ދުއާކުރުމަށް ހުރަސްއެޅި ފުލުހުންގެ މައްސަލަ އެންއައިސީއަށް
ދުއާކުރުމަށް ހުރަސްއެޅި ފުލުހުންގެ މައްސަލަ އެންއައިސީއަށް

މިދިޔަ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ކައިރީގައި އިދިކޮޅު ފަރާތްތަކުން ދުއާ ކުރަނިކޮށް އެކަމަށް ހުރަސް އެޅި ކަމަށް ބުނާ ހަތަރު ފުލުހެއްގެ މައްސަލަ، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ދުއާކުރުމަށް ހުރަސްއެޅި ފުލުހުންގެ މައްސަލަ އެންއައިސީއަށް
ދުއާކުރުމަށް ހުރަސްއެޅި ފުލުހުންގެ މައްސަލަ އެންއައިސީއަށް

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު ހިސާން ހުސެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ކައިރީގައި ދުއާކުރަން ހުރަސް އަޅައި، ބައެއް މީހުން ހައްޔަރު ކުރި ހަތަރު ފުލުހެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

ދުއާކުރުމަށް ހުރަސްއެޅި ފުލުހުންގެ މައްސަލަ އެންއައިސީއަށް
ދުއާކުރުމަށް ހުރަސްއެޅި ފުލުހުންގެ މައްސަލަ އެންއައިސީއަށް

އެމްޔޫއޯއިން ހަތަރު ފުލުހުންގެ މައްސަލަ ވެސް ހުށަހަޅާފައިވަނީ ވަކިވަކިންނެވެ. އަދި އެ ފުލުހުން، ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނުން ހިލާފުވި މާއްދާތައް އެ މައްސަލަތަކުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި ވެ އެވެ. އޭގެ ތެރޭގައި މިހާރު ޖަލަށް ހުކުމް ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ބައްޕަ އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ދުއާ ކުރަން ހުރަސް އަޅައި، އަދި އޭނާގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހި ކަމަށް ބުނާ ފުލުހުންގެ މައްސަލަ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ހިސާން ވިދާޅުވީ ދުއާ ކުރުމާއި އަޅުކަން ކުރުން ހުއްޓުވުމުގެ ބާރު ފުލުހުންނަށް ވެސް ލިބިފައި ނުވާ ކަމަށާއި އެކަމަކު ފުލުހުން އެ ސަރަހައްދަށް ގޮސްފައިވަނީ ދުއާކުރުން ހުއްޓުވުމަށް ކަމަށް ފުލުހުންގެ ލިޔުމެއްގައި ވެސް ބުނެފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެންއައިސީއަށް ހުށަހެޅީ، ގާނޫނާ ހިލާފަށް ފުލުހުން ހިންގި މި އަމަލާ މެދު ފިޔަވަޅު އެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ހުކުރު ދުވަހު ދުއާކުރަނިކޮށް ހައްޔަރު ކުރި މީހުންނަށް ފުލުހުން ދިން ލިޔުމުގައި ވެސް ބުނެފައިވޭ އެތަނަށް ފުލުހުން ދިޔައީ، އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދަށް ފަހު ބަޔަކު ދުއާ ކުރާތީއޭ. އެކަމަކު މިއީ އެއްވެސް ގާނޫނަކުން ހުއްޓުވޭނެ ކަމެއް ނޫން،" ހިސާން ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒު ކައިރީގައި ދުއާ ކުރަނިކޮށް މީގެ ކުރިން ހައްޔަރު ކުރި ބަޔަކާ ދެކޮޅަށް ފުލުހުން ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެތަނުން ވަނީ އެއީ ދައުވާ ކުރެވޭނެ ޖިނާއީ ކުށެއް ނޫން ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.

މި ފަދަ އަމަލުތައް ހިންގާ ފުލުހުންގެ މައުލޫމާތު ހޯދުމަށް އެމްޔޫއޯ އިން ވަނީ، ހޭޝްޓެގެއް ތައާރަފްކޮށް ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ފަށާފަ އެވެ.

އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅާކަމަށް ބުނެ މިދިޔަ ހަފުތާގައި އެމްޑީޕީން ވެސް ވަނީ ހަތަރު ފުލުހެއްގެ މައްސަލަ އެންއައިސީއަށް ހުށަހަޅާފަ އެވެ.