އާލިއާ ބަޓްގެ ދައްތަ ޝާހީން ޑިޕްރެޝަނާ ބެހޭ ފޮތެއް ލިޔަނީ
އާލިއާ ބަޓްގެ ދައްތަ ޝާހީން ޑިޕްރެޝަނާ ބެހޭ ފޮތެއް ލިޔަނީ

ޝާހީން ބަޓް މަޝްހޫރީ ބަތަލާ އާލިއާ ބަޓްގެ ދައްތަގެ ގޮތުގަ އެވެ. ޝާހީނަކީ މަހޭޝް ބަޓާއި ބަތަލާ ސޯނީ ރާޒްދާންގެ ދެ އަންހެން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ފިލްމީ ދާއިރާގައި އުޅުނަސް، ޝާހީނަކީ ތަންކޮޅެއް ލޯ ޕްރޮފައިލްކޮށް އުޅޭ މީހެކެވެ.

އޭނާ 2016 ގައި އިސްޓަގްރާމްގައި ހިއްސާ ކުރި ދިގު ބަޔާނެއްގައި ބުނެފައި ވަނީ އުމުރުން އެންމެ 13 އަަހަރުން ފެށިގެން ޑިޕްރެޝަނުގެ ޝިކާރައަކަށްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ތަޖުރިބާ ކުރަން ޖެހުނު ކަންތައްތަކާއި އެކަމުން އަރައި ގަތުމަށް ކުރި މަސައްކަތުގެ ބައެއް ވާހަކަ ޝާހީން ހިއްސާކޮށްފައިވެ އެވެ.

އެކަމަކު އެ ވާހަކަ އެ ހިސާބަށް ކުރުކޮށްލާކަށް ޝާހީން އަދި ބޭނުމެއް ނޫނެވެ. އޭނާ މިހާރު ވަނީ ޑިޕްރެޝަނާ ބެހޭ ފޮތެއް ލިޔަން ނިންމައިފަ އެވެ. ޝާހީން ބުނި ގޮތުގައި ޑިޕްރެޝަންގެ ވާހަކަތައް އޭނާ ފޮތެއްގެ ސިފައިގައި ގެނެސް ދޭން ބޭނުން ވަނީ އެކަމަށް އަދިވެސް ހޭލުންތެރިކަން ބޭނުންވާކަން ގަބޫލު ކުރެވޭތީ އެވެ.

ވަރަށް ގިނަ ބަޔަކު ހަޔާތުގެ އެކި މަރުހަލާތަކުގައި ޑިޕްރެޝަންގެ އުނދަގޫ ތަހައްމަލު ކުރާ ކަމަށާއި އެކަމަކު މީގެ ހަގީގަތް އެހާ އާންމު ނޫން ކަމަށް ވެސް ޝާހީން، 29، ބުންޏެވެ.

ޝާހީނަކީ ބައްޕަ މަހޭޝް ފަދައިން ލިޔުންތެރިކަމަށް ލޯބި ކުރާ މީހެކެވެ. އެހެންވެ އެކަމަށް އާއިލާ އިން ވަރަށް ހިތްވަރު ވެސް ދެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އާލިއާ ބަތަލާގެ ރޯލުން ފެންނާނެ ކަމަށް ގަބޫލު ކުރެވޭ "އާޝިގީ 3" ގެ ސްކްރިޕްޓް ވެސް ލިޔަނީ ޝާހީނެވެ.

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ވެސް ޑިޕްރެޝަންގެ ވޭނުން ގިނަ ދުވަސްތަކެއް ވަންދެން ތަހައްމަލުކޮށް، އެ ވާހަކަތައް ކިޔައި ދީފަ އެވެ. އަދި ޑިޕްރެޝަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އޭނާ ވަނީ "ލިވް، ލަވް، ލާފް" ގެ ނަމުގައި ފައުންޑޭޝަނަށް ވެސް އުފައްދައިފަ އެވެ.

ޑިޕްރެޝަން ހުންނަ މީހުންނަށް ހިލޭ ސާބަހަަށް މި ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދެ އެވެ.