިއާ ތެރެއިން މުޅިން ހުހަށް ލިބުނު ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވެފައިވަނިކޮށް، 51 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ އެ ޓީމަށް ލީޑު ނަގައިދިނީ ލިވަޕޫލުގެ ގޯލްކީޕަރު ކާރިއަސް ހެދު ބޮޑު ސިންގާ ގޯހެއްގެ ސަބަބުންނެވެ. ކުރިއަށް ފޯރުކޮށްދިން ބޯޅައަށް ބެންޒެމާ އަރައަރާ އޮއްވާ ކާރިއަސް ހިފުމަށް ފަހު ރަނގަޅަށް ބަލާނުލާ ކުރިއަށް އެއްލި ވަގުތު، ބެންޒެމާ ކައިރީގައި ހުރެފައި އެ ބޯޅައަށް ފައި އެއްލި އެވެ. ބެންޒެމާގެ ފައިގައި ޖެހިފައި ބޯޅަ ގޮސް ވަނީ ގޯލުގެ ތެރެއަށެވެ. ކީޕަރަށް ބެންޒެމާ ހުރަސް އެޅީ ކަމަށް ބުނެ ލިވަޕޫލުން މައްސަލަ ޖެއްސި އެވެ. އެކަމަކު ބެންޒެމާ ބޯޅައިގައި ޖެއްސީ ކީޕަރަށް ފައުލްނުކޮށެވެ.
އޭގެ ހަތަރު މިނެޓު ފަހުން ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ ލަނޑު ޖަހައި ލިވަޕޫލް އަނެއްކާ ވެސް މެޗުގެ ތެރެއަށް ގެނަ އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ޑެޔާން ލޮވްރެން ބޮލުން ޖައްސާލުމުން މާނޭ ވަނީ ގޯލުގެ ތެރެއަށް ވައްދާލީ ގޯލުގެ ބުޑުގައި ހުރެފަ އެވެ.
އެކަމަކު މެދުތެރެއިން އެޓޭކް އުފައްދަމުން ދިޔަ އިސްކޯގެ ބަދަލުގައި މެޑްރިޑުން އެރުވި ދުވެލި ބާރު ވިންގާ ބޭލް އަރައި މެޗު އަނެއްކާ ވެސް އަނބުރާލި އެވެ. އޭނާ އަރައި ތިން މިނެޓުގެ ތެރޭގައި މެޑްރިޑަށް އަލުން ލީޑު ނަގައިދިނީ އޯވާހެޑް ކިކަކުން ޖެހި ގޯލަކުންނެވެ. މާސެލޯ ހުރަސްކޮށްދިން ބޯޅަ އޭނާ ބޯމަތިން ފޮނުވާލުމުން ގޮސް ވަނީ ގޯލުގެ މަތީ ކަނަށެވެ. ފަހުން އެއްވަރުކުރަން ލިވަޕޫލުގެ މާނޭ އަށް ފުރުސަތު ލިބި ބޭކާރުވި އެވެ. މެޑްރިޑުން ތަށި ކަށަވަރުކުރީ 83 ވަނަ މިނެޓުގައި ބޭލް ވައްދާލި ގޯލުންނެވެ. އޭނާ ދުރުން ޝޫޓްކުރި ބޯޅަ ހިފަން ވެގެން ކާރިއަސް މަސައްކަތްކުރި ނަމަވެސް އޭނާގެ އަތުގައި ޖެހިފައި ބޯޅަ ސީދާވީ ގޯލުގެ ތެރެއަށެވެ. އެ ބޯޅަ ހިފަން އުޅުމުގެ ބަދަލުގައި މަތަކުރަން އުޅުނު ނަމަ ސަލާމަތްކުރެވޭނެ ކަމަށް ބެލެވެ އެވެ.
މިރޭގެ މުޅި މެޗުގައި ވެސް ޖުމްލަކޮށް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. އޭނާ ބެލެހެއްޓުމުގައި ލިވަޕޫލުގެ ޑިފެންޑަރުން ކާމިޔާބު ހޯދި އެވެ. އެކަމަކު ފަހު ވަގުތު ގޯލެއް ނުޖެހީ ކިރިޔާ އެވެ. އޭރިއާ ތެރެއިން ރޮނާލްޑޯ އަށް ރަނގަޅު ފުރުސަތެއް ލިބި ގޯލަށް ޖަހަން އުޅެނިކޮށް ދަނޑަށް ސަޕޯޓަރަކު އަރައި އޭނާއާ ދިމާލަށް ދާން ފެށުމުން ރެފްރީ ކަށިގަނޑު ފުމުނީ އެވެ. އެކަމަކު މިރޭގެ ކާމިޔާބީއާ އެކު ރޮނާލްޑޯވެފައިވަނީ ޗެމްޕިއަންސް ލީގުގެ ފޯމެޓުގައި މުބާރާތް ކުޅެން ފެށި ފަހުން ފަސް ފަހަރު ތަށި ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މެންޗެސްޓާ ޔުނައިޓެޑާ އެކު 2008 ގައި ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ހާސިލްކުރިއިރު މެޑްރިޑާ އެކު އެކަން ތަކުރާރުކުރީ 2014، 2016، 2017 އަދި މި އަހަރެވެ.
މެޗަށް ފަހު ލިވަޕޫލުގެ ކީޕަރު ކޯރިއަސް އާއި ކެޕްޓަން ޖޯޑަން ހެންޑަސަން އަދި ލޮވްރެން ވަރަށް ގަދަޔަށް ރުޔެވެ. ކާރިއަސް ވަނީ ރޮމުން ރޮމުން ގޮސް ލިވަޕޫލުގެ ސަޕޯޓަރުންގެ ގާތުން އަތުގެ އިޝާރާތުން މައާފަށް ވެސް އެދިފަ އެވެ. އޭނާ ހަމަޔަކަށް އަޅުވަން މެޑްރިޑުގެ ކުޅުންތެރިން ވެސް މަސައްކަތްކުރި އެވެ.
މިރޭގެ ކާމިޔާބީއާ އެކު މެޑްރިޑް މިވަނީ ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އެ ޓީމަކީ 1974، 1975 އަދި 1976 ގައި ޖަރުމަނުގެ ބަޔާން މިއުނިކް ޖެހިޖެހިގެން މުބާރާތުގެ ތަށި ހޯދި ފަހުން އެކަން ހާސިލްކުރި ފުރަތަމަ ޓީމެވެ. އަދި ޔޫރަޕުގެ ކްލަބް މުބާރާތް 1992 ވަނަ އަހަރު ޗެމްޕިއަންސް ލީގަށް ބަދަލުކުރި ފަހުން އެ ޝަރަފް ހޯދި ފުރަތަމަ ޓީމަށެވެ.