ރެސްޓޯރަންޓްތަކުގެ މިއުޒިކުގެ އަޑު ކަސްޓަމަރުންގެ އޯޑަރަށް "ނުފޫޒު ފޯރުވާ"
ރެސްޓޯރަންޓްތަކުގެ މިއުޒިކުގެ އަޑު ކަސްޓަމަރުންގެ އޯޑަރަށް "ނުފޫޒު ފޯރުވާ"

ކާން ރެސްޓޯރަންޓްތަކަށް ދާ މީހުން މިހާރު ބައިވަރެވެ. އެކަމަކު ކޮންމެ ފަހަރަކު ކާން ތި ދެވެނީ މިއުޒިކް ޖަހާ ރެސްޓޯރަންޓެކަށް ނަމަ އެކަމާ ދޭތެރޭ ތަންކޮޅެއް ސީރިއަސްކޮށް ވިސްނާލަން ޖެހެ އެވެ.

ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ރެސްޓޯރަންޓަކަށް ކާން ދާ އިރު، އެތަނުގައި ޖަހާފައި ހުންނަ މިއުޒިކަކީ މީހާ އޯޑަރު ދޭ އެއްޗަކަށް "ނުފޫޒު ފޯރުވާ" ކަމެކެވެ. ނަތީޖާއަކީ އެތަނެއްގެ ވިޔަފާރި އަށް ވެސް މިކަމުގެ ސަބަބުން އަސަރު ކުރުމެވެ.

އެމެރިކާގެ ސައުތު ފްލޮރިޑާ ޔުނިވަސިޓީން ހެދި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ރެސްޓޯރަންޓްގައި އަޑު ގަދަކޮށް މިއުޒިކެއް ޖަހާ ނަމަ، ކަސްޓަމަރުން އޯޑަރު ދޭނީ ޖަންކް ފުޑާއި ސޮފްޓް ޑްރިންކްސް ކަހަލަ ސިއްހަތަށް ރަނގަޅު ނޫން އެއްޗިއްސަށެވެ. އެކަމަކު ހަމަ އެ މިއުޒިކް މަޑުމަޑުން ޖަހާ ނަމަ، ކަސްޓަމަރުން އޯޑަރު ދޭނީ ސިއްހަތަށް ފައިދާ ހުރި ބާވަތްތައް އެކުލެވޭ ކެއުންތަކަށެވެ.

މިކަން ގޮތަށް ދިމާވަނީ މިއުޒިކުގެ އަޑު ގަދަވުމާއި މަޑުވުމުން މޫޑަށް ގެނުވައިދޭ ބަދަލުތަކަކުންނެވެ. މާނައަކީ މިއުޒިކްގެ ޓެމްޕޯ މީހާގެ އިހުސާސްތަކާ ކުޅުމެވެ. އަޑު ގަދަ ނަމަ، ހިތް ހިނގުން ވެސް އަވަސްކޮށްލަ އެވެ. އެކަމަކު އަޑު ނަމަ އަރާމުކަން އިހުސާސް ކުރެވި، ހިތްމަޖެހުން ގެނުވައި ދޭނެ އެވެ.

ދިރާސާ ޓީމްގައި ބައިވެރިވި ޑރ. ދިޕާޔަން ބިސްވާސް ވިދާޅުވި ގޮތުގައި އަޑުގެ ބާރުގެ މިނަކީ މީހާގެ އިހުސާސްތަކާ ވަރަށް ބޮޑަށް ކުޅެލާނެ ކަމެކެވެ.

އެހެންވެ ކާން ރެސްޓޯރަންޓަކަށްދާ ނަމަ އާންމުކޮށް، އަޑު ގަދަ މިއުޒިކް ޖަހާ ތަންތަނަށް ގޮސް ކެއުމަކީ ސިއްހީ ގޮތުން ގެއްލުން ހުރި ކަމެއް ކަމަށް ވިދާޅުވި އެވެ.

ދިރާސާ ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި މެކް ޑޮނަލްޑް ކަހަލަ މަޝްހޫރު ފުޑް ޗެއިންތަކުން، އެ މީހުންގެ އައުލެޓްތައް ފަރުމާކޮށްފައި ހުންނަނީ ކަސްޓަމަރުން އެތަނެއްގައި ގިނަ ވަގުތު ހޭދަ ކުރާނެ އުކުޅުތައް ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި މިއުޒިކަކީ އެއް ބައެވެ. އެތަނަކުން އަޑު އަހައިލާ ކަހަލަ މިއުޒިކެއް އިވޭ ނަމަ، ކަސްޓަމަރުން އެތަނެއްގައި ގިނަ ވަގުތު މަޑު ކުރާނެ އެވެ.