25 މެއި 2018 - 13:40

ބާލިން، ޖާމަނީ (މެއި 25) - މި ފަހަރުގެ ވޯލްޑް ކަޕުގައި ބޭނުންވަނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ކަމަށާއި އެކަމަކު މިއީ އޭނާގެ އޮޑިޝަނެއް ނޫން ކަމަށް ޖަރުމަން ޓީމުގައި ހިމެނޭ އާރްބީ ލިޕްޒިގުގެ ފޯވާޑް ޓިމޯ ވާނާ ބުނެފި އެވެ.
އުމުރުން 22 އަހަރުގެ ވާނާ އަކީ މި ފަހަރުގެ މުބާރާތުގައި ވިދާލާނެ ކަމަށް ބެލެވޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މި ސީޒަނުގައި ލިޕްޒިގަށް ހުރިހާ މުބާރާތެއްގައި 21 ލަނޑު ޖަހައިފަ އެވެ.
ވާނާ ހޯދަން ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުން ވަނީ ފާއިތުވި ޓްރާންސްފާ މާކެޓްތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި މި ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ލިވަޕޫލާއި ރެއާލް މެޑްރިޑްގެ އިތުރުން އިޓަލީގެ ބައެއް ކްލަބްތަށް ހިމެނެ އެވެ.
ވާނާ ބުނީ ވޯލްޑް ކަޕްގައި ކޮންމެ ގޮތަކަށް ކަންތައްތަކެއް ހިނގައިދިޔަސް އޭނާ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ ލިޕްޒިގުން ކަމަށެވެ.
"ވޯލްޑް ކަޕަކީ ބާސެލޯނާ، ރެއާލް މެޑްރިޑް ނޫނީ ލިވަޕޫލަށް އަހަރެންދޭ އޮޑިޝަނެއް ނޫން. އަހަރެންގެ މުސްތަގުބަލު މި ވަގުތަށް އޮތީ ލިޕްޒިގާ އެކު،" ވާނާ ބުންޏެވެ.
މިދިޔަ އޭޕްރީލް މަހު ޖަރުމަނުގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ވާނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކުން މުސްތަގުބަލުގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ވާނާ ބުނީ އެއީ ދުރު މުސްތަގުބަލެއްގެ ވާހަކަ ކަމަށެވެ.
"ލިޕްޒިގާ އެކު އަހަރެންގެ ކޮންޓްރެކްޓް ހަމަވުމުން ދެން ފަށާނީ ކެރިއަރުގެ އާ ޗެޕްޓަރެއް. އެ ހިސާބުން ޕްރިމިއާ ލީގުން ފެނިދާނެ. ދެން ކުރިއަށް ވާން ހުރި ގޮތެއް ބުނަން ނޭނގޭ." ވާނާ ބުންޏެވެ.
ޖަރުމަން ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 12 މެޗުން ވާނާ ވަނީ ހަތް ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ކޯޗު ޔަކީމް ލޯ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ވާނާ އަށް ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.