މާރުކޭޓުގައި މަސް ތިޔާގިވެ، އަގު ދަށަށް ހިނގައްޖެ
މާރުކޭޓުގައި މަސް ތިޔާގިވެ، އަގު ދަށަށް ހިނގައްޖެ

ރޯދަ މަސް ފެށުނުއިރު ކަނޑުމަހުގެ އަގު އިންތިހާ އަށް އުފުލިފައިވީ ނަމަވެސް ކަނޑުމަސް ތިޔާގިވެ، މާލޭގެ މަސް މާރުކޭޓުގައި އަގު ދަށަށް ހިނގައްޖެ އެވެ.

މާރުކޭޓުގައި މިހާރު ގޮދާ ކިލޯއެއް 45ރ. އަށް ލިބޭއިރު، ކަންނެލި ކިލޯއެއްގެ އަގަކީ 35ރ. އެވެ. ރޯދަ މަސް ފެށުނުއިރު ކަނޑުމަސް ކިލޯއެއް 50ރ. އަށް ވުރެ ބޮޑު އަގުގައި ވިއްކި އެވެ.

އާދައިގެ މަހެއްގެ އަގު މިހާރު ވަނީ 100ރ. އާއި 150ރ. އާ ދެމެދު އަދަދަކަށް ދަށްވެފަ އެވެ. ކުދި ލައްޓި އާއި ރާގޮނޑި ކިލޯއެއް އުޅެނީ 40ރ. 60ރ. އާއި 80ރ. އާ ދެމެދުގެ އަގު ތަކެއްގަ އެވެ.

މަސް މާރުކޭޓުގައި ހުރި މަސްވެރިއަކު ބުނީ، ކުރިއަށް އޮތްތަނުގައި ވެސް މަހުގެ އަގު ދަށްވާނެ ކަމަށެވެ. އަދި އެންމެ ގިނަ އަދަދަކަށް ވިކެނީ ގޮދާ މަސް ކަމަށް ވެސް އޭނާ ބުންޏެވެ.

"މަހުގެ އަގު މިވަރުގައި ހިފަހައްޓާލެވޭނެ ކަމަށް ލަފާކުރެވޭ. ނޫނީ މި އަށް ވުރެ ހެޔޮވާނީ،" އޭނާ ބުންޏެވެ.

މަސްވެރިން ބުނީ މިދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅީ ދ. ތ. އަދި ލ އަތޮޅުގައި ކަމަށެވެ.

މަސް މާރުކޭޓުގައި ކަނޑުމަހާއި ކަންނެލި ތިޔާގި ނަމަވެސް ފަރުމަސް އެހާ ގިނައެއް ނޫނެވެ. މާރުކޭޓުގައި މިވަގުތު އެންމެ އާއްމުކޮށް ލިބެން ހުރީ ރަތް މަހާއި ފިލޮޅު އަދި މާރޮނޑެވެ. ރަތް މަހެއްގެ އަގު އުޅެނީ 100ރ. އިން މަތީގަ އެވެ.