400 އަތް ދަބަހާއި 30 މިލިއަން ޑޮލަރު ހޯދިއްޖެ: މެލޭޝިއާ ފުލުހުން
400 އަތް ދަބަހާއި 30 މިލިއަން ޑޮލަރު ހޯދިއްޖެ: މެލޭޝިއާ ފުލުހުން

ކުއާލަ ލަމްޕޫރު (މެއި 26) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރުމަށް ހިންގި އޮޕަރޭޝަނުގައި 400 އަށް ވުރެ ގިނަ އަތް ދަބަހާއި ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ހޯދިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

މި ތަކެތީގެ އިތުރުން އަގު ބޮޑު ގަޑި އާއި ގިނަ އަދަދެއްގެ ގަހަނާ ފެނިފައި ވަނީ ކުއާލަ ލަމްޕޫރުގެ ދެ ކޮންޑޯއެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. މި ދެ ކޮންޑޯ އިން ވަނީ 12 ތަނެއް ބަލައިފަ އެވެ. އޭގެ ތެރޭގައި ނަޖީބު ދިރިއުޅުއްވި އެޕާޓްމަންޓް ވެސް ހިމެނެ އެވެ.

ފުލުހުންގެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދެއްވަމުން ކޮމާޝަލް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަމަރް ސިންގް ވިދާޅުވީ ނަޖީބާ ގުޅުން ހުރި ތަންތަނުން 26 ގައުމެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. އަދި އެ ފައިސާގެ ޖުމްލަ އިއްޔެއާ ހަމައަށް 114 މިލިއަން ރިންގިޓަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަމަރް ސިންގް ވިދާޅުވީ އެއް އެޕާޓްމަންޓުން ވެސް 35 ދަބަހުގެ ފައިސާ ހޯދި ކަމަށެވެ.

"އެއް އެޕާޓްމަންޓުން 284 ފޮށީގައި ހުރި އަތް ދަބަސް ވަނީ ހޯދާފައި. އަނެއް އެޕާޓްމަންޓުން ވަނީ 150 އަތް ދަބަސް ހޯދާފައި. އެއީ ނަޖީބުގެ އަންހެން ދަރިފުޅު ދިރިއުޅުއްވި އެޕާޓްމަންޓް،" ފުލުހުން ބުންޏެވެ.

ގިނަ އަތް ދަބަހަކީ އަގު ބޮޑު ބްރޭންޑެއް ކަމަށްވާ ބާކިންސް ދަބަހެވެ. ވަރަށް ބޮޑެތި މުއްސަނދިން އާއްމުކޮށް ގެންގުޅޭ މިއިން ދަބަހެއްގެ އަގު 10،000-300،000 ޑޮލަރަށް އަރާ ކަމަށްވެ އެވެ. ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރު އާއްމުކޮށް ބޭނުން ކުރަނީ މި ބްރޭންޑުގެ އަތް ދަބަހެވެ. ފުލުހުން ބުނީ އަތް ދަބަސްތަކުގެ ފޮޓޯ ޕެރިހުގެ އެއާމެސް ކުންފުންޏަށް ފޮނުވައިގެން އެ ދަބަސްތަކުގެ އަގުތައް ސާފު ކުރާނެ ކަމަށެވެ.

ނަޖީބުގެ އަނބިކަނބަލުންނަކީ ގިނަގިނައިން ބޭރު ގައުމުތަކަށް ދަތުރު ކުރައްވާ އަގު ބޮޑު ތަކެތި ބައްލަވައިގެން އަދި މުއްސަނދި ދިރިއުޅުމެއް އުޅުއްވި ބޭކަނބަލެއް ކަމަށްވެ އެވެ.

މެލޭޝިއާ ފުލުހުން ހޯދި ފައިސާއާ ގުޅޭ ގޮތުން ނަޖީބުގެ ޕާޓީން ބުނެފައި ވަނީ އެއީ އިންތިޚާބަށް އެއްކުރި ފައިސާ ކަމަށެވެ. އަދި އެ ފައިސާ ފުލުހުން ގެންދިޔައީ ޕާޓީ އަށް ނަޖީބު ހަވާލު ކުރައްވަން އުޅެނިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

މެލޭޝިއާގެ އިންވެސްޓްމަންޓް ފަންޑް، 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނުގައި ނަޖީބުގެ މައްޗަށް މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.