26 މެއި 2018 - 12:59

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް، ޔޫރޯގެ ފައިނަލުގައި މީގެ ހަ އަހަރު ކުރިން ސްޕެއިނާއި އިޓަލީ ބައްދަލުކުރި ޔޫކްރޭނުގެ ކިއޭވުގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމުގައި މިރޭ އެހާމެ ޝަރަފްވެރި މެޗެއް އަނެއްކާ ވެސް ކުޅޭނެ އެވެ. ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިންގްލެންޑުގެ ލިވަޕޫލް ނުކުންނާނީ ޔޫރަޕުގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލަށެވެ. ފަސް އަހަރުގެ ތެރޭގައި ހަތަރު ވަނަ ފައިނަލުގައި މެޑްރިޑް ވާދަކުރާއިރު، މިރޭ މޮޅުވެއްޖެ ނަމަ ޖެހިޖެހިގެން ތިން ފަހަރު ތަށި ހޯދި ޖުމްލަ 13 ފަހަރު އެކަން ހާސިލްކުރެވޭނެ އެވެ. ލިވަޕޫލުން 2007 ގެ ފަހުން ފައިނަލުގައި ވާދަކުރާއިރު ތަށި ލިބިއްޖެ ނަމަ އެ ލިބެނީ ހަ ވަނަ ފަހަރަށެވެ.

މުބާރާތުގެ ޕްލޭއޮފުގެ ދެ ލެގުން ޖަރުމަނުގެ ހޮފެއިންހެމްގެ މައްޗަށް ކުރި ހޯދައިގެން ގްރޫޕް ސްޓޭޖުން ޖާގަ ހޯދި ލިވަޕޫލް ވަނީ ސްޕެއިނުގެ ސެވިއްޔާ، ރަޝިއާގެ ސްޕާޓަކް މޮސްކޯ އަދި ސްލޮވީނިއާގެ މަރިބޯ ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދި އެވެ. ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން 5-0 އިން މޮޅުވެ، ފަސޭހަކަމާ އެކު ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ. އެ ބުރުގައި ލައްވާލީ މެންޗެސްޓާ ސިޓީއާ އެވެ. ޕްރިމިއާ ލީގުގައި ރަސްކަން ކުރަމުން އައި ސިޓީގެ އަތްދަށުން ލިވަޕޫލް ސަލާމަތްނުވާނެ ކަމަށް ހީކުރެވުނަސް ދެ ލެގުން 5-1 އިން މޮޅުވެ ސެމީ އަށް ދިޔަ އެވެ. ސެމީގައި ވާދަކުރަން ޖެހުނީ ގަދަފަދަ ބާސެލޯނާ ބަލިކުރުމަށް ފަހު އައި ރޯމާ އެވެ. އުނދަގޫތަކަށް ފަހު ރޯމާގެ މައްޗަށް 7-6 އިން ކުރި ހޯދައިގެން ފައިނަލުން ޖާގަ ހޯދީ އެވެ.

މެޑްރިޑުން ފައިނަލަށް ދަތުރުކުރީ ލިވަޕޫލަށް ވުރެ ހާލުގައި އޮވެ އެވެ. އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަދި ސައިޕްރަސްގެ އެޕޮއެލް ހިމެނުނު ގްރޫޕުން މެޑްރިޑް ދިޔައީ ދެ ވަނަ އަށެވެ. ދެ ވަނަ ބުރުގައި ޕީއެސްޖީގެ މައްޗަށް ކުރި ހޯދީ 5-2 އިންނެވެ. ކުއާޓާ ފައިނަލުގައި ލައްވާލީ ޔުވެންޓަސްއާ އެވެ. ފުރަތަމަ ލެގުން 3-0 އިން މޮޅުވި ނަމަވެސް ދެ ވަނަ ލެގުން ސަލާމަތްވީ ކިރިޔާ އެވެ. ޔުވެންޓަސް ތިން ލަނޑު ޖަހައި އިތުރު ވަގުތާ ހަމަޔަށް ގޮސްގޮސް އޮއްވާ މެޑްރިޑް ސަލާމަތްވީ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުންނެވެ. ސެމީ ފައިނަލުގައި ބަޔާން މިއުނިކް އަތުން ވެސް ސަލާމަތްވީ ހަނި ގޮތަކަށް 4-3 ގެ އެގްރިގޭޓަކުންނެވެ.

މެޑްރިޑަކީ ޔޫރަޕުގެ އެންމެ ކާމިޔާބު ޓީމެވެ. ޔޫރަޕުގެ ކްލަބް ޗެމްޕިއަންކަން މިހާތަނަށް 12 ފަހަރު ހޯދާފައިވާއިރު، މި މުބާރާތް 1955 ގައި ތައާރަފްކޮށްގެން ބޭއްވި ފުރަތަމަ ފަސް އަހަރު ގެންދިޔައީ އެ ޓީމެވެ. އޭގެ ފަހުން އަޑުމަޑުކޮށް އޮވެފައި އަނެއްކާ ވެސް ނުވަދިހައިގެ ތެރޭގައި ވިދުން ގަދަވި އެވެ. އަދި 2002 ގައި ހޯދި ގޮތަށް އަނެއްކާ ވެސް މެޑްރިޑުގެ ވިދުން ފަނޑުވި އެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ފަހުން އެންމެ ސީޒަނެއްގައި ފިޔަވައި ހުރިހާ ފަހަރެއްގައި ފައިނަލުން ޖާގަ ހޯދި އެވެ. މިރޭ ޗެމްޕިއަންކަން ހޯދައިފި މެޑްރިޑް ވެގެންދާނީ 1992 ވަނަ އަހަރު މުބާރާތުގެ ފޯމެޓް ބަދަލުކުރި ފަހުން ޖެހިޖެހިގެން ތިން ފަހަރު ހޯދާ ފުރަތަމަ ޓީމަށެވެ. އޭގެ ކުރިން ވެސް އެ ރެކޯޑް އޮތީ އެ ޓީމުގެ އަތުގަ އެވެ.

ލިވަޕޫލަކީ ޔޫރަޕުގައި އެންމެ ކާމިޔާބު އިނގިރޭސި ޓީމެވެ. އަދި އެ ޓީމަކީ 1970-1980 ގެ އަހަރުތަކުގައި މުބާރާތުގައި އެންމެ ވިދުން ގަދަ އެއް ޓީމު ވެސް މެ އެވެ. ޖުމްލަ ފަސް ފަހަރު ތަށި ހޯދާފައިވާއިރު އެންމެ ފަހުން ޗެމްޕިއަންކަން ހޯދީ 2005 ވަނަ އަހަރެވެ. އޭސީ މިލާނުން ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި އެއްވަރުކޮށް ޕެނަލްޓީން ލިވަޕޫލް މޮޅުވި މޮޅުވުމަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ހާއްސަ އެއް ކާމިޔާބެވެ. އޭގެ ދެ އަހަރު ފަހުން 2007 ގައި ފައިނަލަށް ދަތުރުކުރި ނަމަވެސް މިލާން އަތުން 2-1 އިން ބަލިވީ އެވެ.
