ބައްޔަށް ފަރުވާ ހޯދަމުން އިރްފާން ހާން އާ ފިލްމަކަށް ސޮއިކޮށްފި
ބައްޔަށް ފަރުވާ ހޯދަމުން އިރްފާން ހާން އާ ފިލްމަކަށް ސޮއިކޮށްފި

މިދިޔަ މާޗް މަހުން ފެށިގެން ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) އަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯދަމުން އަންނަ އެކްޓަރު އިރްފާން ހާން އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އޭނާ އާ ފިލްމަކަށް ސޮއިކޮށްފައި މި ވަނީ ވިޝާލް ބަރަދްވާޖް ޕްރޮޑިއުސްކޮށް، ދީޕިކާ ޕަދްކޯނާ އެކު ލީޑް ރޯލް ކުޅޭ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަނިކޮށް އެންއީޓީގެ ޝިކާރަކަށްވެ، އެ ބައްޔަށް ފަރުވާ ހޯދަން ޖެހިގެން، އެ ފިލްމް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި ވަނިކޮށެވެ.

އެކަމަކު ރިޕޯޓްތައް މިހާރު ބުނާ ގޮތުން އިރްފާންގެ ބަލި އަންނަނީ ރަނގަޅުވަމުންނެވެ. އަދި ބަލިން ފަސޭހަވެގެން މާ ލަސްތަކެއް ނުވެ އޭނާ އެނބުރި އިންޑިއާ އަށް ވެސް އަންނާނެ އެވެ. އިރްފާންގެ އާ ފިލްމެއް މިހާރު ރިލީޒް ވާން ވެސް ތައްޔާރުވަމުން އަންނަ އިރު، އޭނާ ވަނީ ފިލްމް ޕްރޮމޯޓް ކުރުމުގެ ގޮތުން އިހަކަށް ދުވަހު ޓްވީޓް ވެސްކޮށްފަ އެވެ.

އެ ފިލްމަކީ ސައުތު ފިލްމް އިންޑަސްޓްރީގެ މަޝްހޫރު ޒުވާން އެކްޓަރު ދަލްގޫރް ސަލްމާން ބޮލީވުޑަށް ތައާރަފުވާ ފިލްމް "ކަރްވާން" އެވެ.

އެ ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 10 ގަ އެވެ. "ކަރްވާން" ގެ ޑައިރެކްޓަރު އާކާޝް ކުރާނާ ވެސް ދާދި ފަހުން ބުނި ގޮތުގައި އިރްފާންގެ ހާލު ވަރަށް ރަނގަޅެވެ. އަދި އޭނާ ފިލްމްގެ ޕްރޮމޯޝަނުގައި ބައިވެރި ވާނެ ކަމަށް ބުންޏެވެ.

އިރްފާންގެ ހޮލީވުޑް ފިލްމެއް ވެސް ޖުލައި މަހު ސިނަމާތަކަށް އަންނާނެ އެވެ. އެއީ މާކް ޓާޓްލްޓޯބް ޑައިރެކްޓްކޮށް ޖުލައި 27 ގައި ރިލީޒް ކުރާ "ޕަޒްލް" އެވެ.

އެންއީޓީ އަށް ފަރުވާ ހޯދަން އިރްފާން ލަންޑަނަށް ފުރި ފަހން ވެސް އޭނާގެ އެހެން ފިލްމެއް ސިނަމާ އަށް އަ އެވެ. އެއީ އަބިނޭ ޑިއޯ ޑައިރެކްޓްކޮށް މިދިޔަ މަހުގެ 6 ގައި ރިލީޒް ކުރި "ބްލެކްމެއިލް" އެވެ.

އިރްފާން ފަރުވާގައި ހުރެ ސޮއި ކުރި ފިލްމަކީ އޭނާ މުހިއްމު ރޯލެއް ކުޅުނު 2015 ގެ ފިލްމް "ޕީކޫ" ގެ ޑައިރެކްޓަރު ސުޖިތު ސިރްކާސްގެ ފިލްމެކެވެ. މި ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި އުދަމް ސިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

މިދިޔަ މަހު "އޮކްޓޯބާ" ގެނެސް ދިން ސުޖިތު ބުނި ގޮތުގައިި އުދަމްގެ ކެރެކްޓާ ކުޅެން އިރްފާން ވަރަށް ވެސް ފިޓެވެ. އަދި މި އަހަރުގެ ފަހުކޮޅު ފިލްމްގެ ޝޫޓިން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ބުންޏެވެ.

ސުޖިތު ބުނި ގޮތުގައި އިރްފާނާ ބައްދަލު ކުރަން އަންނަ މަހު ލަންޑަށް ވެސް އޭނާ ދާނެ އެވެ.