26 މެއި 2018 - 13:46

އެސްޓީއޯ މާލޭ ލީގުގައި މިދިޔަ ހަފުތާގައި މާޒިޔާ އަތުން 1-0 އިން އީގަލްސް މޮޅުވީ ބަދަލު ކުޅުންތެރިޔާ ޖުމައިލް ޖަލީލް އިތުރު ވަގުތުގެ ތެރޭ ޖެހި ލަނޑުންނެވެ. މި ސީޒަނުގައި ކުޅުމުގެ ފުރުސަތު ގިނައިން ލިބެމުން އަންނަ ޖުމައިލް އަކީ ޒުވާން ކުޅުންތެރިންނަށް ބަލާއިރު މި އަހަރު ކުރިއެރުން ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.
"މިހާރު އެވޯޑްސް" އިން ހޮވި މާލޭ ލީގުގެ ފުރަތަމަ ބުރުގެ ޒުވާން ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ޖުމައިލް ހިމެނެ އެވެ. އޭނާ ވަނީ މެޗުތަކުގައި ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދައިފަ އެވެ. އެކަމު ފަހުން އޭނާ އަށް ފުރުސަތު ލިބެނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
"މި ސީޒަނުގައި ރަނގަޅު ކުޅުން. ޓީމު އެންމެންގެ ބުރަ މަސައްކަތް މިއީ. ހަމައެކަނި އަޅުގަނޑުގެ މަސައްކަތެއް ނޫން،" މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޖުމައިލް ބުންޏެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަންނަނީ މި ސީޒަނުގައި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެމުންނެވެ.
އުމުރުން 20 އަހަރުގެ ޖުމައިލް ބުނީ ކޯޗުގެ އިތުބާރު ދަމަހައްޓަން ފުރުސަތުގެ ބޭނުން ހިފުން މުހިއްމު ކަމަށެވެ.
ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ ވަރަށް މުހިއްމުކަމެއް. އޭރުން ކޯޗަށް ވެސް އެނގޭނީ. ލިބޭ ފުރުސަތުގައި ދައްކާ އެއްޗެއް ދެން ވެސް އިންނާނީ. ދެއްކުނީމަ ދެން އިން މެޗުތަކުގައި ވެސް ފުރުސަތު ލިބޭނީ. ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ބުންޏެވެ.
މިނިވަން ޗެމްޕިއަންޝިޕްގައި ދ. ކުޑަހުވަދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި ޖުމައިލް އީގަލްސް އަށް ބަދަލުވީ މިދިޔަ އަހަރު އެވެ.
އީގަލްސްގެ ކޯޗު މޯހަން ފަހަކަށް އައިސް ފުރުސަތު ދިން ކުޅުންތެރިން އަންނަނީ ތަފާތު ދައްކަމުންނެވެ. އޭގެ ތެރޭގައި ލީގުގެ ދެ ވަނަ ބުރުގައި އެ ޓީމަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ދެ ޑިފެންޑަރުން ކަމަށްވާ ސޮލާހު އަލީ އާއި ހުސެން ފައިސަލް ހިމެނެ އެވެ.