25 މެއި 2018 - 16:44

ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މެޓު އޮފީހުން މިއަދު ރީނދޫ އެލާޓް ނެރެފި އެވެ.
މެޓުން ކުރި ޓްވީޓުގައި ބުނީ، ހއ. އާއި ލ. އަތޮޅާ ދެމެދުގެ ސަރަހައްދަށް މޫސުން ގޯސްވާނެތީ މިއަދު ހަވީރު 3:00 އިން ރޭގަނޑު ހަތެއް ޖަހަންދެން ރީނދޫ އެލާޓް ނެރެފައިވާ ކަމަށެވެ.
ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. އެގޮތުން ގަޑިއަކު 30 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. އެހެންކަމުން ކަނޑުތައް ވެސް ގަދަވާނެ އެވެ.
ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރި ކަމުގައި ވިޔަސް، އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ބުނެ އެވެ.
އަރަބި ކަނޑުގައި އުފެދިފައިވާ "މެކުނު" ތޫފާން ރާއްޖެއާ ދުރަށް ޖެހިފައިވުމުން އެ ތޫފާނުގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް މެޓުން ބުނެ އެވެ.