27 މެއި 2018 - 08:16

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ދަރިފުޅު ވިއާން ރާޖްކުންދްރާގެ ހަ ވަނަ އުފަން ދުވަސް ފާހަގަކުރަން، އުމުރުން ދުވަސްވީ މީހުން ތިބޭ ތަނަކަށް ޒިޔާރަތްކޮށް، ބެހި ކާ އެއްޗެހީގެ ތެރޭގައި ހުރީ "މާ އަގުހެޔޮ" ދޮންކެޔޮ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑު ކިޔުމުން ރައްދު ދީފި އެވެ.
ޝިލްޕާ އޭނާގެ އިންޓަގްރާމްގައި ހިއްސާ ކުރި ވީޑިއޯއެއްގައި އޭނާގެ މަންމަ ސުނަންދާ އާއި ފިރިމީހާ ރާޖްކުންދްރާ އަދި ދަރިފުޅު ވިއާން ދޮންކޭލާއި ފޮނިކާ ތަކެތި ބަހާ ތަން ފެނެ އެވެ.
އެ ވީޑިއޯ އަށް ކޮމެންޓް ކުރި މީހަކު ބުނެފައި ވަނީ ލިބެން ހުރި އެންމެ އަގުހެޔޮ ދޮންކެޔޮ ހިފައިގެން ގޮސް ބަހާފައި، ވީޑިއޯ ޕޯސްޓް ކުރަނީ ކަން ދައްކަން ކަމަށެވެ.
އެއަށް ރައްދު ދެމުން ޝިލްޕާ ބުނީ ތި ކަހަލަ ގޮތަކަށް ވިސްނީތީ ވެސް ހިތާމަ ކުރާ ކަމަށާއި ކަން ދެއްކުމުގެ އެއްވެސް ނިޔަތެއް އޭނާގެ ނެތް ކަމަށެވެ.
"ވީޑިއޯ ޝެއާ ކުރީ އެފަދަ މީހުންނަށް [ދުވަސްވީ މީހުންނަށް] އެހީވުމުގެ މުހިއްމުކަން ވެސް އަންގައިދީ ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން. އަދި މިއީ ޒަމާނުއްސުރެ ވެސް އަހަރެމެންގެ އާއިލާ އިން ކުރަމުން އަންނަ ކަމެއް،" ޝިލްޕާ ޓްވިޓާގައި ބުންޏެވެ. "މިއީ އެއްގޮތަކަށް ވެސް ދެއްކުންތެރިކަމުގެ ގޮތުން ކުރި ކަމެއް ނޫން. އެކަހަލަ ނިޔަތެއް ނުވެސް ނެތް. މިކަން ހަމަ މިގޮތަށް އަހަރެންގެ ދަރިފުޅާ އެކު ވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނަން."
ޝިލްޕާގެ އިސްޓަގްރާމް ވީޑިއޯ އަށް ކޮމެންޓް ކުރި ގިނަ މީހުން އޭނާ އަށް ތައުރީފުކޮށްފައިވެ އެވެ. އެގޮތުން އުފަން ދުވަހުގެ ޕާޓީތައް ހަމައެކަނި ސެލެބްރީންނަށް ދިނުމުގެ ބަދަލުގައި މުޖުތަމައުގައި އެހެން މީހުންގެ އެހީ އާއި އަޅާލުން ބޭނުން ބަޔަކަށް އެހީވުމަކީ ވަރަށް ރީތި ސިފައެއް ކަމަށް ބުނެފައިވެ އެވެ.