26 މެއި 2018 - 16:02

މަސްކަތު (މެއި 26) - އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން މެކުނު އޮމާނަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އަރަބި ކަނޑުގައިވާ އޮމާންގެ ރަށްތައް ކަމަށްވާ ދޯފާރު، އަދި އަލް ވުސްތާ އަށް މެކުނު ތޫފާން އެރިއިރު ބާރު ހުރީ ކެޓަގަރީ ދޭއްގަ އެވެ. ތޫފާނުގެ ގަދަ ވަޔާއި ވިއްސާރަ އަދި ބޮޑެތި ރާޅުތަކުގެ ސަބަބުން އޮމާންގެ އައްސޭރި ފަށުގެ ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އޮމާން ފުލުހުން ބުނީ ސަލާލާ ޕްރޮވިންސްގައި ފެންގަނޑާ އެކު ކާރެއް ދަމައިގަތުމުން އޭގައި އިން މީހަކު މަރުވި ކަމަށެވެ. އަދި އޭގެ ކުރިން ވަނީ ވައި ރޯޅިއެއްގެ ބާރުގައި 12 އަހަރުގެ ކުޑަ ކުއްޖަކު ގޮސް ފާރެއްގައި ޖެހުމުން މަރުވެފަ އެވެ.
ސިވިލް ޑިފެންސް ޓީމުތަކުން ބުނީ ކަނޑުމަތިން ވެސް 260 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
މެކުނު ތޫފާން ބުރާސްފަތި ދުވަހު ޔަމަނުގެ ސުކުތުރާ ޖަޒީރާ އަށް އެރުމުން ވަނީ ހަތް މީހުން މަރުވެފަ އެވެ.
އޮމާންގެ ސިވިލް ޑިފެންސް ކޮމިޓީން ބުނީ މެކުނު ތޫފާނުގެ ބާރު މިހާރު ދަށްވަމުންދާ ކަމަށެވެ. ނަމަވެސް ތޫފާނުގެ ސަބަބުން އަދިވެސް ދަނީ ގަދަ ވަޔާއެކު އޮމާނަށް ބޯކޮށް ވާރޭ ވެހެމުންނެވެ.
އޮމާންގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް މީޓިއޮރޮލޮޖީން ބުނީ ތޫފާންގެ މިސްރާބު މިހާރު ހުރީ ސައުދީ އަރަބިއާގެ ހުޅަނގު އުތުރާ ދިމާލަށް ކަމަށެވެ.