މިރޭގެ މެޗަކީ މުބާރާތުގައި މި ދެ ޓީމު ވާދަކުރާނެ ހަ ވަނަ ފަހަރެވެ. މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ލިވަޕޫލް މޮޅުވިއިރު ދެ މެޗުން މެޑްރިޑް މޮޅުވި އެވެ. އެންމެ ފުރަތަމަ ވާދަކުރީ 1981 ގެ ފައިނަލުގަ އެވެ. ޕެރިހުގައި ކުޅުނު އެ މެޗުން ލިވަޕޫލް މޮޅުވީ 1-0 އިންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން 1-0 އިން ލިވަޕޫލް މޮޅުވިއިރު ދެ ވަނަ ލެގުން މޮޅުވީ 4-0 އިންނެވެ. އެންމެ ފަހުން ކުޅުނު ދެ ފަހަރު މޮޅުވީ މެޑްރިޑެވެ. އެގޮތުން 2014 ވަނަ އަހަރު ގްރޫޕް ސްޓޭޖުގެ ފުރަތަމަ ލެގުން 3-0 އިން އަދި ދެ ވަނަ ލެގުން 1-0 އިން ކާމިޔާބު ހޯދި އެވެ.
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެ ޓީމު ފައިނަލަށް އަތުވެދާނެ ކަމަށް އެއްވެސް މީހަކު ހީނުކުރާ ކަމަށާއި އެކަމަކު އެ ހިސާބުގައި އެއޮތީ "މިއީ ލިވަޕޫލަށް" ވާތީ ކަމަށެވެ. އޭނާ ބުނީ ލިވަޕޫލުގެ ޑީއެންއޭގައި ވެސް ޔޫރަޕުގެ ކާމިޔާބީ ހިމެނޭ ކަމަށާއި އެހެންވެ ބޮޑެތި ކާމިޔާބީތަކާ ހަމަޔަށް އެ ޓީމަށް ދެވޭނެ ކަމަށެވެ.
މެޑްރިޑުގެ ތަޖުރިބާ އަށް އިޝާރާތްކޮށް ކްލޮޕް ބުނީ މެޗުގެ ކުރިން އެ ޓީމު އޮންނާނީ އިތުބާރާ އެކު ކަމަށެވެ. އެކަމަކު މެޗު ފެށޭ ހިސާބުން ލިވަޕޫލުން ދޫނުދޭނެ ކަމަށް ކްލޮޕް ބުންޏެެވެ. މާނައަކީ ތަޖުރިބާ ނެތުމުގެ މައްސަލަ ދިމާނުވާނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތުމެވެ.
"މި ކުޅުންތެރިންނާ އެކު މިތަނުގައި ހުރެވޭތީ ވަރަށް އުފާވޭ. ގަބޫލުކުރަން ދަތި މިންވަރަކަށް މި ކުޅުންތެރިން މިހިސާބަށް އައުމަށް މަސައްކަތްކުރި. މި ކުޅުންތެރިންނަށް މިކަން ހައްގު. އަހަރެން ވަރަށް ފަހުރުވެރިވޭ،" ކްލޮޕް ބުންޏެވެ.
ލިވަޕޫލް ގޮވައިގެން 2016 ވަނަ އަހަރުގެ ޔުރޮޕާ ލީގުގެ ފައިނަލަށް ކްލޮޕް ދަތުރުކުރި އެވެ. އެކަމަކު ސްޕެއިނުގެ ސެވިއްޔާ އަތުން ބަލިވީ އެވެ. ކެޕްޓަން ޖޯޑަން ހެންޑަސަން ބުނީ އެ ތަޖުރިބާ އިން ފިލާވަޅުތަކެއް ހޯދި ކަމަށާއި އެ ނާކާމިޔާބީން ހިތްވަރު ހޯދާނެ ކަމަށެވެ.
ލިވަޕޫލަށް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައިދޭ ހަތަރު ވަނަ ކޯޗަށް ވުމުގެ އުއްމީދުގައި ކްލޮޕް ހުރި ނަމަވެސް މީގެ ކުރިން އޭނާ ނުކުތް ފަސް ފައިނަލުން ވެސް ނާކާމިޔާބުވީ އެވެ. ލިވަޕޫލާ އެކު ޔުރޮޕާ ލީގާއި ލީގު ކަޕުގެ ފައިނަލުން ބަލިވިއިރު ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗަކަށް ހުރިއިރު 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަޔާން މިއުނިކް އަތުން ބަލިވީ އެވެ.
