26 މެއި 2018 - 15:17

އެއް ދުވަހުން ލައިސަންސް ލިބޭނެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރުން ހިންގާ "އެއް ލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގައި ލައިންސަންސް ނެގުމަށް މިރޭ ޓޯކަން ނަމްބަރު ދޫ ނުކުރާނެ ކަމަށާއި މިރޭ ޚިދުމަތް ދޭނީ ރޭ ނަމްބަރު ނެގި މީހުންގެ ތެރެއިން ޚިދުމަތް ނުދެވޭ މީހުންނަށް ކަމަށް އިނޮކޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމް ރޭ ފެށުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ދިގު ކިޔޫތައް ރޭ ހަދައިފަ އެވެ. އެ ޕްރޮގްރާމްގައި ސައިކަލާއި ކާރުގެ އިތުރުން ޕިކަޕް ލައިސަންސް ވެސް ނެގެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިރޭ ޚިދުމަތް ދޭނީ ރޭ ދޫކޮށްފައި ހުރި ޓޯކަން ނަމްބަރުތަކަށް ކަމަށާއި އާ ނަމްބަރުތައް ދޫކުރަން ފަށާނީ ރޭ ދޫކުރި ނަމްބަރުތަކަށް ޚިދުމަތް ދީ ނިމުމުން ކަމަށެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވާން ފޯމް ހުށަހެޅުމުން ތިއަރީ ޓެސްޓާއި ޑްރައިވިން ޓެސްޓް ހެދުމަށް ފަހު، ފާސްވެއްޖެ ނަމަ ހަމަ އެރޭ ލައިސަންސް ދޫކުރާނެ އެވެ. ތިއަރީ ޓެސްޓާއި ޑްރައިވިން ޓެސްޓް ހަދާނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ. އާންމު އުސޫލުން ލައިސަންސް ނަގާ ނަމަ، ތިއަރީ ޓެސްޓާއި ޑްރައިވިން ޓެސްޓް ހެދުމަށްޓަކައި ހަފުތާއެއްހާ ދުވަސް ނަގަ އެވެ.