26 މެއި 2018 - 14:26

އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ކުރިއަށް ގެންދާ "އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގެ ފޯމުގައި ކަމާ ގުޅުން ނެތް މައުލޫމާތު ހޯދާތީ ޝަކުވާ ބޮޑުވެއްޖެ އެވެ.
ޓްރާސްޕޯޓް އޮތޯރިޓީން ދޫކުރާ އެ ފޯމުގައި، ސޯޝަލްމީޑިއާ އެކައުންޓްތަކުގެ މައުލޫމާތު ފުރަން ޖެހެ އެވެ. އެ ފޯމުގައި އެ މީހެއްގެ ޓުވިޓާ އާއި އިންސްޓަގްރާމާއި ވައިބާ އާއި ވަޓްސްއެޕްގެ ވެސް މައުލޫމާތު ދޭން އެދިފައިވެ އެވެ. މީގެއިތުރުން، ލައިސަންސަށް އެދޭ މީހާ އަކީ ކައިވެނިކޮށްގެން ހުރި މީހެއްތޯ އާއި ވަރިވެފައިތޯ އަދި އަނބިމީހާ/ފިރިމީހާ މަރުވެފައިތޯ ވެސް އަހަ އެވެ.
ލައިސަންސް ނަގަން ފުރާ ފޯމުގައި އެ މީހެއްގެ ޒާތީ މައުލޫމާތަށް އެދިފައި އޮތުމުން، ގިނަ ބަޔަކު އަންނަނީ ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ.
ސޯޝަލްމީޑިއާގައި ފާޑުކިޔާ މީހުން ތުހުމަތުކުރާ ގޮތުގައި، "އެއްލަކިން" ލައިސަންސަކީ ރައްޔިތުންނަށް އޮޅުވާލައިގެން ހިންގާ ކެމްޕޭން ހަރަކާތެވެ. ފުރަތަމަ ކަމަކަށް، އެ ޕްރޮގްރާމްގެ ނަމަކީ ވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދަން ވެރިކަން ކުރާ ޕީޕީއެމުން ބޭނުންކުރާ ނަމެކެވެ. "އެއްލަކިން ރައީސް ޔާމީން"ގެ ނަމުގައި ޖަލްސާތަކާއި ކެމްޕޭން ހަރަކާތްތައް ވެސް ހިންގާފައިވެ އެވެ.
ފަސޭހަ އިން ލައިސަންސް ދިނުމުގެ ނަމުގައި ވެސް ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް ބައެއް މީހުން ޓުވިޓާގައި ފާޑުކިޔާފައިވެ އެވެ.
މި ޕްރޮގްރާމް، ޕްރޮމޯޓްކުރަން އިކޮނޮމިކް މިނިސްޓްރީން ކުރާ ޓުވީޓްތަކުގައި ހޭޝްޓެގެއްގެ ގޮތުގައި ރައީސް ޔާމީން 2018 ޖަހައި އެމަނިކުފާނުގެ ފޮޓޯފުޅު ބޭނުންކޮށްފައިވެ އެވެ. އެހެންވެ އެއްބަޔަކު ސިފަކުރަނީ، މިއީ ރައީސް ޔާމީންގެ ކެމްޕޭނަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެ މަންޒަރު ފެނޭތޯ ވެސް ސުވާލުކޮށްފައިވެ އެވެ.
އެ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ އެއްލަކިން ޕްރޮގްރާމްގެ ފޯމު ތަފާތުވެފައި، ސޯޝަލް މީޑިއާ އެކައުންޓްތަކުގެ މައުލޫމާތު ހޯދަނީ ޒުވާނުން ހޭލުންތެރި ކުރަން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި، އެ މިނިސްޓްރީގެ ގަވާއިދުތަކަށް އަންނަ ބަދަލުތަކާއި ޓްރެފިކަށް ހޭލުންތެރިކަން އިތުރުކުރަން މައުލޫމާތު ފޯރުކޮށްދޭނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ޑޭޓާތައް އަޅުގަނޑުމެން މި ނަގަނީ އެއްގޮތަކަށް ވެސް ކެމްޕޭންގެ މަގްސަދުގައެއް ނޫން، ޓްރެފިކް ގަވާއިދުތަކާއި ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމަށް، ރައީސް ޔާމީންގެ ކެމްޕޭންގައި ބޭނުންކުރާ "އެއްލަކިން"ގެ ނަން ދިނީ ކީއްވެތޯ އެހުމުން އަބްދުﷲ ވިދާޅުވީ، ފަސޭހަ އިން ލައިސަންސް ލިބޭތީ ދިން ނަމެއް ކަމަށާއި އެހެން ބަޔަކު ބޭނުން ނުކުރާ ބަހެއް، ހޯދުމަކީ އުނދަގުވާނެ ކަމެއް ކަމަށެވެ.
"އެއްބުރުން ވެސް އެއީ، ބަޔަކު ބޭނުންކުރާ ނަމެއް. އެހެންވީމަ އެއްވެސް ބަޔަކު ބޭނުންކުރާ ބަހެއް ހޯދުން ވާނީ އުނދަގޫ ކަމަކަށް،" އަބްދުﷲ ވިދާޅުވި އެވެ.
އެ ޕްރޮގްރާމް ރޭ ފެށުމާއެކު ހުރަވީ ބިލްޑިންގު ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ޖެހުނެވެ. މިރޭ ޚިދުމަތް ދޭން ހަމަޖައްސާފައި ވަނީ ރޭ ދޫކުރި ނަމްބަރުތަކަށެވެ.