ތުރުކީގެ 42 ނޫސްވެރިއަކު ހައްޔަރު ކުރަން އަމުރު ނެރެފި
ތުރުކީގެ 42 ނޫސްވެރިއަކު ހައްޔަރު ކުރަން އަމުރު ނެރެފި

އަންކާރާ (ޖުލައި 25) - މި މަހު 15 ވަނަ ދުވަހު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު ހިންގަމުންދާ ތަހުގީގުގައި 42 ނޫސްވެރިއަކު ހައްޔަރު ކުރަން އަމުރު ނެރެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ހައްޔަރުކުރާ މީހުންގެ ތެރޭގައި ތުރުކީގެ މަޝްހޫރު ކޮމެންޓޭޓަރެއް ކަމަށްވާ ނަޒްލީ އިލިކަކް ވެސް ހިމެނެ އެވެ. ނޫސްވެރިން ހައްޔަރުކުރާކަން ތުރުކީ ސަރުކާރުން ރަސްމީކޮށް ބުނެފައެއް ނުވެ އެވެ.

ބަޣާވަތަށް ފަހު އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މިހާތަނަށް ވަނީ ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުންނާއި ސިވިލް ސާވިސް އިން ވެސް ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ. ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ބަޣާވާތް ކުރަން މެދުވެރިވި ހުރިހާ ވައިރަހެއް ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ފުހެލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ތުރުކީ ސަރުކާރުން ތުހުމަތު ކުރަނީ ބަޣާވާތުގެ ފަހަތުގައި ހުންނެވި އެމެރިކާގައި ދިރިއުޅުއްވާ ފަތުހުﷲ ގުލާން ކަމަށެވެ. ގުލާންގެ ވަރަށް އަރިސް ބޭފުޅަކު ވެސް މިހާރު ވަނީ ތުރުކީން ހައްޔަރުކޮށްފަ އެވެ.

ބަޣާވާތަށް ފަހު އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މިހާތަނަށް ވަނީ 15،200 ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފަ އެވެ. ޔުނިވާސިޓީތަކުގެ 1،577 ޑީނުން އިސްތިއުފާ ދިނުމަށް ވަނީ އަންގައިފަ އެވެ. ދާޚިލީ ވުޒާރާ އިން ވަނީ 8،777 މީހުން ކަނޑާލައިފަ އެވެ. މާލީ ވުޒާރާ އިން ވެސް ވަނީ 1،500 މީހުން ކަނޑާލައިފަ އެވެ. އަދި ބޮޑު ވަޒީރުގެ އޮފީހުން ވަނީ 257 މީހުން ވަޒީފާ އިން ވަކިކޮށްފަ އެވެ.

ތުރުކީގެ މީޑިއާތައް ރެގިއުލޭޓް ކުރާ އެޖެންސީން ވަނީ 24 ރޭޑިއޯއަކާއި ޓީވީ ޗެނަލެއްގެ ހުއްދަ ބާތިލްކޮށްފަ އެވެ. މި ހުރިހާ ތަންތަނަކީ ވެސް ގުލާންއާ ގުޅުން އޮންނަ މީޑިއާތަކެވެ.

ވަޒީފާ އިން ވަކިކުރި މީހުންގެ ތެރޭގައި ސިފައިންގެ ތެރޭން 6،000 މީހުންނާއި ފުލުހުންގެ ތެރޭން 9،000 މީހުން ހިމެނެ އެވެ. އަދި ގާތްގަނޑަކަށް 3،000 ފަނޑިޔާރުން ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

އަނެއްކޮޅުން އީޔޫ ކޮމިޝަނުގެ ރައީސް ޖީން-ކްލައުޑި ޖަންކާ ވަނީ ތުރުކީގައި އަލުން މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭ ނަމަ ޔޫރަޕުގެ ޖަމާއަތުގައި ތުރުކީ ބައިވެރި ކުރުމާ ބެހޭ މަޝްވަރާތައް ވަގުތުން ހުއްޓާލާނެ ކަމަށް ވިދާޅުވި އެވެ.