އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިސްތިއުނާފް އަޑުއެހުން މާދަމާ ވެސް ބާއްވަން ހަމަޖައްސައިފި
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިސްތިއުނާފް އަޑުއެހުން މާދަމާ ވެސް ބާއްވަން ހަމަޖައްސައިފި

ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ވެސް ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ދަށު ކޯޓުތަކުގެ ދެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިމަހު އެވެ. އެ ހުކުމް އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ދެވަނަ އަޑުއެހުން މާދަމާ ބާއްވަން ހަމަޖެއްސިއިރު، މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިޔަ އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު ބައްލަވާ އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ފަރާތުން ފާހަގަކުރި އިސްތިއުނާފް ނުކުތާތައް ހުށަހެޅުމާއި ތަފްސީލު ކުރުމެވެ.

ދަށު ކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ، އެ ދެ ބޭފުޅުންގެ ވަކީލުން ގިނަ ނުކުތާތަކެއް ބުރާސްފަތި ދުވަހު ހައި ކޯޓުގައި ފާހަގަ ކޮށްފައި ވާއިރު، މިހާރު ކުރިއަށް ދަނީ އެކަންކަން ތަފްސީލު ކުރުމެވެ.

ފަނޑިޔާރުންގެ މައްޗަށް ކުށް ސާބިތުވާ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭތީ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްސަލަ ވެސް 30 ދުވަސް ތެރޭގައި ހައި ކޯޓުން ނިންމަން ޖެހޭނެ އެވެ. ހައި ކޯޓުން މައްސަލަ ނިމުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި ނަމަ އެ ކޯޓުން ވެސް 30 ދުވަސް ތެރޭގައި މައްސަލަ ނިންމަން ޖެހޭނެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްސަލަ އިސްތިއުނާފް މަރުހަލާއިން ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ އެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ.