ޒަވީ ކުޅުން ހުއްޓާލާނީ 2020 ގައި
ޒަވީ ކުޅުން ހުއްޓާލާނީ 2020 ގައި

ދޯހާ، ގަތަރު (މެއި 25) - ފުޓްބޯޅަ ކުޅުން ހުއްޓާލާނީ 2020 ގައި ކަމަށް ބުނެ ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ގަތަރުގެ ކްލަބް އަލް ސާދްއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާ ކޮށްފި އެވެ.

"އަލް ސާދް އާއިލާއާ އެކު އިތުރު ދެ އަހަރު މަސައްކަތް ކުރުމަކީ އަހަންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް. މި ކްލަބް އޮތީ އަހަންނާ ވަރަށް ބޮޑަށް ގުޅިފައި،" އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އުމުރުން 38 އަހަރުގެ ޒަވީ ބުންޏެވެ.

ޒަވީ ވަނީ މީގެ ކުރިން މިއީ އޭނާގެ ފަހު ސީޒަން ކަމަށް ބުނެފަ އެވެ. އެކަމު އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ސާދު ވާދަކުރަމުންދާތީ ޒަވީ އެ މުބާރާތް ނިމެންދެން ކުޅޭނެ ކަމަށް ފުރަތަމަ ބެލެވުނެވެ. އެއީ ކޯޗިން އަށް ދާން ޒަވީ ނިންމާފައިވާތީ އެވެ. އެކަމު ފަހުން އެ ނިންމުން އެއްކޮށް ބަދަލުކޮށް ޒަވީ ވަނީ އެ ކްލަބަށް އިތުރު ދެ ސީޒަން ކުޅެދެން ނިންމައިފަ އެވެ.

ޒަވީ ވަނީ އުމުރުން 40 އަހަރު ވަންދެން ކުޅުން ކުރިއަށް ގެންދިއުމަކީ އޭނާ އަށް ނުވާނެ ކަމެއް ކަމަށް ކުރިން ބުނެފަ އެެވެ. އަލް ސާދާ އެކު މި ފަހަރު ހެދި ކޮންޓްރެކްޓާ އެކު އޭނާ ކުޅުން ހުއްޓާލާނީ އުމުރުން 40 އަހަރުގަ އެވެ.

ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ޒަވީ ފުރަތަމަ އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ އަލް ސާދާ އެކު މިހާތަނަށް ތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭނާ ވަނީ ސްޕެއިން ޓީމާ އެކު ޔޫރޯ އާއި ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.