އަންނަ އަހަރު ފިލްމެއް ޑައިރެކްޓް ކުރާނަން، ސްކްރިޕްޓް ވެސް ނިމިއްޖެ: ކަރަން ޖޯހަރް
އަންނަ އަހަރު ފިލްމެއް ޑައިރެކްޓް ކުރާނަން، ސްކްރިޕްޓް ވެސް ނިމިއްޖެ: ކަރަން ޖޯހަރް

އަންނަ އަހަރު ފިލްމެއް ޑައިރެކްޓް ކުރާނެ ކަމަށާއި އޭގެ ސްކްރިޕްޓް ވެސް މިހާރު ނިންމާލާފައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.

ހުކުރު ދުވަހު 46 ވަނަ އުފަން ދުވަސް ފާހަގަކުރި ކަރަން ނިއު ޔޯކްގައި ހުރެ ޕިންކްވިލާ އަށް ބުނީ އޭނާގެ އާ ފިލްމްގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. އެކަމަކު މި ފަހަރު ގެނެސް ދެނީ ކޮން ކަހަލަ ފިލްމެއް ކަމެއް ނުބުނެ އެވެ.

ނަމަވެސް ކަރަން މަޝްހޫރުވެފައި ވަނީ ލޯބީގެ ފިލްމްތައް ހަދަން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެންމެ ފަހުން އޭނާ ގެނެސް ދެނީ ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރްމާ އަދި އައިޝްވާރިޔާ ރާއީ ލީޑް ރޯލް ކުޅުނު އޭ ދިލް ހޭ މުޝްކިލް (2016) އެވެ.

"އަހަރެންގެ އާ ފިލްމްގެ ކާސްޓުން ނިއު ޔޯކުން އެނބުރި މުމްބާއީ އަށް ގޮސް ވަރަށް އަވަހަށް އިއުލާން ވެސް ކުރާނަން،" ކަރަން ބުންޏެވެ.

ކަރަން މިހާތަނަށް ހަ ފިލްމް ޑައިރެކްޓް ކުރި އިރު، އޭގެ ތެރެއިން 4 ފިލްމެއްގެ އެންމެ މުހިއްމު އެކްޓަރަކީ ގާތް އެކުވެރިޔާ ޝާހްރުކް ހާނެވެ. އޭނާގެ އަލަތު ޑައިރެކްޝަން ކުޗް ކުޗް ހޯތާ ހޭ (1998) ގެ ބޮޑު ކާމިޔާބީ އަށް ފަހު ޝާހްރުކް ވަނީ ކަބީ ހުޝީ ކަބީ ޢަމް (2001)، ކަބީ އަލްވިދާ ނާ ކެހެނާ (2005) އަދި މައި ނޭމް އިޒް ހާން (2010) ގެ ލީޑް ރޯލް ކުޅެފަ އެވެ. އަދި "އޭ ދިލް ހޭ މުޝްކިލް" ގެ ހާއްސަ ފެނިލުމަކުން ވެސް ޝާހްރުކް ދައްކައިލި އެވެ.

ކަރަން ހެދި ފިލްމްތަކުގެ ތެރެއިން ޝާހްރުކް ސްކްރީނުން ނުފެންނަ ހަަމައެކަނި ފިލްމަކީ 2012 ގައި ރިލީޒް ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ" އެވެ. އެކަމަކު އެ ފިލްމަކީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަނާއި ޝާހްރުކްގެ ރެޑް ޗިލީޒް ގުޅިގެން ގެނެސް ދިން ފިލްމެކެވެ.

ގިނަ ބަޔަކު އިތުބާރު ކުރާ ޑައިރެކްޓަރެއްގެ އިތުރުން ކަރަންއަކީ ވަރަށް ބިޒީ އަދި އެހާމެ ނުފޫޒު ގަދަ ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާ ކޯ-ޕްރޮޑިއުސްކޮށް މި މަހުގެ 11 ގައި ރިލީޒް ކުރި "ރާޒީ" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އިރު، ކަރަން ޕްރޮޑިއުސް ކުރާ އިތުރު ތިން ފިލްމެއް އަދި ސިނަމާ އަށް އަންނަން މި އަހަރު އެބަ އޮތެވެ.

އެއީ ޖުލައި 20 ގައި ރިލީޒް ކުރާ "ދަޅަކް" އާއި ނޮވެމްބަރު 23 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ އިތުރުން ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އެވެ. އަދި އަންނަ އަހަރަށް ވެސް ކަރަން ޕްރޮޑިއުސްކޮށް ގެނެސްދޭ ޝައުގުވެރި ބޮޑު ފިލްމްތަކެއް އެބަ ހުއްޓެވެ.

އޭނާ ޑައިރެކްޓްކޮށްފައިވާ ސެގްމަންޓެއް ވެސް ހިމެނޭ ހަތަރު ޑައިރެކްޓަރެއްގެ އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" އަންނަ މަހުގެ 15 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާނެ އެވެ. އެ ސެގްމަންޓްގެ ތަރިންނަކީ ކިއާރާ އަދްވާނީ އާއި ވިކީ ކޯޝަލްގެ އިތުރުން ނީހާ ދޫޕިއާ އެވެ.