"ޗެމްޕިއަންސް ލީގުގެ ފައިނަލަކީ ބޮޑު ކަމެއް. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަކީ ކުރަން އުނދަގޫ ކަމެއް. ފަހަރުގައި އެއީ ހަޔާތުގައި އެއް ފަހަރު ވާނެ ކަމެއް. އަހަރެމެން އެ ފަހަރު (2013 ގައި) ވަރުގަދަ ޓީމަކާ ދެކޮޅަށް ގަބޫލުކުރަން ދަތި ކުޅުމެއް ކުޅުނިން. މެޗަށް ފަހު އަހަންނަށް އެނގުނު އަދި އެއް ފަހަރު މިހިސާބަށް އަންނަން ބޭނުންވާކަން،" ކްލޮޕް ބުންޏެވެ.
މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާނަކީ މިދިޔަ ދެ އަހަރު މެޑްރިޑަށް މުބާރާތް ކާމިޔާބުކޮށްދިން ކޯޗެވެ. އަދި 2014 ވަނަ އަހަރު ތަށި ހޯދިއިރު އެސިސްޓަންޓް ކޯޗެވެ. އެއަށް ވުރެ ކުރިއަށް ޖެހިލާއިރު ކުޅުންތެރިއެއްގެ ގޮތުން 2002 ވަނަ އަހަރު ތަށި ހޯދައިދިނެވެ. ފައިނަލުގައި ބެޔާ ލެވަކޫސަން ކޮޅަށް އޭނާ ވައްދާލި ލަނޑު އަދިވެސް ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައިވެ އެވެ. ހުރިހާ ގޮތަކުން ވެސް މިރޭގެ މެޗުގެ ފޭވަރިޓަކީ މެޑްރިޑެވެ. އެކަމަކު ޒިދާން އެކަން ގަބޫލެއް ނުކުރެ އެވެ.
"އަހަރެމެންނަށް ވެސް އޮތީ ލިވަޕޫލަށް އޮތް ފުރުސަތު (ފައިނަލުގައި). ފޭވަރިޓުންނޭ؟ ޗޭންޖިން ރޫމުގައި އަހަރެމެން ގަބޫލުކުރަނީ ގޮތަކީ ތިޔެއް ނޫން."
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ތަށި ހޯދުމާ ގުޅޭ ގޮތުން ޒިދާން ބުނީ އެ ފުރުސަތު ދެން ފަސޭހައިން ނުލިބޭނެ ކަމަށާއި އެހެންވެ އޭގެ ބޭނުން މިރޭ އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭނެ ކަމަށެެވެ.
ރެއާލް މެޑްރިޑާއި ލިވަޕޫލުގެ ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ ދެ ކްލަބެވެ. އަދި އެންމެ ވަފާތެރި ސަޕޯޓަރުން ވެސް ތިބި ކްލަބްތަކުގެ ލިސްޓުން ޖާގަ ލިބެ އެވެ. ދެ ކްލަބުގެ ފަހަތުގައި އޮތީ ކާމިޔާބު، ވަރުފަދަ ތާރީހެކެވެ. ފުޓްބޯޅައިގެ މުހިއްމު ސަގާފަތެވެ. މިހާރުގެ ފޯމަށް ބަލާއިރު ދެ ކްލަބުގައި މިވަގުތު އޮތީ ދުނިޔޭގެ އެންމެ ވަރުގަދަ އެޓޭކިން ފޯހެކެވެ. އެހެންކަމުން މިރޭގެ މެޗު ވެގެންދާނީ ހުރިހާ ރަހައެއް ހެޔޮވަރު، ތާރީހުން ފަސޭހަކަމާ އެކު ޖާގަ ހޯދާނެ ފައިނަލަކަށް ކަން ވަރަށް ބޮޑަށް ޔަގީންކުރެވެ އެވެ. ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.