ނަޖީބާ ގުޅުން ހުރި ދަބަސްތަކަކުން 28 މިލިއަން ޑޮލަރު
ނަޖީބާ ގުޅުން ހުރި ދަބަސްތަކަކުން 28 މިލިއަން ޑޮލަރު

ކުއާލަ ލަމްޕޫރު (މެއި 25) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރުމުގެ ތެރޭގައި ދަބަސްތަކެއްގައި ހުރި 28.6 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނަޖީބުގެ ޕާޓީން ބުނެފައި ވަނީ ފުލުހުން ހޯދި ފައިސާ އަކީ އެކި ފަރާތްތަކުން ކެމްޕޭނަށް ދިން ފައިސާ ކަމަށެވެ. އެ ފައިސާ ފުލުހުން ހޯދީ ޕާޓީގެ އާ ލީޑަޝިޕަށް ހަވާލު ކުރުމުގެ މަގުމަތީގައި ވަނިކޮށް ކަމަށް ވެސް ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އުމްނޯ) އިން ބުންޏެވެ. އަދި ފުލުހުން ގެންދިޔަ ފައިސާ އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މެލޭޝިއާ ފުލުހުންގެ ކޮމާޝަލް ކްރައިމް ޑިވިޝަނުގެ ވެރިޔާ އަމަރު ސިންގް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ފުލުހުން ހޯދި ފައިސާތައް ހުރީ 35 ދަބަހުގައި ކަމަށެވެ. އަދި އިތުރު 37 ދަބަހުން ވަނީ ގިނަ އަދަދެއްގެ ގަޑި އާއި ގަހަނާ ހޯދައިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތަކެތީގެ އަގުކޮށް ފަހުން ތަފްސީލް ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ވެރިކަމުގައި ހުންނެވި އިރު ނަޖީބުގެ މައްޗަށް އެންމެ ބޮޑަށް ތުހުމަތުކޮށްފައި ވަނީ އިންވެސްޓްމަންޓް ފަންޑް، 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނާ އެވެ. އެ ބޭންކުން ނަޖީބުގެ އެކައުންޓަށް ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ.

ކޮރަޕްޝަނުގެ މައްސަލާގައި ސުވާލު ކުރަން މި ހަފުތާގައި ނަޖީބު ވަނީ މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދެ ފަހަރަކަށް ހާޒިރުކޮށްފަ އެވެ.

ނަޖީބާ ގުޅުން ހުރި ތަންތަން ފުލުހުން ފާސްކުރާތީ އޭނާގެ ވަކީލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.